"ސްޓޫޑެންޓް އޮފް ދަ އިޔާ" ކުޅުނު އިރު އާލިއާ ބަޓް 14 ފަހަރު ހޭނެތުނު!

"ސްޓޫޑަންޓް އޮފް ދަ އިޔާ އިން ތައާރަފް ވި ތިން ކާމިޔާބު ފަންނާނުންކަމަށްވާ އާލިއާ ބަޓް، ސިދާތް މަލްހަތްރާ އަދި ވަރުން ދަވަން

"ސްޓޫޑެންޓް އޮފް ދަ އިޔާ" ބޮލީވުޑަށް ތައާރަފް ވިތާ މިވަނީ ފަސް އަހަރުވެފައެވެ.

މީގެ ފަސް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 19 ވަނަ ދުވަހު ނުކުތް ކަރަން ޖޯހަރުގެ ފިލްމުން ކުޅަދާނަ ތިން އާ ފަންނާނުން ބޮލީވުޑަށް ތައާރަފްވިއެވެ. އެ ތިން ފަންނާނުންނަކީ ވެސް މިވީ ފަސް އަހަރުގެ ތެރޭގައި ބޮލީވުޑް، ކާމިޔާބު ތަނަކަށް ހެދުމަށް އެންމެ މަސައްކަތްކުރި ފަންނާނުންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެެރޭގައި އެ ތިން ފަންނާނުން ބޮލީވުޑްގައި ގުގުމާލައިފައިވާ އިރު ސިދާތް މަލްހަތްރާ، އާލިއާ ބަޓް އަދި ވަރުން ދަވަން އަކީ މިހާރު ބޮލީވުޑްގެ ވެސް އެންމެ ކާމިޔާބު ތިން ފަންނާނުންނެވެ.

ފިލްމަށް ފަސް އަހަރުވުމުން ކަރަން ވަނީ ފިލްމުގެ ބައެއް ސިއްރުތައް މީޑިއާ އާ ހިއްސާކޮށްފައެވެ.

ކަރަން ބުނީ އެ ފިލްމްގެ ޝޫޓިން ކުރިއަށް ގެންދިޔުމުގެ ތެރޭގައި އާލިއާ 14 ފަހަރަށް ހޭނެތުނު ކަމަށެވެ. ފިލްމު ޝޫޓް ކުރި ދުވަސްވަރަކީ ކޮންމެވެސް ވަރަކަށް އާލިއާ ބަލިވެ އުޅުނު ދުވަސްވަރަކަށް ވެފައި އެ ފިލްމަކީ އޭނާގެ ފުރަތަމަ ފިލްމު ކަމުން އާލިއާ ހުރީ ވަރަށް ނުތަނަވަސްވެ ހާސްވެފައިކަމަށެވެ. އެހެންވެ ފިލްމް ޝޫޓިންގ ތެރޭގައި އާލިއާ ހޭނެތެނީ ކަމަށެވެ.

ފިލްމަށް އާ ފަންނާނުން ހޯދުމަށް ބޭއްވި އޮޑިޝަންގައިވެސް އެތައް ބައިވަރު ކުދިންނެއް އައި ކަމަށް ކަރަން ބުންޏެވެ. ނަމަވެސް ހިތް އެދޭ، ރަނގަޅު، އެކްޓް ކުރެވޭ ފެންވަރު ފެނުނީ އެ ތިން ފަންނާނުންގެ ކިބައިން ކަމަށާއި މިއަދު އެ ތިން ފަންނާނުންނާ މެދު ފަހުރުވެރިވާކަމަށް އޭނާ ބުންޏެވެ. ކަރަން ބުނީ އާލިއާ ބަޓްގެ ހުނަރު އޭނާއަށް ފެނުނީ 432 ކުދިންގެ އޮޑިޝަނަށް ފަހުއެވެ.

އޭނާގެ އެކްޓިންގް ފުރިހަމަ ވިޔަސް އޭރު އޭނާ ހުރީ ވަރަށް ފަލަކޮށް ކަމަށާއި ފިލްމަށް އޭނާ ހޮވުނުކަން އެނގުނު ހިސާބުން އާލިއާ ހިކެން މަސައްކަތް ކުރީ ކަރަން ބުނި ގޮތަށް ކަމަށާއި ތިން މަސްދުވަހުގެ ތެރޭގައި އޭނާ ވަރަށް ބޮޑު ތަން ހިއްކާލިކަން ކަރަން ވަނީ ފާހަގަކޮށްފައެވެ.

'ހިންދުސްތާން ޓައިމްސް' އަށް ދިން އިންޓަވިއު ނިންމާލުމުގެ ކުރިން ކަރަން ބުނީ އެ ފިލްމަކީ އާލިއާގެ އެންމެ ފުރަތަމަ ފިލްމު ނޫންކަމަށެވެ. 1999 ވަނަ އަހަރު ނުކުތް 'ސަންގްހާޝް' ފިލްމުގައި އާލިއާ ވަނީ ކުޑަ ކުއްޖެއްގެ ރޯލު އަދާކޮށްފައެވެ. ނަމަވެސް ބޮލީވުޑަށް އެއްކޮށް ތައާރަފްވީ ކަރަންގެ ކާމިޔާބު ފިލްމުން ކަމަށެވެ.

"މިއަދު ފަހުރުވެރިކަމާއެކީ ބުނެލެވިދާނެ އެ ތިން ފަންނާނުންނަކީ އަހަރެން މި ދާއިރާ އަށް ތައާރަފުކުރުވި ކާމިޔާބު ފަންނާނުންކަމަށް. މޭގައި އަތްޖަހާލާފައި މިބުނަނީ. އަހަރެން ވަރަށް ފަހުރުވެރިވޭ އެ ތިން ފަންނާނުންނާ ދޭތެރޭ. ކުރިއަރަމުން އަންނަ ވަރު ބެލުންތެރިންނަށް ވެސް އެނގޭނެ ކަންނޭގެ،" ކަރަން ބުންޏެވެ.

comment ކޮމެންޓް