ސައުދީ އަރަބިއާގެ ސަހަރާގައި ގަލުން ހަދާފައިވާ ގޮތް ނޭނގޭ 'ގޭޓު'ތަކެއް

ސައުދީ އަރަބިއާގެ ސަހަރާ އިން ފެނުނު ގަލުން ހަދާފައިވާ ތާރީހީ ގޭޓުތައް މަތިން ފެންނަ ގޮތް -- ފޮޓޯ/ ގޫގުލް އާތު

ފާއިތުވި ދިހަ އަހަރު ތެރޭ ގޫގުލް އާތު މެދުވެރިކޮށް އާކިއޮލޮޖިސްޓުން ވަނީ ތާރީހީ ގިނަ ބިނާތަކެއް ހޯދައިފަ އެވެ. އެގޮތުން އެންމެ ފަހުން ތާރީހު ދިރާސާ ކުރާ ފަރާތްތައް ހައިރާން ކޮށްލީ ސައުދީ އަރަބިއާގެ ސަހަރާއިން ފެނުނު، ގަލުން ހަދާފައިވާ 400 އަށް ވުރެ ގިނަ 'ގޭޓު'ތަކެކެވެ.

މަދީނާގެ އުތުރުގައި އޮންނަ އަލިފާން ފަރުބަދަތައް ގިނަ ސަރަހައްދެއް ކަމަށްވާ ހަރަތް ޚައިބަރުން ފެނުނު އެ ބިނާތައް 'ގޭޓު'ތަކުގެ ގޮތުގައި ސިފަ ކުރީ ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާގެ އާކިއޮލޮޖިސްޓެއް ކަމަށްވާ ޑޭވިޑް ކެނެޑީ އެވެ. މީގެ 20 އަހަރު ކުރިން ފެށިގެން މަތިންދާ ބޯޓުން އެ ގޭޓުތަކުގެ ފޮޓޯ ނަގަމުން އަންނަ ޑރ. ކެނެޑީ ވިދާޅުވި ގޮތުގައި، ބިމުގައި ހުރެގެން ބަލާ އިރު އެ ބިނާތައް ވައްތަރީ ބަންދުކޮށްފައިވާ ގޭޓަކާ އެވެ.

އެ ގޭޓުތައް ހަދާފައި ވަނީ ކޮން ބައެއް ކަން އަދި ނޭނގުނު ނަމަވެސް ޑރ. ކެނެޑީ ލަފާ ކުރައްވާ ގޮތުގައި، އެއީ މިހާރު އެ ސަރަހައްދުގައި ދިރިއުޅޭ ބަދަވީންގެ ކާބަފައިންގެ މަސައްކަތަކަށް ވެދާނެ އެވެ. އަދި އެއީ މަދުވެގެން 2،000 އަހަރު ކުރިން ނުވަތަ ގިނަވެގެން 9،000 އަހަރު ކުރިން ހަދާފައިވާ ބިނާތަކެއް ކަމަށް ޑރ. ކެނެޑީ ލަފާ ކުރައްވަ އެވެ.

ސައުދީ އަރަބިއާގެ ސަހަރާ އިން ފެނުނު ގަލުން ހަދާފައިވާ ގޭޓުތައް -- ފޮޓޯ/ ޑަގްލަސް ކެނެޑީ

ނަމަވެސް އެ ގޭޓުތަކުގެ ބޭނުމަކީ ކޮބައިކަން އަދި އެއްވެސް ވަރަކަށް ނޭނގޭ ކަމަށް ޑރ. ކެނެޑީ ވިދާޅުވި އެވެ.

"އެއީ މަރުވާ މީހުން ވަޅުލާ ތަނެއް ވައްތަރު ނުޖަހާ. އެއީ މީހުން ދިރިއުޅުނު ތަނެއް ވައްތަރު ނުޖަހާ އަދި އެއީ ޝިކާރަ ކުރަން ޖަހާ ދަންތުރައެއް ވައްތަރު ނުޖަހާ. އެއްގޮތަކަށް ވެސް ނޭނގެ އެއީ ކޯއްޗެއް ކަމެއް،" ޑރ. ކެނެޑީ ވިދާޅުވި އެވެ.

އާންމުކޮށް ތިން ފޫޓު އުސްކޮށް، 160 ފޫޓާއި 500 ފޫޓު ދިގު މިނުގައި ހުންނަ އެފަދަ 400 ގޭޓު ޑރ. ކެނެޑީ ވަނީ ހޯދައިފަ އެވެ. އޭނާ މިހާތަނަށް ހޯދާފައިވާ އެންމެ ދިގު ގޭޓުގެ ދިގު މިނަކީ 1،600 ފޫޓެވެ. ޑރ. ކެނެޑީ މިހާރު މަސައްކަތް ކުރައްވަނީ އެ ބިނާތައް ހެދި އަސްލު ތާރީހު ހޯދުމަށެވެ. (އެންވައިޓައިމްސް)

comment ކޮމެންޓް