ބަޓްޝުއާއީގެ ދެ ލަނޑާއެކު ޗެލްސީ އިން ވެޓްފޯޑުގެ މައްޗަށް ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވެޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-4 އިން ކާމިޔާބު ކުރީ ޗެލްސީ -- ފޮޓޯ/ އޭޕީ

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މިޗީ ބަޓްޝުއާއީގެ ދެ ލަނޑާއެކު ޗެލްސީ އިން ވެޓްފޯޑުގެ މައްޗަށް ކުރި ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި މިއަދު ކުޅުނު އެ މެޗުން ވެޓްފޯޑްގެ މައްޗަށް ޗެލްސީން ކުރި ހޯދާފައި ވަނީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅު ޕެޑްރޯ ވަނީ ލަނޑެއް ޖަހައި ޗެލްސީ އަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ކޯނަރަކުން އެޑެން ހަޒާޑް ޖައްސާލި ބޯޅަ އިން، އޭރިއާ ބޭރުގައި ހުރެ ޕެޑްރޯ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ވެޓްފޯޑް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

ޗެލްސީ އިން ލަނޑު ޖެހުމާއެކު ވެޓްފޯޑުން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން ފަށައިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު ސިކުންތު ކޮޅުގައި ވެޓްފޯޑްގެ މިޑްފީލްޑަރު އަބްޑޯލައޭ ޑަކޯރޭ ވަނީ ލަނޑެއް ޖަހައި ނަތީޖަ ހަމަހަމަ ކޮށްފަ އެވެ.

ވެޓްފޯޑުން ދެ ވަނަ ހާފު ވެސް ފެށީ ވަރަށް ރަނގަޅަށެވެ. ހާފުގެ ކުރީކޮޅު ޗެލްސީ ގޯލަށް ނުރައްކާ ކުރުމުގެ ނަތީޖާ އަކަށްވީ 49 މިނެޓުގައި ރޮބާޓޯ ޕެރޭރާ ލަނޑެއް ޖަހައި ވެޓްފޯޑަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައި ދިނުމެވެ. އޭގެ ފަހުން ވެޓްފޯޓްގެ ފޯވާޑް ރިޗާލިސަން އަށް ދެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އެ ދެ ފުރުސަތުގެ ބޭނުން އޭނާ އަށް ހިފިފައެއް ނުވެ އެވެ.

ވެޓްފޯޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށް ވީ އަލްވާރޯ މޮރާޓާގެ ބަދަލުގައި ކުޅެން އެރި ބަޓްޝުއާއީ ލަނޑެއް ޖަހައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. ޕެޑްރޯ ނަގައިދިން ބޯޅަ، ގޯލުގެ ތެރެއަށް ބަޓްޝުއާއީ ފޮނުވާލީ ބޮލުން ޖަހަ އެވެ.

އެ ލަނޑާއެކު ޗެލްސީ އަށް އިތުރު ހިތްވަރެއް ލިބި މެޗުން މޮޅުވުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވިލިއަން ހުރަސް ކޮށްލި ބޯޅަ، ސެޒާ އަޒްޕިލިކުއެޓާ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ދެ ވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ހޯދަައިދީފަ އެވެ. މެޗުން ތިން ޕޮއިންޓު ޗެލްސީ އަށް ޔަގީން ކޮށްދިނީ ދެ ވަނަ ހާފުގެ އިތުރު ވަގުތު ބަޓްޝުއާއީ ކަމިޔާބު ކޮށްދިން ލަނޑުންނެވެ.

އެ މޮޅާއެކު ޗެލްސީ ވަނީ ކުޅުނު ނުވަ މެޗުން 16 ޕޮއިންޓު ހޯދައި ތާވަލުގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ އެވެ. ޗެލްސީ އަތުން ބަލިވުމުން ވެޓްފޯޑް ވަނީ ހަތަރު ވަނަ އިން ފަސް ވަނައަށް ވެއްޓިފަ އެވެ.

comment ކޮމެންޓް