230 ނޮމިނީޒްއާ އެކު މަޓާޓޯ ގާލާ އެޑިޝަންއަށް ވޯޓުލުމަށް ހުޅުވާލައިފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން 2017، ނޮމިނޭޝަން ލޯންޗިންގ -- ފޮޓޯ/ މަޓާޓޯ

މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ ގާލާ އެޑިޝަންގެ ދާއިރާތަކާއި އެވޯޑުތަކަށް ނޮމިނޭޓް ވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޓާޓޯއިން ބުނީ، ގާލާ އެޑިޝަންގެ ދާއިރާތަކުން އެވޯޑުތަކަށް ވޯޓުލުން މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށެވެ.

ގާލާ އެޑިޝަން އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި ހޮޓެލް ބްރޭންޑުތައް އަދި އެއާލައިންތައް ފާހަގަކޮށް، ދޭ އެވޯޑެކެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ ގާލާ އެޑިޝަނުގައި 27 އެވޯޑެއް ދެވިގެން ދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ. މިފަހަރު ގާލާ އެޑިޝަންގެ އެވޯޑަށް 230 ފަރާތަކުން ނޮމިނޭޓް ވެފައިވާ ކަމަށްވެސް މަޓާޓޯ އިން ބުންޏެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގައި މިފަހަރު އެހެން ފަހަރުތަކާ ހިލާފަށް ވަނަ ހޮވާނީ ޓްރިޕް އެޑްވައިޒަރ ރިވިއުގެ 40 ޕަސެންޓާއި އެސްއެމްއެސް އަދި އޮންލައިން ވޯޓިންގެ 60 ޕަސެންޓަށް ބަލައިގެން ކަމަށް މަޓާޓޯ އިން ބުނެ އެވެ.

ގާލާ އެޑިޝަންގައި ނޮމިނޭޓްވެފައިވާ ފަރާތްތަކަށް އޮންލައިން ވޯޓު ދޭން ބޭނުންވާ ފަރާތްތަކަށް މަޓާޓޯގެ ވެބްސައިޓް http://travelawards.mv/vote/1 އިން އޮންލައިން ވޯޓިންގެ ހިދުމަތް ލިބިގެންދާނެ އެވެ.

މިއަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ދެނީ ތިން އެޑިޝަނަކަށް ބަހާލައިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޝަޚުސިއްޔަތުތަކުގެ އަގު ވަޒަންކޮށް، ޖުލައި މަހުގެ ތެރޭގައި "ޕީޕަލްސް އެޑިޝަން" އެވޯޑްސް ބޭއްވި އިރު، ގެސްޓްހައުސް ފަތުރުވެރިކަމަށް ޚާއްސަ "ގެސްޓްހައުސް އެޑިޝަން"، މި މަހުގެ 30 ވަނަ ދުވަހު މާފުށީގައި އޮންނާނެ އެވެ. އެއަށްފަހު އަންނަ ނުވެންބަރު މަހު އަދާރަން ހުދުރަން ފުށީގައި ގާލާ އެޑިޝަން އޮންނާނެ އެވެ.

comment ކޮމެންޓް