ޓިލާސަން ސައޫދީގައި، މެދުއިރުމަތި އަނެއްކާވެސް ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކާ ދިމާއަށް!

ރިޔާޒް (އޮކްޓޯބަރ 22): އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ސައޫދީ އަރަބިޔާއަށް ވަޑައިގެން އެގައުމުގެ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އާ ބައްދަލުކުރައްވައިފިއެވެ.

މިއީ ގަލްފުގެ ބައެއް ގައުމުތަކާއި ގަތަރާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި އީރާނާ ދެކޮޅަށް އެމެރިކާ ހިންގާ އަމަލުތަކުގައި ސައޫދީންގެ އެހިތެރިކަމާއި އެއްބާރުލުން ހޯދުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ޓިލާސަން ރިޔާޒަށް ވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައިވަނީ ގަލްފުގެ މައްސަލަ ހައްލުނުކުރެވިގެން އުޅެނީ ގަތަރާ ގުޅުންތައް ކަނޑާލާފައިވާ އަރަބި ގައުމުތަކުން ގަތަރާ ވާހަކަދައްކަން ދެކޮޅުހަދާތީ ކަމަށެވެ.

ޓިލާސަން ސައޫދީގައި ހުންނަވާއިރު އިރާގާއި ސައޫދީގެ ގުޅުންތައް ރަނގަޅު ކުރުމަށްޓަކައި އިރާގުގެ އިސް ބައެއް މަސްއޫލުވެރިންނާއި ސައޫދީ މަސްއޫލުވެރިން ބައިވެރިވާގޮތަށް އިންތިޒާމްކުރާ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިއީ އިރާގާއި އީރާން ދުރުކޮށް އީރާނާ ދެކޮޅަށް އެމެރިކާ ހިންގާ އަމަލުތަކުގައި ސައޫދީންނާއެކު އިރާގު ބައިވެރިކުރުމުގެ ރޭވުމުގެ ދަށުން ޓިލާސަން ކުރައްވާ މަސައްކަތެކެވެ.

އެމެރިކާއާއި ތުރުކީގެ ގުޅުންތައް ގޯސްވުމާއެކު ސޫރިޔާގައި ސައޫދީންނާއި އެމެރިކާ ހާސިލް ކުރަންބޭނުންވާ މަގްސަދު ހާސިލް ނުވުމާއި ސޫރިޔާގެ ހަނގުރާމައިގެ ކުރިފަސް އީރާނާއި ރަޝިޔާ ހޯދުމާއެކު ސައޫދީއާއި އެމެރިކާގެ ސިޔާސަތުތަކަށް މެދުއިރުމަތީގައިވަނީ މިއިން ޒަމާނަކު ކުރިމަތި ނުވާވަރުގެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ.

އަނެއްކޮޅުން އައިއެސް ވެސް އިރާގާއި ސޫރިޔާގައި ބަލިކަށިވުމާއެކު ހަނގުރާމަތައް ނިމުމަކަށް ދާތީ އެމެރިކާ އާއި އިސްރާއީލު ގެންދަނީ ހަނގުރާމަ ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދުމަށް ރާވަމުންނެވެ. މިގޮތުން އެމެރިކާ އަޑީގައި އޮވެގެން ކުރުދީންގެ މިނިވަންކަމުގެ މައްސަލަ ވަނީ ސަރަހައްދަށް ފެންމަތިކޮށްލާފައެވެ.

ކުރުދީންގެ މިނިވަންކަމަށް އިސްރާއީލުން ފާޅުގައި ތާއީދުކުރާއިރު އެމެރިކާއާއި ސައޫދީން ގެންދަނީ މިކަމަށް އަޑިއަޑިން ތާއީދު ކުރަމުންނެވެ. ސައޫދީ ވަޒީރަކު ދާދިފަހުންވަނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި ސޫރިޔާގެ ކުރުދީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ސޫރިޔާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީ ޖަމާއަތްތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާފައެވެ. އަދި އިރާގުގެ ކުރުދީން މިނިވަން ކަމަށް ކުރާ މަސައްކަތްތަކަށްވެސް ސައޫދީން ފައިސާ ޚަރަދު ކުރާކަންވެސް ވަނީ ހާމަވެފައެވެ.

ކުރުދީންގެ މިނިވަންކަމުގެ މައްސަލައަކީ ތުރުކީއާއި އީރާނާއި އިރާގާއި ސޫރިޔާ ހިމެނޭގޮތަށް ލޭއޮހޮރުވުން ބޮޑު ވަރުގަދަ ހަނގުރާމައެއް ފެށިދާނެކަމެއްކަމަށް އިސްރާއީލުން ދެކެއެވެ. އެހެންކަމުން މިހާރު އެމެރިކާއާއި ސައޫދީއާއި އިސްރާއީލު ގެންދަނީ މިހަނގުރާމައަށް ތައްޔާރުވަމުން ކަމަށް މުހައްލިލުން ދެކެއެވެ.

އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުގައި ހަނގުރާމަތައް އުފެދި އެގައުމުތައް ހަލާކުވަމުން ދިޔުމަކީ އިސްރާއީލަށް އެންމެ މަސްލަހަތު ބޮޑުކަމެވެ. މިގޮތަށް ކަންތައްތައް ވުމުން ފަލަސްތީނުގެ މައްސަލަ އޮބިގެންދާނެކަމާއި ފަލަސްތީނުގެ މައްސަލާގައި ވާހަކަ ދައްކާނެ ބަޔަކު ނުތިބޭނެކަން އިސްރާއީލަށް އެނގޭތީ މިއީ މިކަމުގެ މައިގަނޑު ބޭނުންކަމަށްވަނީ ބެލެވިފައެވެ.

އެމެރިކާއާއި ކުރުދީންނާއި އިސްރާއީލާއި ސައޫދީން މިއީ މިހާރު މެދުއިރުމަތީގައި އެލަޔަންސެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކެކެވެ. އަނެއް ފަރާތުގައިވަނީ ރަޝިޔާ، އީރާން އަދި ތުރުކީ އެވެ.

މެދުއިރުމަތީގައި އެމެރިކާ ފެށި ހުރިހާ ހަނގުރާމަތަކެއްވެސް ފަށާފައިވަނީ އިސްރާއީލުގެ މަސްލަހަތަށްޓަކައި ސައޫދީންގެ ފައިސާގެ އެހީތެރިކަމާއެކުގައެވެ. އަށް އަހަރުވަންދެން އީރާނާދެކޮޅަށް ސައްދާމްގެ ދުވަސްވަރު ކުރި އީރާން އިރާގު ހަނގުރާމައާއި ސޫރިޔާގެ ހަނގުރާމައަކީވެސް މިފަދަ ހަނގުރާމަތަކެކެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހުކުރުދުވަހު ވަނީ އެމެރިކާއިން ސޫރިޔާގެ ކުރުދީންނަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލާގައި އެެމެރިކާއަކީ ޓެރަރިޒަމަށް އެހީތެރިވާ ގައުމެއްކަމަށް ސިފަކުރައްވާފައެވެ. ތުރުކީގެ ކުރުދީންނަކީވެސް ވަކިވެގަތުމަށް މަސައްކަތް ކުރާ ބައެކެވެ. ތުރުކީ ކަންބޮޑުވަނީ މިމައްސަލާގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް