އަޑިއަށް ދިޔަ ތެޔޮ ބޯޓުން ތެޔޮ ލީކުވެ، ތިމާވެއްޓަށް ނުރައްކާވެދާނެ ކަމުގެ ބިރު

އަލިފާން ރޯވެ އަޑިއަށް ދިޔަ ބޯޓުން ކަނޑަށް ތެޔޮ އެޅިފައި --- ފޮޓޯ/ އެމްއެންޑީއެފް

ކެންދޫ ފަޅުތެރޭގައި އޮއްވާ އިއްޔެ ހެނދުނު އަލިފާން ރޯވެ އަޑިއަށް ދިޔަ ތެޔޮ ބޯޓުން ގިނަ އަދަދެއްގެ ތެޔޮ މޫދަށް ލީކުވެ، އެ ސަރަހައްދުގެ ތިމާވެއްޓަށް ނުރައްކާވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ކެނދޫ ފަޅުތެރޭގައި އެ ބޯޓް އޮއްވާ އިއްޔެ ހެނދުނު އަލިފާން ރޯވުމުން ކެންދޫ ރައްޔިތުން ވަނީ އެ ބޯޓު ފަޅުން ނެރެފައެވެ. އެ ބޯޓުގައި އެއްކޮށް، އަޑިއަށް ގޮސް އެ ރަށު ނެރު ކައިރިއަށް ވަނީ އަޑިއަށް ގޮސްފައެވެ.

ބޯޓު އަޑިއަށް ދިޔަ ވަގުތު އެމްއެންޑީއެފުން ނަގާފައިވާ ފޮޓޯއެއް: އެ ބޯޓުް ތެޔޮ ލީކުގެ ކަނޑުގެ ސަރަހައްދު ވަނީ ކިލަނބުވެފައި.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު އާދަމް އާޒިމް ވިދާޅުވީ ބޯޓުގައި ރޯވިިއިރު އޭގައި 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލް ތެޔޮ ހުރި ކަމަށެވެ. އަދި ބޯޓުގައި އަލިފާން ހިފީ އޭގެ ތެރެއިން 1400 ލީޓަރުގެ ޕެޓްރޯލް އަތިރިމަތީގައި ހުރި ފީފާތަކަށް ހުސްކުރި ފަހުން ކަމަށެވެ.

އާޒިމް ވިދާޅުވީ ބޯޓު އޮތީ 20 މީޓަރު އަޑީގައި ކަމަށާއި އަޑިއަށް ދިޔަ ބޯޓުން ތެޔޮ ލީކުވަމުންދާތީ އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކުން އެތަން ބައްދަން މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ.

ކެންދޫ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވެ އަނދާފައި: އެ ބޯޓު މިހާރު އޮތީ 20 މީޓަރު އަޑީގައި --

"ބޯޓުގައި ހުރި ތެލުގެ ތެރެއިން އަދި ލީކް ވަމުން ދަނީ ހަމަ އެކަނި ޕެޓް ރޯލް. ޑީސަލް ލީކް ވަމުން ނުދޭ. ޑައިވަރުން އަންނަނީ ލީކްވާ ތަންތަން ހޯދައި އެތަންތަން ބެއްދޭނެ ގޮތެއް ހޯދަމުން،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގިނަ އަދަދަކަށް ކަނޑަށް ތެޔޮ ބޭރަވަނުން ދިޔަ ނަމަވެސް އޮއިވަރު އޮތް ގޮތުން އެއްވެސް ރަށަކާ ދިމާލަށް ތެޔޮ ދިއުމުގެ ފުރުސަތު އަދި ނެތް ކަމަށާއި ނަމަވެސް އޮއިވަރަކީ ކޮންމެފަދަ ވަގުތެއްގައި ވެސް ބަދަލު ވެދާނެ އެއްޗެއްކަމުން އެކަމަށް ވިސްނައިގެން ތިބެން ޖެހޭ ކަމަށެވެ.

comment ކޮމެންޓް