ދިރިއުޅުމުގައި ފައިސާގެ މުހިއްމު ކަމާ ގުޅޭ ސެމިނާރު ފަށައިފި

"މަނީ އެންޑް މީނިން އޮފް ލައިފް" ސެމިނާގެ ބައިވެރިން-- ސަން ފޮޓޯ

"މަނީ އެންޑް މީނިން އޮފް ލައިފް"ގެ ނަމުގައި ދިރިއުޅުމުގައި ފައިސާގެ މުހިއްމު ކަމާއި ފައިސާގެ ދައުރާ ގުޅޭ ސެމިނާ ފަށައިފި އެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމުކޮށްގެން މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު ހަޔަކަށް ކުރިއަށްގެންދާ ސެމިނާރެކެވެ. ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ސެމިނާރުގައި މައުލޫމާތު ދެއްވަނީ ޑރ. އަނާ ބާޗެޓީ ޑުރިޝްއެވެ. ޑރ އަނާ ބާރޗެޓީ އަކީ މެޓަފިޒިކަލް ސައިންސުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

މިއަދުގެ ސެމިނާގައި ދިރިއުޅުމުގައި ފައިސާގެ މުހިއްމު ކަމާ، ފައިސާގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރު، ފައިސާ ލިބުނަސް އިގްތިސާދު ނުކުރާނަމަ އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރު އަދި އިގްތިސާދު ކުރާނެ ގޮތާ ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނެ މަސައްކަތް ކުރާނެ ގޮތާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެއެވެ.

ސެމިނާގައި އަލިއަޅުވާލާނެ މައުލޫތައް:

ފައިސާއާއި އޭގެ ދައުރު - ހާލަތު، ރައްކާތެރިކަން، ކާމިޔާބު
ދަރަނިވެރިކަމާއި ހައިހޫނުކަމުން މިންޖުވާނޭ ގޮތްތައް
ދަހިވެތިކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަމަލުކުރާނޭ ގޮތްތައް
ފައިސާއާއި ވަގުތުގެ މަފްހޫމް
ހައިހޫނުކަމާއި ފޯރުންތެރިކަމުގެ ގުޅުން
ހިތްހެޔޮކަން
އަޅާލުމާއި އެހީތެރިވުން
ތެދުވެރިކަމާއި އިހްސާންތެރިކަމުގެ މަފްހޫމްތައް
އުފާވެރިކަމަކީ ކޮންއެއްޗެއްކަން
ހަގީގީ ފިލާވަޅުތައް - ދިރިއުޅުމުގެ އަސްލު މަގުސަދު ހޯދުން.

ސެމިނާގެ ފެސިލިޓޭޓާ ޑރ. އަނާ ބާރޗެޓީ ޑުރިޝް އަށާ ޝަރަފްވެރި މެހެމާން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲއަށް ރަފީ ޖަމްއިއްޔާގެ ފަރާތުން ހަނދާނީ ފިލާ އަރުވަނީ-- ސަން ފޮޓޯ

"މަނީ އެންޑް މީނިން އޮފް ލައިފް" ސެމިނާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެލައްވަނީ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲއެވެ. ސެމިނާ ފެށުމުގެ ކުރިން ސެމިނާގެ ފެސިލިޓޭޓާ ޑރ. އަނާ ބާރޗެޓީ ޑުރިޝް އަށާ ޝަރަފްވެރި މެހެމާން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲއަށް ރަފީ ޖަމްއިއްޔާގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވައިފައެވެ.

ސެމިނާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރަފީ ޖަމިއްޔާގެ ރައީސާ އާއިޝަތު ރަފިއްޔާ ވިދާޅުވީ ފައިސާގެ ވާހަކައަކީ ދިރިއުޅުމުގައި އަބަދުވެސް ދައްކާ ވާހަކައެއް ކަމަށެވެ. ފައިސާ ލިބުނު ކަމުގައިވިޔަސް އެ ފައިސާ އިގްތިސާދުކޮށް ފަހަށް ރައްކާކުރުމުގެ މުހިއްމުކަން ރަފިއްޔާ ފާހަގަ ކުރެއްވިއެވެ.

"އަހަރެމެންގެ ދިރިއުޅުމުގެ ގިނަފަހަރު ފެއިލް ވަނީ ބެލެންސް ސްޓްރައިކްއެއްގަ ފައިސާ ހޯދުމާ، ފައިސާ ހަރަދުކުރުމާ މިކަން ނުކުރެވޭތީ،" ރަފިއްޔާ ވިދާޅުވިއެވެ. ފައިސާއަށްވުރެ މުހިއްމުކަންތައް އެބަހުރި ކަމަށާއި، ކާމިޔާބާ ހަމައަށް ވާސިލްވެވޭނީ ބުރަ މަސައްކަތުން ކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

"ސެމިނާރ އޮން މަނީ އެންޑް މީނިންގ އޮފް ލައިފް"ގެ ގޯލްޑް ޕާޓްނަރަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑެއެވެ. ހޮޓެލް ޕާޓްނަރަކަށް ސޮމަރސެޓް ހަމަޖައްސާފައި ވާއިރު، ބެވަރެޖް ޕާޓްނަރަކީ ކޮކާކޯލާއެވެ. މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް