ސިއްހީ ދުޅަހެޔޮކަމަށް ފައިދާ ހުރި ކާނާގެ މުހިންމުކަމާ މެދު ވިސްނަންޖެހިފައި!

ބަލިތަކުން ދިފާއުވުމުގައި ފައިދާ ހުރި ކާނާ ވަރަށް މުހިންމު

ޒަމާން ބަދަލުވެއްޖެ އެވެ. މީހުން ވެސް ބަދަލުވެއްޖެ އެވެ. ކުރިން ނުފެންނަ އެތައް ކަމެއް މި ރާއްޖެއިން ވެސް ދަނީ ފެންނަމުންނެވެ. އަޅުގަނޑުމެން ނަމޫނާއަކަށް ބަލަމުން އައި ޖޯޝުހުރި މަސައްކަތްތެރި ކާބަފައިންގެ ޒަމާން އޮއްސިގެންގޮސް އަދުގެ ޖީލު މިވަނީ މުޅިން ބަދަލުވެފަ އެވެ. މަސައްކަތްތެރި ބަޔަކަށް އަދުގެ ޒުވާނުން ނުވިއިރު މަސައްކަތްކުރެވޭ ފަދަ ސިއްހަތެއް ލިބިފައިވާ ބަޔަކަށް ވުމުގެ ނަސީބުން ވެސް މިވަނީ މަހުރޫވެފަ އެވެ.

ޒަމާންތަކުގެ ކުރިއަށް ޖެހެލާ އިރު ރާއްޖޭގައި އެންމެ ގިނައިން ފެތުރެމުންދިޔައީ ގައިން ގަޔަށް އަރަމުންދާ ބަލިތަކެވެ. ކޮލެރާ އަދި ޓީބީ ފަދަ ގައިންގަޔަށް އަރަމުންދާ ބަލިތަކުގެ ބިރުވެރިކަމުގެ މަންޒަރު ބަދަލުވެ، ގައިންގަޔަށް ނާރާ ބަލިތައް މިވަނީ، މި ދިވެހި ގައުމު ކުރިއަށް ވުރެ މާ ފުން ބިރުވެރި ކަނޑަކަށް ވައްޓާލައިފަ އެވެ.

ދާދި ފަހުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ވަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އޮތީ މާ ނުރައްކާތެރި ފައްތަރެއްގައި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ތަކަންދޫގައި ދިރިއުޅޭ ރައްޔިތުން ނުކުމެ ސަހަރާ ސާފުކުރުމުގެ މަސައްކަތް ކުރަނީ. ކުޑަކުޑަ މިރަށުގައި ކެންސަރު ބަލީގެ ވަބާ ވަނީ ވަރަށް ބޮޑުވެފައި--- ސަން ފޮޓޯ

ދިވެހި ގައުމަށް އައި ކުއްލި ނުރައްކާތެރި ބޮޑު ބަދަލާ އެކު ސުވާލުގެ ބޮޑު ފުނިވަރެއް ގިނަބައެއްގެ ސިކުނޑީގައި ވަނީ އުފެދިފަ އެވެ. އެއްބަޔަކު އެނާޖީ ޑްރިންކުގެ ބޮލުގައި އެކަން އަޅުވާއިރު ގިނައިން ފެޓްސް ހިމެނޭ ތައްޔާރީ ކާނާ އަކީ އޭގެ އަސްލުކަމުގައި ދަނީ ބުނަމުންނެވެ. ނަމަވެސް މިވީހާ ތަނަށް ވެސް ފައިދާ ހުރި ކާނާ އާއި ގައިންގަޔަށް ނާރާ ބަލިތަކާ މެދު މާބޮޑު ހޭލުންތެރިކަމެއް ރާއްޖޭގައި ނެތެވެ.

ޝައްކެއް ވެސް ނެތެވެ. ކާނާއަކީ އިންސާނާއަށް ކޮންމެހެން ބޭނުންވާ ހަކަތައެކެވެ. ކާނާ ކާނާއަކަށް ވަނީ އެތަކެތި ކެއުމުގެ ސަބަބުން އެތަކެއް ފައިދާތަކެއް އޭގެން ހަށިގަނޑަށް ލިއްބައިދޭތީ އެވެ. މެގްނީޒިޔަމް، އަޔަން، ޕްރޮޓީން، ވިޓަމިން ބީ އިން ފެށިގެން ގޮސް މޭވާ އާއި ތަރުކާރީގައި މުއްސަނދިވެފައިވާ އެތަކެއް މާއްދާތަކެއް އެތަކެތީގައި ހިމެނެ އެވެ. މިދެންނެވި މާއްދާތަކަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މައްދާތަކަކަށްވާ އިރު އެއިން ހަށިގަނޑު ދިފާއު ކޮށްދީ ސެލްތަކަށް އާރޯކަން ގެނެސްދީ ހަދަ އެވެ.

މޭވާ އަދި ތަރުކާރީގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް ހިމެނޭ އިރު މިދެންނެވި އެންޓި އޮކްސިޑެންޓުތައް، ހަށިގަނޑުގައި ހިމެނޭ ފްރީ ރެޑިކަލްސްތަކުގެ އިތުރުން ހަށިގަނޑުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކާ ދެކޮޅަށް ހަނގުރާމަކުރެ އެވެ.

ފައިދާހުރި ކާނާއާއި ދިވެހިން

ފައިދާ ހުރި ކާނާއަކީ ދިވެހިންނަށް އާ އެއްޗެެއް ނޫނެވެ. ރާއްޖޭގައި ފައިދާ ހުރި ކާނާއާ ބެހޭ ގޮތުން ސަރުކާރުން ދޭތެރެ ދޭތެރެއިން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ވެސް ހިންގަ އެވެ. ކޮންމެ މަޔަކާއި ބަފަޔަކު ވެސް އެމީހުންގެ ދަރިންނަށް ފައިދާ ހުރި ކާނާ ދިނުމަށް ވަރަށް ބޮޑަށް އިސްކަންދެވޭތޯ ބަލަ އެވެ. ނަަމަވެސް ފައިދާހުރި ކާނާ ދިވެހިން ބޭނުންކުރަނީ ކިހާވަރަކަށް ކަމާމެދު މިހާތަނަށް ވެސް އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.

ދަތުރުވެރިންގެ މާރުކޭޓް. ފައިދާ ހުރި ގިނަ މޭވާއާއި ތަރުކާރީ ލޯކަލް މާރުކޭޓުން ލިބޭއިރު އަގުވެސް އެހާ ބޮޑު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޮޑު ކުލި ދައްކައިގެން އުޅޭ ދިވެހިންގެ ވާހަކަ ފަށަން ޖެހެނީ މިހިސާބުންނެވެ. އަނގަޔާއި އަތާ ދިމާނުވެގެން ލިބޭހާ ލާރި ކުއްޔަށް ހަރަދުކޮށްފައި އަތުގައި އޮންނާނީ ވަކި ކޮންއެއްޗެއް ހެއްޔެވެ؟ ދަރިންގެ ސްކޫލު ހަރަދުތަކުން ގޮސް ހުރިހާ ބިލްތައް ދައްކާއިރު ބާކީވާ ފައިސާ އިން ކިރިޔާ ކެއުން ބުއިން މުއްތިކުރަމުންދާ ގިނަ ދިވެހި ރައްޔިތުންނަކީ މާލޭގައި ދިރިއުޅެމުންދާ ގިނަ ރައްޔިތުންގެ މިސާލެވެ.

ދިވެހިންގެ ކެއުމަށް ބަލާލާއިރު ގިނަ ދިވެހިންނަކީ ބަތާއި އަދި ރޮށި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބައެކެވެ. ހުދު ހަނޑުލާއި ގޮދަން ފުށް އާންމުކޮށް ކެއުމުގައި ދިވެހިން ބޭނުންކުރާ އިރު މިއީ އޭގައި މާބޮޑެތި ފައިދާތަކެއް ލިބޭ އެއްޗެެއް ނޫނެވެ.

ޒަމާނަށް އައި ބަދަލާ އެކު ދަނޑުވެރިކަން ކުރާއިރު އާންމުކޮށް ފުށާއި އަދި ހަނޑޫ ހުންނަނީ ވަރަށް ބޮޑަށް ޕްރޮސެސްކޮށްފަ އެވެ. އޭގެ ސަބަބުން ގިނަ ފަހަރު ވިޓަމިންސް އަދި މިނަރަލްސް ހުންނަނީ އޭގެން ގޮސްފަ އެވެ. އަދި ޕްރޮސެސް ކުރުމަށް ފަހު އެއަށް ދެން ވިޓަމިންސް އަދި މިނަރަލްސް އަޅާއިރު އޭގައި ގިނަފަހަރު "ސިންތަޓެކް: ވިޓަމިންސް" ނުވަތަ ތައްޔާތީ ވިޓަމިންސް އަލުން ހިމަނާއިރު އެއަށް ގިނަފަހަރު ހުންނަން ޖެހޭ ވަރަށް ވިޓަމިން ނުހުރެ އެވެ.

ރާއްޖޭގައި އާންމުކޮށް ފާހަގަކުރެވޭ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިޔުމާއި ކެންސަރުގެ ބަލިތައް ހިމެނެ އެވެ. ޑރ. ކެރޮލީން ޑީން އޭނާގެ ފޮތް "މެގްނީޒިޔަމް މިރަކަލް"ގައި ބުނެފައިވާ ގޮތުގައި މެގްނީޒިޔަމްއަކީ އޭގެ ސަބަބުން ހަށިގަނޑުގެ ލޭގެ ނާރުތައް "ރިލެކްސްކޮށް" އަދި ލޭގެ ޕްރެޝަރު ހަަމައަކަށް އެޅުވުމަށް ޓަކައި މުހިންމު މާއްދާއެކެވެ.

ފައިދާ ހުރި ކާނާއިން ރާއްޖޭގެ ގިނަ ބަޔަކު މަހުރޫވުވެފައިވާއިރު ރާއްޖޭގެ ބޭސްފިހާރަތަކުން ހަށިގަނޑަށް ބޭނުންވާ މުހިންމު ގިނަ ވިޓަމިންސް ލިބޭން ނުހުންނަކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން މެގްނީޒިޔަމް، ޒިންކް އަދި ވިޓަމިންބީ ފަދަ ގިނަވައްތަރުތައް ރާއްޖޭގެ ބޭސްފިހާރައަކުން ލިބުމަކީ ނާދިރު ކަމެކެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ ކާތަކެއްޗާ މެދު ވެސް ސުވާލު އުފެދޭ

މީގެ ފަސްއަހަރު ކުރިން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ރާއްޖޭގައި މޭވާ ދޮންކުރުމަށް ކެމިކަލް ބޭނުންކުރާ ކަމަށް ބުނެ އެފަދަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ރާއްޖޭގައި އެފަދަ މައްސަލަތައް ފާހަގަ ކުރެވިފައިވާއިރު ރާއްޖެއިން ބޭރުގައި ވެސް އެފަދަ މައްސަލަތައް ހުންނާނެ އެވެ. އެކި ބާވަތްތަކުގެ ކެމިކަލް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ހައްދާފައި ހުންނަ ތަރުކާރީ އާއީ މޭވާގެ ހަގީގަތެއް އަޅުގަނޑުމެންނަކަށް ނޭނގެ އެވެ.

ތަރުކާރީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ކުކުޅު ފަދަ ތަކެއްޗަކީ ބްރެޒިލް ފަދަ ގައުމުތަކުން އެތެރެކުރާ އެއްޗިއްސެވެ. މިއީ ކިހާ ތާޒާ ކާތަކެތިތޯ ވެސް ގިނަ ފަހަރު ސުވާލުއުފެދެ އެވެ. މީގެ ކުރިން ބ. ހިތާދުގައި ކުކުޅު ފެކްޓްރީއެއް އުފެއްދިކަމުގައި ވިޔަސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވިގެން ފަހުން އެކަން ވަނީ ހުއްޓައިލައިފަ އެވެ. މިފަދަ ތަފާތު އެތަކެއް ސަބަބުތަކާ ހުރެ، ތާޒާ ދިވެހި ކުކުޅު ދިވެހިންނަށް ލިބުމުގެ ދޮރު ވެސް ވަނީ ހަނިވެފަ އެވެ.

ފައިދާހުރި ކާނާއަށް އަހުލުވެރިކުރުމަށް މިހާރުގެ ސިޔާސަތު ބަދަލުކުރަން ޖެހޭ

ފައިދާ ހުރި ކާނާއަށް އަހުލުވެރި ކުރުމަށް ޓަކައި ރާއްޖޭގެ މިހާރުގެ ސިޔާސަތަށް ހެޔޮ ބަދަލެއް ވަނީ ބޭނުންވެފަ އެވެ. ރާއްޖޭގައި ތަރުކާރީ އަދި މޭވާގެ އަގު އިންތިހާއަށް ބޮޑުއިރު އެ ތަކެތީގެ އަގު އަތްފޯރާފަށަށް އަންނަން އެބަޖެހެ އެވެ. މިހާރު ވެސް ރާއްޖޭގައި އެހެނިހެން ތަކެއްޗަށް ސަބްސިޑީ ދޭހެން ތަރުކާރީއާއި މޭވާއަށް އަހުލުވެރިކުރުމަށް ޓަކައި ސަބްސިޑީސް ދީގެން ނޫނީ މިފަދަ ތަކެތީގެ އަގު އަތްފޯރާ ފަށަށް އައުމަކީ ނާދިރުކަމެކެވެ.

ސަރުކާރުން އާސަންދައަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާއިރު ދެމެހެއްޓެނިވި އުސޫލުން އާސަންދަ ކުރިއަށް ގެންދިޔުން ބޮޑު ގޮންޖެހުމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ފައިދާ ހުރި ތާޒާ ކާނާ ދިވެހިންނަށް ފޯރުކޮށްދިނުމަށް ޓަކައި ރާއްޖޭގައި ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ދަނޑުވެރިކަން އިތުރަށް ފުޅާކުރަން ވެސް އެބަޖެހެ އެވެ. ގައިން ގަޔަށް ނާރާ ބަލިތަކުން ސަލާމަތްކުރުމަށް ޓަކައި މިވަނީ ވަރަށް ބޮޑަށް އެ އާމެދު ފުންކޮށް ވިސްނަން ޖެހިފަ އެވެ. "ޔޫ އާ ވަޓް ޔޫ އީޓް" ބުނެއުޅެނީ ސަބަބެއް ނެތި އެއް ނޫނެވެ. ތިބާގެ ކެއުން ބައްޓަންކުރާ ގޮތުން އޭގެ އަސަރު ފެންނާނީ ހަމަ ތިބާގެ ހަށިގަނޑުންނެވެ.

comment ކޮމެންޓް