ރާނީ މުކަރްޖީގެ ބައްޕަ މަރުވެއްޖެ

ވެޓެރަން ފިލްމު ޑައިރެކްޓަރު-ސްކްރީންރައިޓަރު އަދި ކާމިޔާބު އެކްޓަރު ރާނީ މުކަރްޖީގެ ބައްޕަ ރާމް މުކަރްޖީ މަރުވެއްޖެ އެވެ.

ރާމް މުކަރްޖީ މަރުވީ ރޭ ފަތިހު ފަހެއް ޖަހާ އެހާކަށްހާއިރު އެވެ. މަރުވި އިރު އުމުރުން 84 އަހަރެވެ.

ރާމް މަރުވީ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދަށްވެގެން، ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭނާގެ އަންހެނުން ކްރިޝްނާ މުކަރްޖީ ވަނީ ބުނެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުނު ނަމަވެސް، ފަހަކަށް އައިސް ރާމްގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވި ކަމަށާއި، ލޭގެ ޕްރެޝަރު ދަށަށް ދިޔައީ ހަމަ ކުއްލިއަކަށް ކަމަށް ކްރިޝްނާ ބުންޏެވެ.

ރާމް މުކަރްޖީ އަކީ ފިލްމަލާޔާ ސްޓޫޑިއޯޒްގެ ފައުންޑާ އެކެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކަކީ 'ހަމް ހިންދުސްތާނީ' އަދި 'ލީޑަރ' އެވެ. ރާމް ވަނީ ހިންދީ ސިނަމާގެ އިތުރުން ބެންގޯލީ ސިނަމާގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

ރާނީ ބޮލީވުޑަށް ތައާރަފުވި ފިލްމު 'ރާޖާ ކީ އާއެގީ ބާރާތު' އަދި ރާނީގެ ފުރަތަމަ ބެންގޯލީ ފިލްމު ވެސް ޕްރޮޑިއުސް ކުރީ ރާމް އެވެ.

comment ކޮމެންޓް