ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމު މުގާބޭއަށް

ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭއަށް ވަނީ ގުޑްވިލް އެމްބެސެޑަރުގެ މަގާމު ދީފައި-- ފޮޓޯ: ރޮއިޓާސް

ހަރާރޭ (އޮކްޓޯބަރު 21): ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން އައްޔަން ކުރާ ގުޑްވިލް އެމްބެސެޑަރުގެ މަގާމު ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭއަށް ދީފި އެވެ.

ޑަބްލިއުއެޗްއޯގެ އާ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވި ގޮތުގައި ޒިމްބާބުވޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެގައުމުގެ މައި ސިޔާސަތެކެވެ. އަދި އެފްރިކާގެ އެހެން ގައުމުތަކުގައި ވެސް އެފަދަ ސިޔާސަތުތައް ގެންގުޅުމަށް މުގާބޭއަށް ގުޑްވިލް އެމްބެސެޑަރުގެ މަގާމު ބޭނުން ކުރެވިދާނެ ކަމަށް އަދަނޮމް ވިދާޅުވި އެވެ.

ގުޑްވިލް އެމްބެސެޑަރުގެ މަގާމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަގާމެކެވެ. ނަމަވެސް، ޒިމްބާބުވޭގެ ސިއްހީ ހިދުމަތްތައް ހޯދުން ދަތިކޮށް، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުކޮށްފައިވާ ލީޑަރަކަށް އެމަގާމު ދިނުމަކީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒު ވާނެ ކަމެކެވެ.

އެގޮތުން 2008 ވަނަ އަހަރު ފިޒިޝަންސް ފޯ ހިއުމަން ރައިޓްސް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރައީސް މުގާބޭގެ ސިޔާސަތުތަކުގެ ސަބަބުން އެގައުމުގެ ހެލްތު ސިސްޓަމް ވަނީ ވަރަށް ބޮޑަށް ފެއިލްވެފަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ބަންދުކުރަން ޖެހުނެވެ. (ބީބީސީ)

comment ކޮމެންޓް