ވެންގާގެ 68 ވަނަ އުފަން ދުވަހު އެވަޓަން ބަލިކޮށް، އާސެނަލް ފަސް ވަނަ އަށް

މެސުޓް އޮޒިލްގެ ލަނޑަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ލީގުގައި މިރޭ ކުޅުނު މެޗުގައި އެވަޓަން އަތުން އާސެނަލް މޮޅުވީ 5-2 ލަނޑުން --- ފޮޓޯ/ އޭޕީ

އާސެނަލްގެ ކޯޗު އާސެން ވެންގާގެ 68 ވަނަ އުފަން ދުވަހު އެވަޓަން ބަލިކޮށް، އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި މިރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 5-2 ލަނޑުގެ ނަތީޖާއަކުންނެވެ. މީގެ ކުރިން 2005 އަދި 2006 ވަނަ އަހަރު، ވެންގާގެ އުފަން ދުވަހު އާސެނަލް ކުޅުނު ލީގު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

އެވަޓަންއާ ދެކޮޅަށް ކުޅެ ހޯދި މޮޅާ އެކު އާސެނަލް ވަނީ ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޕޮއިންޓްގެ ގޮތުން ހަތަރު ވަނައިގައި އޮތް ޗެލްސީ އަދި އާސެނަލަށް ވެސް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ޗެލްސީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

މިއަދު ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފައިވެ އެވެ. އާސެނަލްގެ ފޯވަޑް އެލެކްސެންޑާ ލަކަޒެޓް ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށްވީ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފާޑް އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ: މިއަދަކީ އޭނާގެ 68 ވަނަ އުފަން ދުވަސް --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ އެވަޓަން އިންނެވެ. އެވަޓަން އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، އަލުން އެނބުރި އެވަޓަންއާ ގުޅުނު އިނގިރޭސި ފޯވަޑް ވޭން ރޫނީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ގްރެނިޓް ޖަކާ އަށް ހެދުނު ގޯހަކުން އެވަޓަން އަށް ލިބުނު ފުރުސަތެއްގަ އެވެ.

އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އާސެނަލްގެ ޖަކާ ފޮނުވާލި ހަމަލާއެއް އެވަޓަންގެ ގޯލްކީޕަރު ޕިކްފާޑް މަތަކުރުމާ އެކު ލިބުނު ރީބައުންސް ބޯޅަ އިން އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ނާޗޯ މޮންރެއާލް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި އާސެނަލަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އާސެނަލުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒް ނަގައިދިން ހުރަހަކުންނެވެ.

މެޗުގައި އެވަޓަން އަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެގެން ދިޔައީ މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމުގެ ސެނެގޯލް މިޑްފީލްޑަރު އިދްރީސާ ގުއެޔޭ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކީ ޖަކާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އާސެނަލްގެ ތިން ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 74 ވަނަ މިނެޓުގަ އެވެ. އާސެނަލްގެ ހާފްގެ ތެރެއިން އެވަޓަން އަތުން ބޯޅަ ގެއްލުމާ އެކު އުފެއްދި ކައުންޓާ އެޓޭކެއްގައި އޮޒިލް ދިން ބޯޅައަކުން އާސެނަލް އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު ފޯވަޑް ލަކަޒެޓް އެވެ.

އާސެނަލުން ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ޖެކް ވިލްޝެއާ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުން ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. އާސެނަލްގެ ޑިފެންޑަރު މޮންރެއާލް އަށް ހެދުނު ގޯހަކުން އެވަޓަންގެ ލަނޑު ކާމިޔާބު ކޮށްދިނީ އޯމާރް ނިއާސޭ އެވެ. އަދި އޭގެ މާ ގިނައިރުތަކެއް ނުވަނީސް، ރަމްސީ ދިން ބޯޅައަކުން އާސެނަލްގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސަންޗޭޒް އެވެ.

comment ކޮމެންޓް