އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް ނަޝީދު ގޮވާލައްވައިފި

ރައީސް ނަޝީދު: އިންތިގާލި ކެންޑިޑޭޓު ހޮވުމަށް ހުރިހާ ރައްޔިތުންނަށް ހުޅުވާލުމަށް ނަޝީދު ގޮވާލެއްވި--- ސަން ފޮޓޯ

އިދިކޮޅު ފަރާތްތަކުން އެއްބަސްވާ އެއް ކެންޑިޑޭޓެއް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރެން ޖެހިފައިވާ ކަމަށާއި އެ މީހަކު ވާންޖެހޭނީ "އިންތިގާލީ ވެރިއަކަށް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ނަޝީދު ފޮނުއްވެވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިންތިގާލީ ވެރިއެއް ހޮވަންޖެހެނީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށާއި ވެރިކަމުގެ ނިޒާމު އިސްލާހު ކުރުމަށް ކަމަށެވެ.

"2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންތިހާބުވާންޖެހޭނީ އިންތިގާލީ ވެރިއެއް. އެވެރިމީހާގެ މަސައްކަތަކަށް ވާންވެޖޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރާންހުރި މަސައްކަތްތައް. ހާއްސަ ގޮތެއްގައި ޖުޑީޝަރީ އިސްލާހު ކުރުން. ވެރިކަމުގެ ކަންކަން އިސްލާހު ކުރުން،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތް މަދުވެ، އިދިކޮޅުގެ އަޑު މަޑުވެފައި ވަނިކޮށް، ކޮލަންބޯގައި ހުންނަވައިގެން ނަޝީދު ފޮނުއްވެވި އޯޑިއޯ މެސެޖުގައި ވިދާޅުވެފައި ވަނީ އިންތިގާލީ ވެރިއަކު އިންތިހާބު ކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކޮށް، ޔަގީންކަމާއެކު އިންތިހާބުން މޮޅުވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

"ޕާޓީތަކުން ނުކުމެ އިންތިހާބަކުން މޮޅުވާނެ ކަމުގެ ސައިންޓިފިކް ޔަގީންކަން ލިބޭ ހާލެއްގައެއް ނޫން އަޅުގަނޑުމެން މިތިބީ. އަޅުގަނޑު ސައިންޓިފިކް ޔަގީންކަމޭ މި ދަންނަވަނީ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އިންތިހާބުން މޮޅުވަނީ އަދަދުން. ސައިންސުން،" ނަޝީދު ވިދާޅުވި އެވެ.

"...މިއަދު އަޅުގަނޑުމެންނަށް ސާފު މަންޒަރު، އެމްޑީޕީ އެކަންޏެއް ނޫން ޖުމްހޫރީ ޕާޓީއަކަށް ވެސް އަދާލަތު ޕާޓީއަކަށް ވެސް އަދި ރައީސް މައުމޫނަކަށް ވެސް، އެއްވެސް ބޭފުޅަކަށް މި އިންތިހާބުން އެ ބޭފުޅުންނަށް ކާމިޔާބުވެވޭނެ ސާފު މަންޒަރެއް ނުފެންނާނެ."

ނަޝީދު ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއް އިންތިހާބަށް ނެރުމަކީ "ވެރިކަމުގެ އުންމީދުގައި" އެމްޑީޕީގައި ތިއްބެވި ބޭފުޅުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްބަސްވާ އެއް ކެންޑިޑޭޓުގެ މެނިފެސްޓޯއަކަށް ވާންވީ "ތާހިރު ދިރިއުޅުމެއް" ހޯދައި ދިނުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއް ހޮވަންވީ ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާ ވޯޓާސް ލިސްޓަކުން ކަމަށެވެ. އަދި އެ ވޯޓާސް ލިސްޓު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވައި ވެސް ލެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާލީ އަޅުގަނޑުގެ ވިސްނުން. އަޅުގަނޑުމެން މި ގެންދަނީ މި ވިސްނުން އަޅުގަނޑުމެންގެ އެހެން ސިޔާސީ އެކުވެރިންނާ ހާއްސަކޮށް ގުޅިފައިވާ ޕާޓީތަކާއެކުގައި ހިއްސާ ކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް