ލަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކޮށްފި

އެޑިޔުކޭޝަން މިނިސްޓަރު ލަންދުއަށް ވަޑައިގަތުމުން އެ ކަމަނާ އަށް އެ ރަށު ސްކޫލްގެ ދަރިވަރުން މަރުހަބާ ކިޔަނީ -- ފޮޓޯ/ އެޑިޔުކޭޝަން

ނ. ލަންދޫ ސްކޫލަށް 50 އަހަރު ފުރުން އެ ސްކޫލުގައި ފާހަގަކޮށްފި އެވެ.

ރޭ ލަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ބައިވެރިވެވަޑައިގެން އެ ސްކޫލްގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންނާއި އަދި ބެލެނިވެރިންނާ ބައްދަލަކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ތަޢުލީމު ދިނުމުގައި ބައި ގަރުނު ހޭދަކުރުމުގެ އުފަލަކީ ވަރަށް ހާއްސަ އުފަލެއް ކަމަށާއި ލަންދޫ ސްކޫލަށް 50 އަހަރުފުރޭ އުފާވެރި މުނާސަބާގައި ސްކޫލްގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލްގެ އެންމެހާ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"މި ސްކޫލް ވުޖޫދަށް ގެންނެވުމުގެ ބުރަ މަސައްކަތްކުރެއްވި އެންމެހާ ބޭފުޅުންނަށް ވެސް ނުހަނު އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި މި ދެންނެވި ބޭފުޅުންގެ ތެރެއިން، އަޅުގަނޑުމެންނާއި ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް، މާތްﷲގެ ދީލަތި ރަޙްމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ލަންދޫ ސްކޫލަކީ މަކުތަބެއްގެ ގޮތުގައި 1967 ވަނަ އަހަރު ހުޅުވި ސްކޫލެކެވެ.

މިނިސްޓަރު ވިދާޅުވީ ލަންދޫ ސްކޫލަކީ މިއަދު ޒަމާނީ ވަސީލަތްތައް ގާއިމްކުރެވިފައިވާ ތަޢުލީމީ ގޮތުން ކުރިއެރުން ހޯދާ ސްކޫލެއް ކަމަށާއި އެއީ "އަޅުގަނޑުމެން އެންމެނަށް ލިބޭ ވަރަށްބޮޑު އުފަލެއް" ކަމަށެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ކޮންމެ ދަރިވަރަކަށް ވެސް، އެ ދަރިވަރު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމަށް، އަދި އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްކޫލްތަކުން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ވިދާޅުވީ ތަޢުލީމުގެ ފެންވަރު މަތިކުރުމުގެ މަގްސަދުގައި ޓީޗަރުންގެ މަގާމުގެ އަސާސީ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަމުގައި ކަނޑައަޅައި އެ ފެންވަރަށް ތަމްރީނުކުރަން ޖެހޭ 1236 ޓީޗަރުން މިހާރު ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ.

އަދި "ޓީޗަރުންގެ ފެންވަރު މަތިކޮށް ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޢިލްމީ ސަނަދެއް ހޯއްދަވާފައިވާ ބޭފުޅުންނަށް ހެދުމުގެ ބިޔަ އަދި ބޮޑު މަޝްރޫޢުގެ ދަށުން 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް