10 ކުޅުންތެރިންނާއެކު ކުޅުނު ގްރީން ބަލިކޮށް ނިއު އެއްވަނައިގައި ހަމަޖެހިލައިފި

ޕްރިމިއަރ ލީގުގައި ނިއު ކުޅުނު މެޗެއްގައި އަލީ ފާސިރު(ސެންޓޭ ލަނޑު ޖެހުމަށް ފަހު--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ގްރީން ސްޓްރީޓްސް ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު އެެ މެޗު ނިއުއިން ކާމިޔާބު ކުރީ 0-3ގެ ަނަތީޖާ އަކުންނެވެ. މިއީ ނިއު އިން ޖެހިޖެހިގެން ކާމިޔާބު ކުރި ހަތް ވަނަ މެޗެވެ.

މި މޮޅާއެކު އެ ޓީމުން ވަނީ ނުވަ މެޗުން 24 ޕޮއިންޓު ލިބި ދެވަނައިގައި އޮތް މާޒިޔާ އާ ދެމެދު ފަސް ޕޮއިންޓަށް ފަރަގު ބޮޑު ކޮށްފައެވެ. ނަމަވެސް މާޒިޔާ މާދަމާ ރޭ ޓީސީ ބަލިކޮށްފި ނަމަ ނިއުއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކުރެވޭނެއެވެ. ޖެހި ޖެހިގެން ދެ މެޗުން ބަލިވުމުން ގްރީންއަށް ވަނީ ގަދަ ހަތަރަކުން ވެއްޓިދާނެ ކަމުގެ ބިރު ހީވެފައެވެ. މާދަމާ ހަވީރު ގދ. ތިނަދޫ އިން ދ. ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދައިފިނަމަ ތިނަދޫ އަށް ތާވަލުގެ ހަތަރުވަނަ ލިބޭނެ އެވެ.

މެޗު ފެށިގެން ހަ ވަނަ މިނެޓުގައި ނިއުގެ ކުޅުންތެރިޔަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ގްރީންގެ އަލީ ޝާމިސް (ތޮއްޕެ) އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗުގެ ބޮޑު ބައި ގްރީން އިން ކުޅެފައި ވަނީ އެއް ކުޅުންތެރިޔަކުން މަދުކޮށެވެ. އެކަމުން ގްރީންއަށް ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް މެޗުގެ 14 ވަނަ މިނެޓުގައި ނިއު އިން ވަނީ ލަނޑެއް ޖަހައިފައެވެ. އަރިމަތިން އެޑްރިއަން ވަލްޑޭސް ގަލާޑޯ ނަގައި ދިން ހުރަސް، ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ލީޑު ހޯދުމަށް ފަހު ނިއު އިން އަދިވެސް މަސައްކަތް ކުރީ އިތުރު ލަނޑެއް ޖަހައި ގްރީން ޕްރެޝަރަށް ވައްޓާލާށެވެ. ނަމަވެސްް އުފެއްދި ހަމަލާތައް ގޯލަކަށް ބަދަލުކޮށް ލެވޭ ގޮތް ވަނީ ނުވެފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ގްރީނުން ފެށީ ކުޅުންތެރިޔަކު ބަދަލު ކުރުމަށް ފަހުއެވެ. އެގޮތުން ޓީމުގެ ކެޕްޓަން އިސްމާއިލް ފަރުހާދު (ފަރޭ)ގެ ބަދަލުގައި ކުޅެން ނިކުތީ މުހައްމަދު ނަޒާމް އެވެ. މި ބަދަލާއެކު އެ ޓީމުން ކުޅުން ރަނގަޅު ކޮށް މެޗަށް އެނބުރި އާދެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސްް މެޗުގެ 64 ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ޖަހައި މޮޅު ގާތްގަނޑަކަށް ޔަގީން ކޮށްފައެވެ.

މެޗުގެ ބާކީ ބައި ނިއުއިން ކޮންޓްރޯލު ކޮށްގެން ކުޅުނު އިރު، 85 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި މުހައްމަދު ރަޝީދު (ހޮކޭ) ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑު ކޮށްފައެވެ. މިއީ ހޮކޭ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ޖެހި ފުރަތަމަ ލަނޑުކަން ފާހަގަ ކޮށްލެވެއެވެ.

ލީގުގައި މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ދ. ކުދަހުވަދޫ އާއި ގދ. ތިނަދޫއެވެ.

comment ކޮމެންޓް