ނިއުކުލިޔާ ހަތިޔާރަކީ ގައުމުގެ ދިރުމާ އަދި މަރާ ގުޅިފައިވާ ދިފާއީ މައި އައްޑަނަ: އުތުރުކޮރެޔާ

އުތުރުކޮރެޔާގެ ނިއުކްލިޔަރ މިސައިލްތަކެއް

ޕިޔޮންގް ޔަންގް (އޮކްޓޯބަރ 21): ނިއުކްލިޔަރ ހަތިޔާރު ނައްތާލުމާބެހޭ އެއްވެސް ވާހަކައެއް އެމެރިކާއާވެސް އަދި އެހެން ގައުމަކާއެކުވެސް ނުދައްކާނެ ކަމަށާއި ނިއުކްލިޔަރ ހަތިޔާރަކީ އެގައުމުގެ ދިރުމާ އަދި މަރާ ގުޅިފައިވާ ދިފާއީ މައި އައްޑަނަ ކަމަށް އުތުރުކޮރެޔާއިން ބުނެފިއެވެ.

އުތުރުކޮރެޔާގެ މަސްއޫލުވެރިއަކު ވިދާޅުވީ އެގައުމަކީ ނިއުކްލިޔަރ ހަތިޔާރު މިހާރުވެސް ހުރި ގައުމެއްކަމަށާއި ކުރިމަގުގައި މިހާރަށްވުރެވެސް ގިނަ ނިއުކްލިޔަރ ހަތިޔާރު އުފައްދާނެ ކަމުގައެވެ. އެމެރިކާއަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ގެންގުޅުމުގެ ހައްގު އޮންނަންޏާ އުތުރުކޮރެޔާއަށްވެސް އެހައްގު އޮންނާނެކަމަށް ނަންހާމަކުރަން ނޭދޭ އެގައުމުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އަނެއްކޮޅުން އދ. ގައި ހުންނަވާ އުތުރުކޮރެޔާގެ ދާއިމީ މަންދޫބުގެ ނައިބު ކިމް އިންރިއޮން ވަނީ އެގައުމުން ނިއުކްލިޔަރ ހަތިޔާރު އުފައްދާނެ ކަމަށާއި އަދި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީވެސް ތަރައްގީ ކުރުމުގައި އެއްވެސް ގައުމެއްގެ މޫނަށް އަދި ކަނދުރާއަށް ނުބަލާނެކަމުގެ އިންޒާރު ދެއްވާފައެވެ. އދ.ގެ ޖެނެރަލް އެސެމްބްލިގައި ހިމެނޭ ހަތިޔާރު ނައްތާލުމުގެ ކޮމިޓީގައި ހުކުރުދުވަހު ވާހަކަ ދައްކަވަމުން ކިމް އިންރިއޮން ވިދާޅުވީ ނިއުކްލިޔަރ ޕްރޮގްރާމަކީ އެގައުމުގެ ދިފާއީ އައްޑަނަކަމަށާއި އެހަތިޔާރު ދޫކޮށްލައިފިނަމަ އެމެރިކާ އުތުރުކޮރެޔާއަށް އިސްވެ ހަމަލާދިނުން ވަރަށް ގާތް ކަމުގައެވެ. ނަމަވެސް ނިއުކްލިޔަރ ހަތިޔާރު ހުރިހައި ހިނދަކު އުތުރުކޮރެޔާއާ ގާތްވާން އެމެރިކާއަށް ނުކެރޭނެ ކަމަށް ކިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމެރިކާ ކިތަންމެ ރުޅިއައިނަމަވެސް އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމްތައް ބާރުސްޕީޑްގައި ތަރައްގީ ކުރަމުންގެންދާނެ ކަމަށާއި އެމެރިކާދެކެ އުތުރުކޮރެޔާ ކުޑަކޮށްވެސް ޖެހިލުން ނުވާކަމުގައެވެ.

އުތުރުކޮރެޔާގައި މަދުވެގެން ނިއުކްލިޔަރ ވިހި ބޮން އެބައޮތްކަމަށާއި އަހަރެއްގެ މައްޗަށް ހައެއްކަ ނިއުކްލިޔަރ ބޮން އުފެއްދުމުގެ ގާބިލްކަން އުތުރުކޮރެޔާއަށް ލިބިފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ ބުނެއެވެ. ސީއައިއޭ ގެ ޑައިރެކްޓަރ މައިކް ޕޮމްޕިއޯ ވަނީ އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބާރު މިނެއްގައި ތަރައްގީ ކުރަމުން ގެންދާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އުތުރުކޮރެޔާ މައިތިރި ކުރުމުގައި އެމެރިކާއަށް ދެން އޮތީ ހަނި ފުރްސަތެއްކަމަށްވެސް ޕޮމްޕިއޯ ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންވަނީ އެމެރިކާ އުތުރުކޮރެޔާގެ ނިއުކްލިޔަރ މަރުކަޒުތަކަށް ކުއްލި ހަމަލާތަކެއް ދިން ނަމަވެސް އުތުރުކޮރެޔާގެ ނިއުކްލިޔަރ އިންފްރާސްޓްރަކްޗަރ ހަލާކުކޮށް ނުލެވޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އުތުރުކޮރެޔާއަށް އެމެރިކާ ހަމަލާދީފިނަމަ އެމެރިކާއަށްވެސް ފަނާކުރަނިވި ރައްދެއް އުތުރުކޮރެޔާ ދޭނެކަމަށާއި ނިއުކްލިޔަރ ބޮމުގެ އެންމެ ހަމަލާއަކުންވެސް އެމެރިކާގެ ބޮޑުބައެއް ފަނާވާނެތީ އެކަން އެމެރިކާއަށް ތަހައްމަލް ނުކުރެވޭނެކަމަށް ތަޖްރިބާކާރުން ދެކެއެވެ. އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އެއްބަސްވި އެއްވެސް ގައުމެއް އެމެރިކާގެ އުދުވާނުން ސަލާމަތްވެފައެއް ނުވެއެވެ.

ލީބިޔާއާއި އިރާގުން އެދެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްވީ އެމެރިކާގެ ފިއްތުންތަކާއި ބިރުދެއްކުންތަކުގެ ސަބަބުންނެވެ. ނިއުކްލިޔަރ ގާބިލްކަން އެދެގައުމުގައި ނެތްކަން އެނގުމުން އެމެރިކާވަނީ އެދެގައުމަށް އަރައިގަނެ އެދެގައުމުގެ ވެރިކަމުގެ ނިޒާމު އެމެރިކާ ބޭނުންވާ ގޮތަށް ބަދަލުކޮށް އެދެގައުމު މުޅިން ހަލާކުކޮށްލާފައެވެ. އެމެރިކާއަކީ އެމެރިކާއާއި އިސްރާއީލުގައި އެކަނި ނިއުކްލިޔަރ ހަތިޔާރު ހުރެފައި އެހެން ގައުމުތަކުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. މިސިޔާސަތުގެ ބޭނުމަކީ އެމެރިކާއަށް ހަމަލާދެވޭ އަދި ބިރު ދެއްކޭ ހާލަތުގައި އެހެންގައުމުތައް ބޭތިއްބުމެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް