ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އައްޑޫ: މިނިސްޓަރު ސައީދު

މިނިސްޓަރު ސައީދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އައްޑޫ ސިޓީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި "އަފިރިންނަސް ތައްޔާރަ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަކީ، އިލްމީ އަދި މަސައްކަތްތެރި ބައެއް ކަމަށެވެ.

އައްޑޫ ސިޓީ އަކީ ރާއްޖޭގެ ތަރައްގީގެ ނާރެސް ކަމުގައި ސިފަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ސިޓިގެ ރައްޔިތުންނަކީ، ފަތުރުވެރިކަމުގެ ލޭނާރު ކަމަށެވެ.

"ދިވެހިރާއްޖޭގެ ތަރައްގީ ކުރި، އެއްވެސް ޒަމާނެއް އޮތް ނަމަ އެ ޒަމާނެއްގެ އެންމެ ބޮޑު ހިއްސާއެއް އޮންނާނީ، އައްޑޫ ސިޓީގައި. އައްޑޫ ސިޓީގެ ރައްޔިތުންނަކީ، ފަތުރުވެރިކަމުގެ ވެސް ލޭނާރު. އައްޑޫ ސިޓީގެ ރައްޔިތުންނަކީ އިލްމީ ބައެއް. މަސައްކަތްތެރި ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދުގެ ވާހަކަފުޅުގައި ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ، ރައީސް އަބްދުﷲ ޔާމީން ފަދަ ވެރިއެއް ކަމަށާއި، އިތުރު އެހެން ވެރިއަކަށް އައްޑޫ ސިޓީގެ ރައްޔިތުން ނޭދޭނެ ކަމަށެވެ.

"އައްޑޫ ސިޓީ ޑިމާންޑް އެބަ ކުރެޔޭ ރައީސް ޔާމީން ފަދަ ވެރިއަކަށް. އައްޑޫ ސިޓި ކޮމްޕްރޮމައިޒް އެއް ނުކުރާނޭ ދެ ވަނަ މީހަކަށް 2018 އަކު،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ވެރިކަން ކުރަން ފުރުސަތު ލިބުމުން ވެރިކަން ކުރަން ނޭނގުނު މީހުން އަލުން އަނބުރާ އައުމުން ރައްޔިތުން އެކަމަށް މަރުހަބާ ނުކިޔާނެ ކަމަށެވެ.

"މިޒަމާނުގަ އެކަހެރިވެ، އެއް ޒަމާނެއްގަ ފުރުސަތު ލިބުނީމަ، ވެރިކަން ކުރަން ނޭނގި ތިބި މީހުން އަލުން އަނބުރާ އަންނަން މަސައްކަތް ކުރާ ނަމަ އެކަމަކަށް ދިވެހި ޒުވާނުން މަރުހަބާއެއް ނުކިޔާނެ. ދިވެހި ކަނބަލުންނެއް މަރުހަބާއެއް ނުކިޔާނެ. ދެނެއް ބަލައެއް ނުގަންނާނެ. އައްޑޫ ސިޓީ އަކުން ހަމަ ގައިމުވެސް ދެނެއް ބަލައެއް ނުގަންނާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީން ތިން އަހަރާއި ބައިގެ ތެރޭގައި ގައުމު ބިނާ ކުރި ގޮތް ފެންނަން އޮތް ކަމަށާއި، ރައީސް ޔާމީން އިންތިހާބު ކުރަން އައްޑޫ ސިޓީ އޮތީ ތައްޔާރަށް ކަމަށެވެ.

comment ކޮމެންޓް