ފާރިސް އަނބުރާ މާފުށި ޖަލަށް ގެންގޮސްފި

ފާރިސް މައުމޫން އަނބުރާ ޖަލަށް ގެންދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ގޭ ބަންދުގައި ބެހެއްޓުމަށްފަހު އަނބުރާ މާފުށީ ޖަލަށް ގެންގޮސްފި އެވެ.

މީގެ އިރުކޮޅެއް ކުރިން ފާރިސް ޖަލަށް ގެންގޮސްފައިވާ އިރު، ފާރިސް ޖަލުގައި ބެހެއްޓުމަށްފަހު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އޭނާ ގޭ ބަންދަށް ބަދަލު ކޮށްފައި ވަނީ، މާފުށީ ޖަލުގައި ފާރިސް ހުންނަވާ ޔުނިޓް މާރާމާތު ކުރުމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ، ފާރިސް އަނބުރާ ޖަލަށް ބަދަލު ކުރީ، ފާރިސް ހުންނަވާ ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިމުމާ ގުޅިގެން ކަމަށެވެ.

ފާރިސް މައުމޫން އަނބުރާ ޖަލަށް ގެންދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާރިސްގެ މައްޗަށް ދެ ދައުވާއެއް އުފުލައި ޝަރީއަތް ކޯޓުގައި ކުރިއަށްދާ އިރު، އޭނާ ޖަލަށް ލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތު ދިނުމުގެ ކުށާ ގުޅިގެންނެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ފާރިސް ބޭނުންވާ ގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލު ކޮށްލުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތު ކޮށެވެ.

އޭނާގެ މައްޗަށް ދެން އުފުލާފައި ވަނީ، ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ ނަމުގައި އޭނާ ނިއުސް ކޮންފަރެންސެއް ބާއްވާފައި ވާތީ އެވެ. އެ ދައުވާގެ އަޑު އެހުމެއް މާދަމާ 11:30ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފަ އެވެ.

ފާރިސް ގޭ ބަންދުގައި ބެހެއްޓުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފައިވާ އިރު، ވަގުތީ ގޮތުން ގޭ ބަންދުގައި ހުރި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވެސް ވަނީ މިއަދުގެ ވަގުތެއްގައި އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް