އެމެރިކާގެ ސިޔާސީ މަސްރަހާ ބެހޭގޮތުން އޮބާމާ އާއި ބުޝް ކަންބޮޑުވުން ފާޅު ކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު ބުޝް ވަނީ އެގައުމުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައިފަ --

ވޮޝިންޓަން (އޮކްޓޯބަރު 20): އެމެރިކާގައި މިހާރު އޮތް ބައިބައިވެފައިވާ ސިޔާސީ މަސްރަހާ ގުޅިގެން އެގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު ބުޝް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ދެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ އާއި ބުޝް ވަނީ "ބިރުވެރިކަމާއި ބައިބައިވުން" ފަތުރާ ސިޔާސީ ހިޔާލު ދޫކޮށްލުމަށާއި، 'ހަނގާކުރުމާއި ތަފާތު ކުރުންތައް" ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

އެމެރިކާގެ ނިއު ޖާޒީގައި އޮތް ޑިމޮކްރެޓިކް ޕާޓީގެ ކެމްޕެއިނެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވަނީ މީގެ ގަރުނުތަކެއް ކުރިން އޮތް، ބައިބައިވުން އުފައްދާ ސިޔާސީ ހިޔާލުތައް އަނެއްކާވެސް ނުގެންގުޅެވޭނެ ކަމަށާއި، އެފަދަ ހިޔާލު އެމެރިކާ ރައްޔިތުން ގަބޫލު ނުކުރާ ކަން ދުނިޔެއަށް ދައްކަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އަދި އޭގެ ފަހުން ވާޖީނިއާގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވަނީ "އަމިއްލަ ފައިދާއަށްޓަކައި ބައެއް މީހުން ދަނީ ގަސްތުގައި އެހެން މީހުން ރުޅި އަރުވަން މަސައްކަތް ކުރަމުން ކަމަށާއި، ތަފާތު ހިޔާލު ގެންގުޅޭ މީހުންނަކީ ގޯސް މީހުންގެ ގޮތުގައި ދެއްކުމަށް" މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، އޮބާމާ އެހެން ވިދާޅުވުމުގެ ކުރިން ނިއު ޔޯކުގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަވަމުން ބުޝް ވަނީ މިހާރު އެމެރިކާގައި އޮތް ސިޔާސީ މައިދާނުގައި ތަފާތު ހިޔާލުތަކަށް ފުރުސަތު ނުދިނުން އާއްމުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން އެމެރިކާގެ ރައްޔިތުން، ހާއްސަކޮށް ޒުވާނުން ޑިމޮކްރަސީއަށް ތާއިދު ކުރާ މިންވަރު ކުޑަވެފައިވާ ކަމަށް ބުޝް ވިދާޅުވި އެވެ.

ދެ ރައީސުންގެ ވާހަކަފުޅުގައިވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް، ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ އެ ދެ ބޭފުޅުން ޓްރަމްޕަށް ދެއްވި ބަހުގެ ހަމަލާތަކެވެ. އެމެރިކާގެ ކުރީގެ ރައީސުން ފަހުގެ ރައީސުންނަށް ފާޑު ވިދާޅުވުމަކީ އާއްމު ކަމެއް ނޫނެވެ.

ނަމަވެސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އޮބާމާ އާއި ބުޝްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ ދެ ބޭފުޅުން ވެސް "އެމެރިކާގެ ތާރީހުގައިވެސް ވެރިކަން ކުރެއްވި އެންމެ ގޯސް ރައީސް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް