އެމްއެންޔޫއެސްޔޫ އިން "ތައުހީދު"ގެ ނަމުގައި ހާއްސަ ދީނީ ފޯރަމެއް ބާއްވަނީ

"ތައުހީދު"ގެ ނަމުގައި އެމްއެންޔޫއެސްޔޫ އިން ބާއްވާ ދީނީ ފޯރަމްގެ މަގްސަދަކީ މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އެ ޔޫނިއަން އިން ބުނޭ -- ފޮޓޯ/ އެމްއެންޔޫއެސްޔޫ ފޭސްބުކް

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން "ތައުހީދު"ގެ ނަމުގައި ދީނީ ފޯރަމެއް ބޭއްވުމަށް ނިންމައިފި އެވެ.

މިމަހުގެ 26،27 އަދި 28 ގައި އެމްއެންޔޫ ފައުންޑޭޝަން ބިލްޑިންގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ފޯރަމް އަކީ "ދަ ލައިޓް"ގެ ނަމުގައި އެ ޔޫނިއަން އިން ކުރިއަށް ގެންދާ ޕްރޮގްރަމްތަކުގެ ތެރެއިން ޕްރޮގްރާމެއް ކަމަށް އެމްއެންޔޫއެސްޔޫ އިން މައުލޫމާތު ދެއެވެ.

"ސަން" އަށް މަައުލޫމާތު ދެއްވަމުން އެމްއެންޔޫއެސްޔޫގެ ރައީސް އަލީ ރަޝީދު ވިދާޅުވީ އެ ފޯރަމްގެ މަގްސަދަކީ މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ގައުމީ ޔުނިވާސިޓީއަށް ވެފައި، ގައުމީ އަންނާތީ ގަބޫލުކުރަނީ މިކަމުގައި އަޅުގަނޑުމެންގެ ދައުރު ބޮޑު ކަމަށް. މިއީ އެ މަގްސަދުގައި ދަރިވަރުންނާއި އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ފޯރަމެއް،" އޭނާ ވިދާޅުވި އެވެ.

އަލީ ރަޝީދު ވިދާޅުވީ، އެ ފޯރަމްގައި ބައިވެރި ވެވޭނީ ޓިކެޓް ނަގައިގެން ކަމަށެވެ. ޓިކެޓް ނެގުމަށް ނަންނޯޓު ކުރުމަށްޓަކައި ރަޖިސްޓަރީ ކުރުން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ޔުނިވާސިޓީގެ ދަރިވަރެއް ނަމަ ސްޓޫޑެންޓް އައިޑީ ޖެހުމަށްފަހު އެސްއެމްއެސް ކުރަން ޖެހޭނީ 7973377 އަށެވެ. ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އެ ފޯރަމްގައި ހިލޭ ބައިވެރިވެވޭނެ ކަމަށާއި އާންމުންގެ އަތުން އެޑްމިޝަން ފީއެއްގެ ގޮތުގައި 50 ރުފިޔާ ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތަރު ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ތައުހީދު ފޯރަމްގެ ފެށުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 8:15 އިން 10:00 އަށެވެ. ފުރަތަމަ ސެޝަން އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ ހަވީރު 4:00 އިން 5:30 އަށެވެ. އެ ސެޝަންގެ މައުޟޫއު އަކީ "ތައުހީދަކީ ކޮބާ" އެވެ. މައުލޫމާތު ދެއްވާނީ ޝައިޚް އަހްމަދު ސަމީރު ބިން އިބްރާހީމެވެ.

ދެ ވަނަ ސެޝަން 27 ވަނަ ދުވަހުގެ ރޭ 8:15 އިން 10:00 އަށް ބޭއްވުމަށް ނިންމާފައިވާ އިރު، އެ ސެޝަންގެ މައުޟޫއު އަކީ "ތައުހީދު މުހިންމު ވަނީ ކީއްވެ" އެވެ. އެ ސެޝަންގައި މައުލޫމާތު ދެއްވާނީ އައްޝައިހް ހަސަން މޫސާ ފިކުރީ އެވެ.

ތައުހީދު ފޯރަމްގެ ތިން ވަނަ ސެޝަން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ހަވީރު 4:00 އިން 5:30 އަށެވެ. އެ ސެޝަންގައި މައުލޫމާތު ދެއްވާނީ ޝައިހް އަލީ ޒާހިރު ބިން ސައީދު ގާސިމެވެ. މައުޟޫއު އަކީ "ތައުހީދުގެ އިދިކޮޅު ސިފައަކީ ކޮބާ؟" އެވެ. އެ ފޯރަމްގެ ފަހު ސެޝަން އޮންނާނީ 28 ވަނަ ދުވަހުގެ ރޭ 8:15 އިން 10:00 އަށެވެ. މައުޟޫއު އަކީ "ތައުހީދަށް އަމަލު ކުރުމުގައި ސަހާބީން ދެއްކެވި ނަމޫނާ" އެވެ. މައުލޫމާތު ދެއްވާނީ ޝައިހް އާދަމް ޝަމީމެވެ.

އެމްއެންޔޫއެސްޔޫ އިން ބުނީ ތައުހީދު ފޯރަމްގައި ލެކްޗަރަކާ އެކު ސުވަލާއި ޖަވާބުގެ ސެޝަނެއްވެސް ކުރިއަށް ދާނެ ކަމަށެވެ.

comment ކޮމެންޓް