ވާރު ކަޕްގެ ޗެމްޕިއަންކަން ބީވައިއެސް އެފްސީން ހޯދައިފި

ވާރު ކަޕް 2017ގެ ޗެމްޕިއަންކަން ހޯދި ބީވައިއެސް އެފްސީ: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 3-2 ލަނޑުގެ ނަތީޖާއަކުން ވޭމަންޑޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެން --- ފޮޓޯ/ ކޮޅުމަޑުލު އަތޮޅު ކައުންސިލް

ވާރު ކަޕް 2017ގެ ނަމުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ފަރާތުން ތ. ވޭމަންޑޫގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބީވައިއެސް އެފްސީން ހޯދައިފިއެވެ.

މިމަހުގެ 13 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ބީވައިއެސް އެފްސީން ހޯދީ ފައިނަލުގައި ވޭމަންޑޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުން ބީވައިއެސް މޮޅުވެފައި ވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބީވައިއެސް އެފްސީގެ އަލީ އުތުހަރާއި އެ ޓީމުގެ ހަސަން އަލީފާއި ވޭމަންޑޫ ކައުންސިލް ޓީމުގެ މާޒިން އަހްމަދާއި ވޭމަންޑޫ ސްކޫލުގެ އަބްދުﷲ ޔާމީން އަދި އެ ޓީމުގެ އަހްމަދު ޔޫސައުއެވެ.

ވޭމަންޑޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު އާލާކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބޭއްވި އެ މުބާރާތް ކުރިއަށްދިޔައީ ޖުމްލަ ހަތް ޓީމަކާއެކުއެވެ. އެ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖުގެ ކުޅުން ފުރަތަމަ ކުރިއަށްދިޔަ އިރު، ސެމީގައި ވާދަކުރީ ކޮންމެ ގްރޫޕެއްގެ އެންމެ ކުރީގައި އޮތް ދެ ޓީމެވެ.

އެ މުބާރާތުގައި ވާދަކުރި ހަތް ޓީމަކީ ކޮޅުމަޑުލު އަތޮޅު ކައުންސިލާއި ބީވައިއެސް އެފްސީ އާއި ތ. އަތޮޅު ހޮސްޕިޓަލާއި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ތ. ވޭމަންޑޫ ކައުންސިލް އިދާރާ އާއި ފެނަކަ ވޭމަންޑޫ ބްރާންޗް އަދި ތ. ވޭމަންޑޫ ސްކޫލެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބީވައިއެސް އެފްސީއަކީ ބޭންކް އޮފް މޯލްޑިވްސް ވޭމަންޑޫ ބްރާންޗާއި ވޭމަންޑޫ ޔޫތު ސެންޓަރާއި އެސްޓީއޯ ވޭމަންޑޫ ފާމަސީ އާއި ތ. ވޭމަންޑޫ ފެމިލީ އެންޑް ޗިލްރަން ސާވިސް ސެންޓަރު އަދި ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު ގުޅިގެން މުބާރާތުގައި ވާދަކުރި ޓީމެކެވެ.

comment ކޮމެންޓް