ހަތަރު ވަނައަށް އެރުމަށް ލިބުނު ފުރުސަތު ތިނަދޫ އިން ގެއްލުވާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ތިނަދޫ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: ދެ ވަނަ ބުރުގައި ތިނަދޫ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދ. ކުޑަހުވަދޫ އަތުން އެއްވަރުވެ، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމަށް އެރުމަށް ލިބުނު ފުރުސަތު ގދ. ތިނަދޫ އިން ގެއްލުވާލައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އެ މެޗުން އެއްވަރުވުމާ ގުޅިގެން ތިނަދުއަށް ކުޅުނު ނުވަ މެޗުން ލިބެނީ 11 ޕޮއިންޓެވެ. އެ މެޗުން މޮޅުވި ނަމަ ތިނަދުއަށް 13 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވުރެ ކުރިއަށް ޖެހިލެވޭނެ އެވެ. ތާވަލުގެ އެންމެ ފުލުގައި އޮތް ކުޑަހުވަދުއަށް ލިބެނީ ދެ ޕޮއިންޓެވެ.

ދެ ވަނަ ބުރުގައި ތިނަދޫ ޓީމާ ހަވާލުވި އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ތިނަދޫ ކުޅުނު ދެ ވަނަ މެޗު ފެށިގެން އެންމެ ރަނގަޅަށް ކުޅުނީ ވެސް ތިނަދޫ އިންނެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުގެ އަހްމަދު ރިޒުވާން (ރިޒޭ) ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވި އެވެ.

އެ ފުރުސަތަށްފަހު ވެސް ރިޒޭ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭރިއާ ތެރެއަށް މުހައްމަދު ރިސްވާން ނަަގައިދިން ބޯޅަ ތިނަދޫގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ އަށް ފޮނުވާލަން ލިބުނު ނަމަވެސް އޭނާ ލަސް ކުރުމުން ހުސްކޮށް އޮތް ގޯލަށް ރިޒޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ފުރަތަަމަ ހާފު ނިމުނީ ތިނަދުއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެންނެވެ. އަދި ފުރަތަމަ ހާފެކޭ އެގޮތަށް ދެ ވަނަ ހާފުގައި ވެސް ތިނަދޫ އިން ވަނީ ރަނގަޅަށް ކުޅެ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަންސަރު އިބްރާހިމް (އަަންކޮ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އެ ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލަން އަންކޮ އަށް ވަގުތު ލިބިފައި އޮތް ނަމަވެސް އެ ފުރުސަތުގެ ބޭނުން އޭނާ އަށް ހިފިފައެއް ނުވެ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް