މާ ގިނައިން ހަކުރު ބޭނުންކުރާނަމަ ފުރަމެއަށް ގެއްލުންވޭ!

ހަކުރު. މާގިނައިން ހަކުރު ބޭނުންކުރުމަކީ ނުރައްކާތެރި ބަލިތައް ޖެހޭނެ ކަމެއް--

ކޮންމެ އެއްޗެއްވެސް ބޭނުންކުރާނީ ވަކި ހައްދެއްގެ ތެރެއިންނެވެ. މާގިނައިން ކެއުމަކީވެސް އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭނެކަމެކެވެ. އެގޮތުން ހަކުރު ހިމެނޭ ކާނާ އާއި ބުއިންތައް މާގިނައިން ބޭނުން ކުރާނަމަ ފުރަމޭ ހަލާކުވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ހަކުރު އެކުލެވޭ ބުއިންތަކާ، އައިސްކްރީމް ފަދަ ކާނާ ކާންވާނީ ވަކި ލިމިޓެއްގެ ތެރެއިންނެވެ. ބައެއް މީހުންނަކީ އާންމުކޮށް ފޮނިއެއްޗެހި ކާހިތްވާ، އެއަށް ހިތްްކިޔާ މީހުންނެވެ. ވިސްނަންވީ ކަމަކީ މިގޮތަށް ފޮނިއެއްޗެހި ކާނަމަވެސް، ވަކި މިންވަރެއް އެކަމުގައި ހިފަހައްޓަން ޖެހޭ ކަމެވެ. ފޮނިއެއްޗެހި ކާއިރު ސިކުނޑިއަށް ވިސްނެނީ އެއީ "ހަދިޔާ" އެއްގެ ގޮތުގައެވެ. ނަތީޖާ އެއްގެ ގޮތުން އެއެއްޗެއް އިތުރަށް ބޭނުންވެގެން ހިތްގޮވައެވެ.

ގިނައިން ހަކުރު ބޭނުންކުރުމަކީ ލޭގައި ފެޓްސްގެ ބައި އިތުރުވެ، ފުރަމެއަށް އޭގެ ސަބަބުން ނުރައްކާ ކުރިމަތިވެދާނެ ކަމެކެވެ. މިއީ ފުރަމޭގައި ފެޓްްސްގެ ބައި އިތުރުވެ މެޓަބޮލިޒަމް ހަރަކާތްތައް އިތުރުކުރާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން "ނަން އަލްކަހޯލިކް ފެޓީ ލިވާ ޑިޒީސް" ކިޔާ ބައްޔަކަށް ހުށަހެޅޭ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މިއީ އާންމުކޮށް ހަކުރު އެކުލެވޭ ބުއިންތައް ބުއިމަށް އާދަވެފައި ތިބޭ ކުޑަކުދިންގެ ބެލެނިވެރިން ސަމާލުކަންދޭން ޖެހޭ ކަމެކެވެ. ކުޑަކުދިންނަށް މެޓާފަދަ އެއްޗެހި ދޭއިރު މިކަމަށް ސަމާލުވާން ވާނެއެވެ. ޗޮކްލެޓާ މެޓާ އަދި ހަކުރު އެކުލެވޭ ބުއިންތައް ބޭނުންކުރުމުގެ އާދަ ކުދިންގެ ގައިގައި ހަރުލުމުގެ ކުރިން ބެލެނިވެރިން ސަމާލުވާންވާނެއެވެ. ކުއްޖާ އާދަޔާކިލާފަށް ފަލަވުމާ، ދަތްފަނިކެއުން ފަދަ ކަންތަކުން ރައްކާތެރިވާނީ އޭރުންނެވެ.

comment ކޮމެންޓް