ހެލްތު އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ސަން

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ހަމަޖައްސާފައިވާ --- ސަން/ ފައިލް ފޮޓޯ

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ހަމަޖައްސައިފި އެވެ.

ޗަމްޕާ ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްވީ މެޑިކަލްސްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް އޮފް މާކެޓިންގް އަބްދުﷲ ޖަލީލެވެ. ސަން މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު މިންހާ ފާއިޒެވެ.

މިދިޔަ އަހަރު ބޭއްވި ހެލްތު އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ވެސް ސަން މީޑިއާ ގްރޫޕެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލީލު ވިދާޅުވީ ހެލްތު އެކްސްޕޯއަކީ އަންނަ މަހުގެ ނުވައަކުން އެގާރަ އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެކްސްޕޯ އެއް ކަމަށާއި އެ އެކްސްޕޯ އިން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ސިއްހީ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބި ސިއްހީ މާހިރުންނާ ބައްދަލު ވެސް ވެވޭނެ ކަމަށެވެ.

ދިވެހިރާއްޖެ އާއި ސަރަހައްދީ ގައުމުތަކުން ލިބެން ހުރި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތްތަކަށް މުޖުތަމައު ހޭލުންތެރި ކުރުމަކީ ހެލްތް އެކްސްޕޯގެ އަމާޒެވެ.

އެ އެކްސްޕޯގެ ސަޕޯޓިން ޕާޓްނަރަކީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އެވެ. އެ ޖަމިއްޔާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާޕާސަން އާސިމް މުހައްމަދެވެ. އެކްސްޕޯގެ ޓެކްނޮލޮޖީ ޕާޓްނަރަކީ އުރީދޫ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހުސައިން ނިޔާޒެވެ.

އެކްސްޕޯގެ ފިޓްނަސް ޕާޓްނަރެއްގެ ގޮތުގައި ޓޯޓަލް ފިޓްނަސް ގްރޫޕްގެ ފަރާތުން ސީއީއޯ ހުސައިން ޒިނާން ސޮއިކުރައްވާފައިވާއިރު، ލައިޓް އެންޑް ސައުންޑް ޕާޓްނަރު ޔުނިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު މޫސާ އިޒްމީލެވެ.

ހޮޓެލްގެ ޕާޓްނަރެއްގެ ގޮތުގައި ޗަޕްޕާ ސެންޓްރަލް ހޮޓެލް ހަމަޖައްސައިފައިވާއިރު އެތަނުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖިން ޑިރެކްޓަރު ސުމިތު ކުމާރު ސިންގެވެ. އަދި ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ލެ ޓުއާ ޑި މޯލްޑިވްސް ހަމަޖައްސައިފައިވާއިރު، އެ ތަނުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ރިޔާޒެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ އަކީ ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ބޭއްވޭ އެންމެ ބޮޑު އެގްޒެބިޝަން އެވެ. އަދި މިއީ އެ އެގްޒެބިޝަން ބާއްވާ ދެ ވަނަ އަހަރު ވެސްމެއެވެ.

comment ކޮމެންޓް