ވެމްކޯއަށް ހުށަހެޅޭ ޝަކުވާގެ އަދަދު މަދުވެއްޖެ

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުންކުރާ ވެހިކަލްތަކެއް އިންޑަސްޓްރިއަލް ވިލޭޖްގައި ވެމްކޯއަށް ދީފައިވާ ސައިޓްގައި ޕާކް ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ކޯލް ސެންޓަރަށް ލިބޭ ޝަކުވާގެ އަދަދު މަދުވެއްޖެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އިއްޔެ ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އިގްބާލު ވިދާޅުވީ، އޮގަސްޓް މަހު އެ ކުންފުނީގެ އޮޕަރޭޝަންތައް ފެށި އިރު ދުވާލެއްގެ މައްޗަށް 2000 އެއްހާ ޝަކުވާ ލިބޭ ކަމަށެވެ. "މިހާރު މިއަދަދު ވަނީ 200 އަށް ވުރެ ދަށްވެފައި" އިގްބާލު ވިދާޅުވިއެވެ.

އިގުބާލު ވިދާޅުވީ، އެ ކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ކޯލް ސެންޓަރާއި އޮޕަރޭޝަން ސެންޓަރު ގުޅާލެވިފައިވާ ކަމަށެވެ.

ވެމްކޯއިން މިހާރު އަންނަނީ މާލެ ސިޓީ ސަރަހައްދުގައި ހިމެނޭ މާލެ އަދި ހުޅުމާލޭގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަންނަ މަހު ވިލިމާލޭގައި ކުނި އުކާލުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ އިރު އެކަމާބެހޭ މައުލޫމާތު ފޯރުކޮށްދީ ހިދުމަތަށް އެދި ރަޖިސްޓަރީ ކޮށްދިނުމަށް މާދަމާ ވިލިމާލޭގައި އޯޕަންޑޭ އެއް ބޭއްވުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް