އާންމު ފާހާނާތައް ބޭނުންކުރާ އިރު ބަލިތަކުން ރައްކާތެރިވާނީ ކިހިނެއް؟

ޕަބްލިކް ޓޮއިލެޓެއް. މިފަދަ ފާހާނާތައް ބޭނުން ކުރުމަށް ފަހު ރީތިކޮށް ސާފުތާހިރުވާން ޖެހޭ--

އާންމު ފާޚާނާ ނުވަތަ ޕަބްލިކް ފާހާނާތަކަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަމުން އަންނަ ތަންތަނެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ބޭނުންކުރާ މި ފާހާނާތަކަކީ ބަލިތަކަށް ހުޅުވާލެވިފައިވާ ޖަގަހައެކޭ ވެސް ބުނެވިދާނެ އެވެ. ކިތަންމެ ގިނައިން ސާފުކޮށް، ސާފުތާހިރުކަމާ އެކު ބަލަހައްޓާ އާންމު ފާހާނާއެއް ނަމަވެސް އެތަނުން ބަލިތައް ފަތުރާ ޖަރާސީމު އުފެދޭނެ އެވެ.

ދިވެހިރާއްޖޭގައި އާންމު ފާހާނާތައް އެހާ އާންމު ނޫނަސް، ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޕަބްލިކް ފާހާނާތައް އަލެއް ނުވާނެ އެވެ. އާންމު ފާޚާނާތައް ބޭނުންކުރާ މީހުންގެ ހިތުގައި އުފެދޭ އެންމެ ބޮޑު ބިރަކީ މި ފާހާނާތައް ބޭނުން ކުރުމުގައި ދިމާވެދާނެ ސިއްހީ މައްސަލަތަކެވެ. މި އީ ޑޮކްޓަރުންނާ އެންމެ ގިނައިން ކުރިމަތިވާ އެއްސުވާލު ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

އާންމު ފާހާނާތައް ބޭނުންކުރާ މީހުން ސަމާލުކަންދޭންވީ ފާހާނާ ބޭނުންކުރުމަށް ފަހު ސާފުތާހިރުކޮށް އަތްދޮވެ ހެދުމަށެވެ. ފާޚާނާ ތަށީގައި އިށީންނައިރު މަތިގަނޑު މަތި ޓިޝޫ އިން ކަވަރުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށާއި ފާޚާނާ ބޭނުން ކުރުމަށް ފަހު އަތްދޮވެ، ސެނިޓައިޒާ އަކުން އަތް ސާފުކޮށްލުން ވެސް މުހިއްމު ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އަދި އަންހެން ބޭފުޅަކު ނަމަ އަތްދަބަހުގައި ސެނިޓައިޒާ ފުޅިއެއް އޮތުން ވެސް މުހިންމު ކަމަށެވެ.

"ބައެއް މީހުންގެ ހިތުގައި އުފެދޭ ބިރަކީ އާންމު ފާހާނާއެއް ބޭނުން ކުރާއިރު ފުރަގަސް ފަރާތުން ނޫނީ ކުރިމަތި ފަރާތުންވިޔަސް ހަށިގަނޑު ތެރެއަށް ބެކްޓީރިއާ ގޮސްފާނެތީ އުފެދޭ ބިރު. އަދި ޔުރީން އިންފެކްޝަން ފަދަ ކަމެއް ދިމާވެދާނެތީ އާންމު ފާހާނާ ބޭނުން ނުކުރަން އިންނަ މީހާ ވެސް ކުޑަކަމުދާން ބޭނުން ވެފައި އިންނަލެއް ބޮޑުކަމުންގޮސް ޔުރީން އިންފެކްޓްވާތަން އާދޭ. އެހެންކަމުން އެންމެ މުހިއްމީ އަވަހަށް ފާހާނާ ކުރުމަށް ފަހު، ސާފުތާހިރުވުން،" އިނގިރޭސިވިލާތުގެ އާންމު ސިއްހަތާ ބެހޭ ޑޮކްޓަރަކު ވިދާޅުވެފައިވެ އެވެ.

އެ ބޭފުޅާ ވިދާޅުވީ އާންމު ފާހާނާތައް ބޭނުންކުރުމުން ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް އެތަންތަން ބޭނުންކުރާ މީހާއަށް ޖެހޭކަމުގެ މެޑިކަލް އެވިޑެންސެއް ފެންނަން ނެތް ކަމަށާއި އެންމެ މުހިއްމީ އެތަން ބޭނުން ކުރުމަށް ފަހު އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން ކަމަށެވެ.

comment ކޮމެންޓް