މުނޯޒްގެ ހެޓްރިކާއެކު މާޅޮހުން ގަދަ ހަތަރެއްގެ އުންމީދު އާ ކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޅޮސް މޮޅުވީ 5-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޮޑު ތަފާތަކުން ށ. މިލަންދޫ ބަލިކޮށް، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ އުންމީދު އއ. މާޅޮހުންް އާ ކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު މާޅޮސް ވަނީ ލީގުގައި ހައިރާން ކުރަނިވި މޮޅެއް ހޯދައިފައެވެ. އެ މެޗުގައި މާޅޮހުން ވަނީ 2-1 ލަނޑުގެ ނަތީޖާއަކުން ތާވަލުގެ ހަތަރު ވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ. އެއީ ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމެއް ފުރަތަމަ ޑިވިޝަންގެ ކްލަބެއް އަތުން ހޯދި ފުރަތަމަ މޮޅެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޅޮސް މޮޅުވީ 5-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު މާޅޮހުން ކާމިޔާބުކުރީ 1-5 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު މާޅޮހުން ވަނީ ލީގުގައި ކުޅުނު ނުވަ މެޗުން އަށް ޕޮއިންޓު ހޯދައި ތާވަލުގެ ހަ ވަނަ މަގާމަށް ޖެހިލައިފައެވެ. އަދި މިލަންދޫ ވަނީ ތާވަލުގެ ހަތް ވަނަ މަގާމަށް ވެއްޓިފައެވެ. ކުޅުނު ނުވަ މެޗުން މިލަންދުއަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

މެޗު ފެށިގެން ނިމެންދެން ގިނަ ހަމަލާތަކެއް އުފައްދައި މޮޅަށް ކުޅުނީ މާޅޮހުންނެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓު ތެރޭގައި މާޅޮހުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާޅޮހަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސްޕެއިން ފޯވާޑް އަންހެލް ކަރަސްކޯސާ މުނޯޒެވެ. އޭގެ އަށް މިނެޓު ފަހުން އޭނާ ވަނީ ލިބުނު ޕެނަލްޓީއަކުން މާޅޮހަށް ލީޑު ފުޅާ ކޮށްދީފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޅޮސް މޮޅުވީ 5-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ދެ ލަނޑަށްފަހު ވެސް މާޅޮހުން ވަނީ އެޓޭކަށް އިސްކަމެއް ދީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އަހުމަދު އާރިފް ވަނީ އިތުރު ލަނޑެއް ޖަހައި މާޅޮހަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މާޅޮހުގެ ކުއްލި ލަނޑުތަކަށް ރައްދު ދިނުމުގެ ގޮތުން މިލަންދޫން ކުޅުން ރަނގަޅުކޮށް މާޅޮސް ކޮޅަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުގެ އިބްރާހިމް ސައީދު ވަނީ ލަނޑެއް ޖަހައި މިލަންދުއަށް އުންމީދު އާ ކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން މުނޯޒް ވަނީ މާޅޮހުގެ ހަތަރު ވަނަ ލަނޑުު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޅޮސް މޮޅުވީ 5-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރަތަމަ ހާފު 1-4 ގެ ނަތީޖާއަކުން ނިމުނު އިރު، ދެވަނަ ހާފު ދިޔައީ ފުރަތަމަ ހާފާ ހިލާފަށް ތަންކޮޅެއް ފޯރި ދަށްކޮށެވެ. މިލަންދޫ އިން މެޗުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތްކުރި ނަމަވެސް މާޅޮހުގެ ގޯލު ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ. އެއާ ހިލާފަށް މާޅޮހުގެ އަލީ ވަސީމް ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް މޮޅު ޔަގީން ކޮށްދީފައެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގްރީސް ސްޓްރީޓްސްއެވެ.

comment ކޮމެންޓް