ޝަރުއީ ދާއިރާގައި 39 އަހަރު ޚިދުމަތް ކުރެއްވި ހާލިދު ރިޓަޔާ ކުރައްވައިފި

ހާލިދު ގާސިމް ރިޓަޔާ ކުރެއްވުން --- ފޮޓޯ/ ޑީޖޭއޭ

މެދުކެނޑުމެއް ނެތި ޝަރުއީ ދާއިރާއަށް 39 އަހަރު ވަންދެން ހިދުމަތް ކޮށްދެއްވި ހއ. ދިއްދޫ، ރޯޒްމީޑް އަލްއުސްތާޒު ޚާލިދު ގާސިމް ވަޒީފާއިން ރިޓަޔާ ކުރައްވައިފި އެވެ.

ހާލިދު ވަޒީފާއިން ރިޓަޔާ ކުރެއްވުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

ޑީޖޭއޭ ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ހާލިދު ޝަރުއީ ދާއިރއާ ގުޅިވަޑައިގެންފައިވަނީ 1977 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެގޮތުން ފުރަތަމަ އޭނާ އަދާ ކުރައްވާފައިވަނީ މާލެ އަތޮޅު ގާޒީ ކަމުގެ މަގާމެވެ. އެއަށްފަހު ހިންމަފުށީ ކޯޓާއި، ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާ ކުރައްވާފަ އެވެ. އަދި ތުލުސްދޫ ކޯޓުގެ ސީނިއާ މެޖިސްޓްރޭޓްކަމުގެ މަގާމާއި، މާލެ އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުވެސް ހާލިދު އަދާ ކުރައްވާފައިވެ އެވެ.

އޭގެ ފަހުން ހާލިދު އަދާ ކުރެއްވީ ޖަސްޓިސް މިނިސްޓްރީގެ ޖުޑީޝަލް އެފެއާޒްގެ މަގާމާއި، ޑީޖޭއޭގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރެއްވި އެވެ.

ހާލިދު ގާސިމް ރިޓަޔާ ކުރެއްވުން --- ފޮޓޯ/ ޑީޖޭއޭ

ހާލިދު ވަޒީފާއިން ރިޓަޔާ ކުރެއްވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، އޭނާ އަކީ ޝަރުއީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ބޭފުޅެއް ކަމަށާއި، ޝަރުއީ ދާއިރާގައި ވަޒީފާ އަދާ ކުރެއްވި އިރު، އިހްލާސްތެރިކަމާ ވަފާތެރިކަމާއެކު އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ތަފާތު އެކި ގޮންޖެހުންތަކާއެކުވެސް އެކަށޭނަ ޙައްލު ހޯދައިދީ މުވައްޒަފުންގެ ލާބައާއި މަންފާއަށް އަލްއުސްތާޒް ޚާލިދު ޤާސިމް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފަ. މުޅި ޝަރުއީ ދާއިރާއަށް އަލްއުސްތާޒް ޚާލިދު ޤާސިމް ކޮށްދެއްވި ޚިދުމަތްތަކީ އޭގެ އަގު ވަޒަން ނުކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

comment ކޮމެންޓް