އިނގިލި ބުއިމުން ހުރި ގެއްލުމާއި ފައިދާ!

އިނގިލި ބުއިމަކީ ކުދިން ބޮޑުވަމުން އަންނަ އިރު އެކުދިންގެ ކިބައިން ކަނޑުވާލަން އުނދަގޫ އާދައެއް --

އިނގިލި ބުއިމަކީ ކުދިން ބޮޑުވަމުން އަންނަ އިރު އެކުދިންގެ ކިބައިން ކަނޑުވައިލަން އުނދަގޫ އާދައެކެވެ. މިއިީ ކުދިންގެ ކިބައިގައި ޠަބީއީ ގޮތުން ހަރުލާ އާދައެކެވެ. ބައެއް ކުދިންނަކީ މައިމީހާގެ ރަހިމުގެ ތެރޭ އޮންނަ އިރުވެސް އިނގިލި ބޮއެ ހަދާ ކުދިންނެވެ.

ކުއްޖާ ބޮޑުވުމުން އަންނަ އިރު، ގާތްގަނޑަކަށް އަހަރަކާއި ތިން އަހަރާ ދޭތެރޭގެ ކުދިން އިނގިލި ބުއިމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ހެޔޮ އަސަރު ކުރުވާނެ ކަމެއް ކަމަށް އެމެރިކަން ޑެންޓަލް އެސޯސިއޭޝަނުން ބުނެ އެވެ. އެގޮތުން އެ އުމުރުގެ ކުދިން އާންމުކޮށް އިނގިލި ބޮއެ ހަދަނީ ނިދަން ފަސޭހަވާތީ ކަމަށް އެ ފަރާތުން އެކުލަވާލާފައިވާ ދިރާސާއެއްގައި ބުނެފައިވެ އެވެ. އަދި އެފަދަ ކުދިންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކުގެ ސަބަބުން ވެސް އިނގިލި ބޮއެ ހަދާ ކަމަށާއި އެފަދަ ވަގުތުތަކުއި އިނގިލި ބުއިމުން އެ އުނދަގޫތަކުން ލުޔެއް ލިބޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެ އުމުރުގެ ކުދިން އިނގިލި ބުއިމަކީ އެ ކުދިންނަށް އޭގައި ފައިދާތަކެއް އެކުލެވޭ ކަމެކެވެ.

ކުއްޖާ ޕްރީ ސްކޫލު އުމުރަށް އެޅޭއިރު އިނގިލި ބޯނަމަ ނޫނީ ކުޑަކުދިން މަސަލަސް ކުރަންދޭ ކަހަލަ ތުން (ޕެސިފަޔާ) ބުއިމަށް އާދަވެފައިވާ ނަމަ، އެ އާދަ ކަނޑުވާލުމަށް އެ އުމުރުގައި މަސައްކަތް ކުރަންވާނެ އެވެ. ދެ އަހަރު، ދެ އަހަރު ބަޔަށް އަޅާ އިރު ކުއްޖާގެ ކިބައިން އެ އާދަ ކަނޑުވާލަން މަސައްކަތްކޮށްފި ނަމަ އެކަން ކުރަން ފަސޭހަވާނެ އެވެ. ޕްރީ ސްކޫލު އުމުރުގެ ކުދިން އިނގިލި ބުއިމަކީ އެ ކުދިންނަށް ގެއްލުން ހުރި ކަމެއް ކަމަށް އެމެރިކަން ޑެންޓަލް އެސޯސިއޭޝަނުގެ ދިރާސާގައި ބުނެފައިވެ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ އެއީ ކުއްޖާގެ އަނގައިގެ ހެދި ބޮޑުވުމަށާއި ދަތްތައް ފަޅާއިރު އައިބުކޮށް ދަތް ހުރެދާނެ ކަމެއް ކަމަށެވެ.

އާންމުކޮށް އިނގިލި ނުބުއި ނަމަވެސް ކުއްޖާއަށް ދިމާވާ ހާލަތްތަކުގައި، މިސާލަކަށް އެކަނިވާ ހިނދު، ކަމަކާ ވިސްނާއިރު އިނގިލި ބޯނަމަ އެކަން ނުކުރުމަށް ކުއްޖާއަށް ހަނދާން ކޮށްދޭން ވާނެ އެވެ. ކުއްލިއަކަށް މިއާދަަ ހުއްޓުވުމަށް އުނދަގޫ ނަމަ، ކަލަންޑަރުގައި ވަކި ދުވަހެއް ފާހަގަ ކުރާށެވެ. އަދި އެ ދުވަހަކީ އިނގިލި ބުއިން ހުއްޓާލަންވާނެ ދުވަސް ކަމަށް ކަނޑައަޅާ ކުއްޖާއާ ވާހަކަ ދައްކާށެވެ. އެގޮތަށް ވެސް އާދަ ކަނޑުވާލަން އުނދަގޫ ވެއްޖެ ނަމަ، ޑޮކްޓަރާ ވާހަކަ ދައްކާށެވެ. އިނގިލި ބުއިން ހުއްޓާލުމަށް ޑޮކްޓަރުގެ އަނގައިން ކުއްޖާ ގާތު ބުނުމުން މަންމަ ނޫނީ ބައްޕަ އެ ވާހަކަ ބުނެގެން ގަބޫލު ކުރުމަށް ވުރެ ފަސޭހައިން ގަބޫލު ކުރާނެ އެވެ.

އިނގިލި ބުއިމަކީ ކުއްޖާގެ އުމުރުން ދެ އަހަރު ވަންދެން ބަލާނަމަ ކުރުން އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ސްކޫލަށްދާ އުމުރަށް އަޅާއިރު އެ އާދަ ކަނޑުވާލަން ވާނެ އެވެ. އެއީ ކުއްޖާގެ ހެދި ބޮޑުވުމަށް އަސަރުކޮށް އެކުގައި އުޅޭ ކުދިންގެ މަލާމާތް ވެސް ރައްދުވެދާނެ ކަމެކެވެ.

މަސްދަރު: ފެމެލީ ޝެއާ

comment ކޮމެންޓް