ކޭންގެ ދެ ލަނޑާ އެކު ލިވަޕޫލް އަތުން ޓޮޓެންހަމް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކޮޅަށް ކޭން ޖެހި ފުރަތަމަ ލަނޑަށް ފަހު، ޓޮޓެންހަމް ކުޅުންތެރިން އުފާފާޅު ކުރަނީ: އެ މެޗުން ޓޮޓެންހަމް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

އިނގިރޭސި ފޯވަޑް ހެރީ ކޭންގެ ދެ ލަނޑާ އެކު ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައި ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދާފައި ވަނީ 4-1 ލަނޑުގެ ނަތީޖާ އަކުންނެވެ.

އެ މޮޅާ އެކު ޓޮޓެންހަމް އިން ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް އާއި ޔުނައިޓެޑަށް ވެސް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ޔުނައިޓެޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމްއާ ދެމެދު އޮތީ ފަސް ޕޮއިންޓްގެ ފަރަގެކެވެ.

މިރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ލީޑު ހޯދައިފަ އެވެ. ކިއެރަން ޓްރިޕިއާ ދިން ބޯޅަ އަކުން ޓޮޓެންހަމް އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ކޭން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ސިމޮން މިގްނޮލޭ ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ހަމަލާ އަކުންނެވެ.

ކޭންގެ ލަނޑު ފެނިގެން ދިޔަތާ އަށް މިނެޓް ފަހުން ޓޮޓެންހަމް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކޭން ދިން ބޯޅަ އަކުން ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސޮން ހެއުން މިން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާ އަކުންނެވެ.

މެޗުގައި ލިވަޕޫލަށް އުންމީދެއް އާވެގެން ދިޔައީ 24 ވަނަ މިނެޓުގަ އެވެ. ޖޯޑަން ހެންޑާސަން ދިން ބޯޅަ އަކުން ލިވަޕޫލަށް އުންމީދު އާކޮށްދިނީ އެ ޓީމުގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު އެވެ. ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައި ވަނީ ޓޮޓެންހަމް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމް އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި، އަލުން ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޓޮޓެންހަމް އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ޑެލޭ އަލީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޖޯއެލް މަޓިޕް އަށް ރަނގަޅަށް ދިފާއު ނުކުރެވުމާ އެކު ލިބުނު ބޯޅަ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުގެ ނަތީޖާ އަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފު ފެށުނުތާ 11 މިނެޓް ފަހުންނެވެ. ލިވަޕޫލްގެ ކީޕަރު މިގްނޮލޭ އަތުން ގެއްލުނު ބޯޅަ އަކުން ޓޮޓެންހަމް އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ކޭން އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ އަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. އޭނާ ފޮނުވާލި އެ ހަމަލާ، ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ ހުޝިޔާރުކަމާ އެކު މަތަ ކޮށްފަ އެވެ.

comment ކޮމެންޓް