އާލިއާ އާއި ސިދާރްތު ސުލްހަ ކުރުވައިފިން: ކަރަން ޖޯހަރު

މި ދެތަރިން ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ހަބަރު ދޮގުކޮށްފައި

އާލިއާ ބަޓް އާ ސިދާރްތު މަލްހަތްރާ ސުލްހަ ކުރުވައިފިކަން ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.

އާލިއާ އާއި ސިދާރްތު އާ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން އެ ދެތަރިން އެއްބަސްވެފައި ނުވިނަމަވެސް ސިދާރްތު އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ ޖެންޓްލްމޭން" ގައި ޖެކްލީން ފެނާންޑޭސް އާ މާ ގާތްވެގެން އުޅުމުގެ ސަބަބުން އާލިއާ ވަނީ ސިދާރްތް ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. ވަރަށް ގިނަ ދުވަހު އެ ދެތަރިން ހިތްހަމަނުޖެހުމުގެ ތެރޭގައި ތިއްބެވެ.

ނަމަވެސް ކަރަން އަށް އެ ހަބަރު ލިބުމާއެކީ އޭނާ ވަނީ އެ ދެތަރިން ސުލްހަ ކުރުވައިފައެވެ. ދެ މީހުން ބައްދަލުކުރުވައި ވާހަކަ ދައްކައި ހެދުމަށްފަހު އެމީހުންނަށް ވިސްނައިދިނީއެވެ. ނަމަވެސް ސިދާރްތު އާ އަލުން އެކުވެރިކަން އާލާކުރުމަށް އާލިއާ ވަނީ ޝަރުތެއް ކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ. އެއީ ޖެކްލީންއާ ދުރުގައި އުޅުމެވެ.

ކޮންމެއަކަސް ޖެކްލީން އާއި އާލިއާގެ އެއްވެސް މައްސަލައެއް ނުޖެހޭކަން ދެއްކުމުގެ ގޮތުން ޖެކްލީން އާއި އާލިއާ އެކުގައި ނަގާފައި އިން ފޮޓޯއެއް ސިދާރްތް ވަނީ ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައެވެ.

އެ ދެތަރިން ވެސް ބޮލީވުޑަށް ތައާރަފް ކޮށްދިނީ ޑައިރެކްޓަރު ކަރަން އެވެ. އެގޮތުން އެ ދެ ފަންނާނުންވެސް ފުރަތަމަ ފެނިގެން ދިޔައީ 2012 ވަނަ އަހަރު ނުކުތް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.

comment ކޮމެންޓް