ކެތަލޯނިޔާ މައްސަލަގަނޑު ތެރެއަށް ވަދެ، ސިޔާސީ ވާކަށް ބޭނުމެއް ނޫން: ފެބްރިގާސް

ކެތަލޯނިޔާއަށް އުފަން ޗެލްސީގެ މިޑްފީލްޑަރު ސެސް ފެބްރިގާސް --- ފޮޓޯ/ އޭޕީ

ސްޕޭނުން ވަކިވެ، މިނިވަން ވަކި ދައުލަތަކަށް ކެތަލޯނިޔާ ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް ވަދެ، ސިޔާސީ ވާން ބޭނުން ނުވާ ކަމަށް ޗެލްސީގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފިއެވެ.

ކެތަލޯނިޔާއަށް އުފަން ފެބްރިގާސް ވަނީ ދެ ފަހަރެއްގެ މަތިން ބާސެލޯނާއާ ގުޅިފައެވެ. އޭނާ ވަނީ 1997 އިން 2003ގެ ނިޔަލަށާއި 2011 އިން 2014ގެ ނިޔަލަށް ބާސާއަށް ކުޅެފައެވެ.

ކެތަލޯނިޔާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ ހާމަކަން ބޮޑު ގޮތެއްގައި މިނިވަން ކަމަށް ގޮވާލާ ކުޅުންތެރިޔަކީ ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭއެވެ. އެކަމުގެ ސަބަބުން ޕީކޭ ގައުމީ ޓީމަށް ކުޅެމުންދާ އިރު، ސަޕޯޓަރުންގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

"އަހަރެމެން އެންމެން ވެސް ގެންގުޅެނީ ތަފާތު ހިޔާލުތަކެއް. އެކަމަކު އަހަރެން އުންމީދުކުރަނީ ކަންތައްތައް ތަފާތު ގޮތަކަށް ވެގެންދާނެ ކަމަށް. އަދި އެކަކު އަނެކަކުގެ އިހުސާސްތައް އެނގޭނެ ކަމަށް. ސްޕެއިންގައި ފުޓްބޯޅައަކީ ޕެޝަނެއް. އެހެންވީމާ ފުޓްބޯޅަ ކުޅުންތެރިންނަށް ސިޔާސީ ކަންކަމާމެދު ވިސްނަން އުނދަގޫވާނެ. އަހަރެން މަސައްކަތް ކުރަނީ ސިޔާސީ ކަންކަމުން ދުރުވެ ހުންނަން،" ފެބްރިގާސް ބުންޏެވެ.

ވޯލްޑް ކަޕް 2018ގައި ވާދަކުރާ ސްޕެއިންގެ ޓީމުގެ ސްކޮޑުގައި ފެބްރިގާސް ހިމެނޭނެ ކަމަށް ހަބަރުތައް ބުނަމުންދެއެވެ. ކެތަލޯނިޔާ ޓީމަށް ތިން ފަހަރު ކުޅުނު ފެބްރިގާސް ވަނީ 110 މެޗު ސްޕެއިން ގައުމީ ޓީމަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑް ކަޕް 2010، ޔޫރޯ 2008 އަދި ޔޫރޯ 2012 ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް