ކޮއެމަން ޕްރެޝަރަށް ވެއްޓި، ކޯޗުކަމުން ވަކިކޮށްފާނެ ކަމުގެ ބިރު ހީވެފައި

އެވަޓަންގެ ކޯޗު ރޯނަލްޑް ކޮއެމަން -- ފޮޓޯ/ އޭޕީ

ޕްރެޝަރަށް ވެއްޓި އެވަޓަންގެ ކޯޗުކަމުގެ ކޯޗުކަމުން ވަކިކޮށްފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ރޯނަލްޑް ކޮއެމަން ބުނެފިއެވެ.

ޔޫރޮޕާ ލީގުގައި ރޭ އޮލިމްޕިކް ލިޔޯން އަތުން 1-2 ގެ ނަތީޖާ އަކުން އެވަޓަން ބަލިވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮއެމަން ބުނީ، މެޗަކުން ބަލިވެއްޖެ ނަމަ، އޭގެ ޒިންމާ ނަގައި ޕްރެޝަރަށް އެންމެ ފުރަތަމަ ވެއްޓޭނީ އެ ޓީމެއްގެ ކޯޗު ކަމަށާއި އެގޮތުން އޭނާ އެ ހުރީ މަގާމުން ވަކި ކޮށްފާނެ ކަމުގެ ބިރު ހީވެފައި ކަމަށެވެ.

"ޓީމު ރަނގަޅުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މި އަންނަނީ. ރަނގަޅަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ ވަކިކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެން. އެހެންކަމުން އަހަރެން ވަކިކުރުމުގެ ބާރު ކްލަބުގެ ބޯޑަށް އެބައޮތް،" ކޮއެމަން ބުންޏެވެ.

ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އަދި އަނެއް މެޗުން ވަނީ އެއްވަރު ވެފައެވެ. އެއާއެކު އެވަޓަން ހިމެނޭ 'ގްރޫޕް އީ' ގައި އެ ޓީމު އޮތީ އެންމެ ފުލުގައެވެ. މީގެ އިތުރުން އެވަޓަން މި ސީޒަނުގައި ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ.

ޕްރިމިއާ ލީގުގައި ހަތަރު މެޗުން އެޓީމު ބަލިވިއިރު، އެވަޓަން އޮތީ އަށް ޕޮއިންޓާއެކު ޕްރިމިއާ ލީގުގެ 16 ވަނައިގައެވެ.

ޕްރިމިއާ ލީގުގައި އެވަޓަން އަންނަ އާދީއްތަ ދުވަހު ނުކުންނާނީ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށެވެ.

comment ކޮމެންޓް