ރާއްޖޭގައި އޮތް އެންމެ ތައުލީމީ އަދި ތަހުޒީބީ ސިޓީ އަކީ އައްޑޫ ސިޓީ: މައުރޫފް

ޕީޕީއެމް އިން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މައުރޫފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި އޮތް އެންމެ ތައުލީމީ ސިޓީ އަކީ އައްޑޫ ސިޓީ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރާއްޖޭގެ އެންމެ ތައުލީމީ އެންމެ ތަހުޒީބީ ސިޓީ އަކީ އައްޑޫ ސިޓީ ކަމަށާއި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޕީއެޗްޑީ ހޯލްޑަރުންނާއި މާސްޓާސް ޑިގްރީ ހާސިލް ކޮށްގެން ތިބި ތައުލީމީ މީހުން ނިސްބަތް ވަނީ ވެސް އައްޑުއަށް ކަމަށެވެ.

އައްޑޫ ސިޓީ އަކީ ތައުލީމަށާއި ތަހުޒީބީ ޑިމޮކްރަސީ އަދި ތަރައްގީ އަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ސިޓީއެއް ކަމަށް މައުރޫފް ވިދާޅުވި އެވެ. މި ސަރުކާރުން ވެސް މަސައްކަތް ކުރަނީ އައްޑޫ އަކީ ތައުލީމީ އަދި ތަހުޒީބީ ސިޓީއަކަށް ހެދުމަށް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"މިއަދުގެ ރައީސް، ރައީސް ޔާމީނަކީ ތަރައްގީގެ ތަސައްވަރު ހުރި ބޭފުޅެއް. އެ މަނިކުފާނު ގެންދަވަނީ އައްޑޫ ސިޓީ އަކީ ތައުލީމީ ގޮތުން ހަރުދަނާ ސިޓީއަކަށް ހެދުމަށް ވަރަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން،" މައުރޫފް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މައުރޫފް ވަނީ އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ތެރެއިން އެމްޑީޕީ އަށް ތާއީދުކުރާ މީހުން ރައީސް ޔާމީނަށް ތާއީދުކުރުމަށް ގޮވާލައްވައިފަ އެވެ.

"މިރޭ އައްޑޫގެ ރައްޔިތުންނަށް، ހާއްސަކޮށް އެމްޑީޕީ އަށް ތާއީދު ކުރައްވާ ވިޔަފާރިވެރިންނަށާއި އެމްޑީޕީ އަށް ތާއީދު ކުރައްވާ ސިޔާސީ ގޮތުން ވިސްނުންތޫނު މަތީ ތައުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދެން ތި ސަކަރާތް ޖަހަން ނަހައްދަވާށޭ. އެމްޑީޕީއާ އެކު ތިބޭފުޅުން ވީ ގުރުބާނީގެ ނަތީޖާއެއް ނުފެނުނޭ. އަޅުގަނޑުމެންނާ އެކު ގުޅިވަޑައިގަންނަވާށޭ. މި ސަރުކާރާ ގުޅިވަޑައިގަންނަވާ ފަރާތްތަކަށް އަޅުގަނޑުމެން ފުރިހަމަ އަށް މަރުހަބާ ކިޔާނަން،" މައުރޫފް ވިދާޅުވި އެވެ.

މި ސަރުކާރުގައި ޕީޕީއެމްއާ އެކު ދެމިއޮތް ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ނައިބު ލިޑަރު ވިދާޅުވީ، އަންނަ އަހަރުގެ އިންތިހާބުގައި ވެސް އެމްޑީއޭ އޮންނާނީ ރައީސް ޔާމީނާ އެކު ކަމަށާއި މާތްﷲގެ އިރާދަފުޅާ އެކު އެމްޑީއޭ އާއި ޕީޕީއެމް ގުޅިގެން 2018ގެ އިންތިހާބު އެއްލަކިން ކާމިޔާބު ކުރާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ޓުއަރިޒަމްގައި ވެސް އައްޑޫ ސިޓީ މިހާރު އުޅެނީ އެންމެ ކުރީގައި ކަމަށް މައުރޫފް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ އައްޑު އަތޮޅު ރައްޔިތުންނަކީ މިއަދު ޓުއަރިޒަމް އިންޑަސްޓްރީގެ ލޭނާރޭ، އައްޑޫގެ ރައްޔިތުންނާ ނުލާ މިއަދުގެ ޓުއަރިޒަމްގެ އިންޑަސްޓްރީ ކުރި ނާރާނެއޭ." އައްޑޫ ރައްޔިތުންނަކީ އެންމެ މަތީ ފަންތީގެ ހޮޓާތަކުގެ މަތީ މަގާމުތަކުގައި މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން މަސައްކަތްކުރީ އައްޑޫގައި އޮތް އިސްލާމީ ވަހުދަތު ނައްތައިލުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.

comment ކޮމެންޓް