މާޒިޔާ ބަލިކޮށް، ޓީސީ ދެ ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ޓިސީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބު ތާވަލުގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީން މާޒިޔާގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ޓީސީ ވަނީ ކުޅުނު ނުވަ މެޗުން 22 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނަ މާގަމަށް ޖެހިލައިފަ އެވެ. މިރޭގެ މެޗުން ބަލިވުމުން ތިން ވަނަ އަށް ވެއްޓުނު މާޒިޔާ އަށް ލިބިފައި ވަނީ 19 ޕޮއިންޓެވެ. ތާވަލުގެ އެއް ވަނައިގައި 24 ޕޮއިންޓާއެކު އަދިވެސް އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ޓިސީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ މާޒިޔާ އިންނެވެ. ނަމަވެސް އެ ޓީމަށް ޓީސީގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ފުރަތަމަ ހާފު ނިމުމާ ގާތްވެފައި ވަނިކޮށް ކުރިން މާޒިޔާގެ ޒުވާން ޑިފެންޑަރު އަލީ ސަމޫހު(ސަމުއްޓެ) އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުން ބާލައިފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ މިޑްފީލްޑަރު ޔަސްފާދު ހަބީބް(މުލަކޭ) އެވެ. މާޒިޔާގެ ޑިފެންސަށް ގެނައި ބަދަލުގެ ބޭނުން ހިފައި ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭ ޓީސީން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ހޯދައިފަ އެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް ވަހީދު(އިއްބެ) އެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ޓިސީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެ ވަނަ ހާފުގައި މާޒިޔާ އިން ޓީސީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކުރި ނަމަވެސް މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ. ޓީސީން ވެސް ވަނީ އިތުރު ލަނޑެއް ޖަހައި ތިން ޕޮއިންޓް ޔަގީން ކުރަން މަސައްކަތް ކޮށްފަ އެވެ. ޓީސީގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 85 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޓީސީ އަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް މަހުދީ(ފޭދޫ އިއްބެ) އެވެ.

މެޗުގައި މާޒިޔާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް އީސަ(މެސީ) އެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް މާޒިޔާ ބަލިވެފައި ވަނީ ދެ މެޗުންނެވެ. އެ ދެ މެޗުގައި ވެސް މާޒިޔާ ބަލިވީ ޓީސީ އަތުންނެވެ.

comment ކޮމެންޓް