ބައިކް މޯލްޑިވްސްގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ޑިނަރ ނައިޓެއް!

ބައިލް މޯލްޑިވްސްގެ ފުރަތަމަ ޖޫނިއަރ ބައިކް ލީގުގެ ތެރޭން -- ފޮޓޯ: ބައިކް މޯލްޑިވްސް

ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)އިން ކުރިއަށްގެންދިޔަ ތަފާތު ހަރަކާތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށް، ޚާއްސަ "ފެމިލީ ޑިނަރ ނައިޓް"އެއް ބޭއްވުމަށް އެ ޖަމިއްޔާއިން ތައްޔާރުވަމުން އެބަދެއެވެ.

ރާއްޖޭގެ ނާޒުކް ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށް، ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމަށް، 2015 ވަނަ އަހަރު އުފެއްދި ޖަމިއްޔާގެ އެއް ފައުންޑަރ އަހްމަދު ޙަސަންދީދީ ވިދާޅުވީ، ޑިނަރ ނައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ބައިކް މޯލްޑިވްސްގެ ޚާއްސަ ޑިނަރ ނައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ، ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ޜޭ --

ސްޓެލްކޯގެ ޓެރަސްގައި، ނޮވެމަބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ 8:30ގައި ބާއްވާ މި ޑިނަރ ނައިޓުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލާފައި ވާއިރު، ޓިކެޓެއް ވިއްކަނީ 200 ރުފިޔާއަށް ކަމަށް އަހްމަދު ޙަސަންދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑިނަރ ނައިޓުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ޖުމުލަ 1000 ޓިކެޓް ކަމަށެވެ. މީގެ އިތުރުން، ސުވެނިއަރ ޓިކެޓްގެ ގޮތުގައި، 1000 ރުފިޔާއަށް ވިއްކާ ޚާއްސަ 10 ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލުމާއެކު އެ 10 ޓިކެޓްވެސް މިހާރު ވިކިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ޖޫނިއަރ ބައިކް ލީގުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ބައިކް މޯލްޑިވްސް

"މި ޑިނަރ ނައިޓް ބޭއްވުމުގެ މަގުސަދަކީ، ބައިކް ފެމެލީއާއި ބައިކް މޯލްޑިވްސްއަށް އެހީތެރިވެދޭ، އަދި މިކަމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތައް އެއްތަނަކުން ބައްދަލުވެލުން. މީގެ އިތުރުން ބައިކް މޯލްޑިވްސްގެ ފަރާތުން ކުރެވިފައިހުރި ބައެއް ކަންތައްތައް ފާހަގަކޮށް، އެވޯޑް ދިނުންވެސް ކުރިއަށް ދާނެ،" އަހްމަދު ހަސަންދީދީ ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްގެ ޚާއްސަ ޑިނަރ ނައިޓް ކުރިއަށް ގެންދާން ހަމަޖެހިފައި ވަނީ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާވެސް އެކުގައެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭފަރާތްތަކަށް އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސްއިން ވަނީ، މި އަހަރު ތެރޭގައި ވެސް ތަފާތު މުބާރާތްތަކާއި، އަދި ތިމާވެއްޓާ ގުޅުންހުރި ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ.

ބައިކް މޯލްޑިވްސް ފެމިލީ ޑިނަރ ނައިޓާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، 3338855 ނަންބަރަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް