ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރި ކުރުވަން ރަފީ އިން ހަރަކާތެއް ކުރިއަށް ގެންގޮސްފި

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް ރަފީ ޖަމިއްޔާ އިން އިސް ނަގައިގެން ކުރިޔަށްގެންދިޔަ ހަރަކާތުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިންގް ޔޫތު (ރަފީ) ޖަމިއްޔާ އިން އިސް ނަގައިގެން ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މިއަދު ހަވީރު ރަސްފަންނުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ، ދުނިޔޭގެ މެންޓަލް ހެލްތު ޑޭ އާ ގުޅިގެން ބޭއްވި ހަރަކާތެކެވެ. ދުނިޔޭގެ މެންޓަލް ހެލްތު ޑޭ ފާހަގަ ކުރަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ރަފީ ޖަމިއްޔާ އިން އިސް ނަގައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތް ބާއްވާފައިވަނީ، ހެލްތު މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ އަދި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަންއާ ގުޅިގެންނެވެ.

ރަފީ ޖަމިއްޔާގެ ބޯޑް ސެކްރެޓަރީ ފާތިމަތު މަމްދޫހާ 'ސަން' އަށް ވިދާޅުވީ، އެ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވި ކަމަށާއި، ހަރަކާތް ކުރިއަށްދިޔައީ އެކުވެރި މާހައުލެއްގައި ކަމަށެވެ.

"މި އިވެންޓު ބޮޑަށް ދިޔައީ ވަރަށް ފްރެންޑްލީ މާހައުލެއްގައި، އެހެން ނަމަވެސް ވަރަށް ރަނގަޅު ވަރަށް މުހިއްމު މައުލޫމާތުތަކެއް އެކި ފަރާތްތަކަށް ހިއްސާ ކުރެވިގެން،" މަމްދޫހާ ވިދާޅުވި އެވެ.

މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް ރަފީ ޖަމިއްޔާ އިން އިސް ނަގައިގެން ކުރިޔަށްގެންދިޔަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގައި، ޔޫތު މިނިސްޓްރީން ޒުވާނުންނަށް ހާއްސަ ސްޓޯލެއް ބަހައްޓާފައިވާ އިރު، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަނުން ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ފަސޭހަ ކަމާއެކު މައުލޫމާތު ލިބިގެންދިޔަ ކަމަށެވެ.

"ވަރަށް އުނދަގޫ ދެއްތޯ ބޭފުޅުންނަށް ގުޅައިގެން އެޕޮއިންޓްމެންޓް ހޯދައިގެން، ތަންތަނަށް ގޮސްފަ މައުލޫމާތު ހޯދަން. އެކަމަކު މިކަހަލަ އިވެންޓެއްގަ ޕްރޮފެޝަނަލް ބޭފުޅުންނާ ވާހަކަ ދައްކާލާ، ވަރަށް ގާތުން ޝުއޫރުތައް ފާޅުކޮށްލަން މިއީ ހޯދައިދެވުނު ވަރަށް ރަނގަޅު ފުރުސަތެއް،" މަމްދޫހާ ވިދާޅުވި އެވެ.

comment ކޮމެންޓް