ތިމާވެށި ތަޣައްޔަރުވުމުން ޖެހުނު ބަލިތަކުގައި 2015 ވަނަ އަހަރު ނުވަ މިލިއަން މަރު

އިންޑިއާއަކީ ތިމާވެށި ތަޣައްޔަރުވުމާ ގުޅިގެން ފަސް ފަސް ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމު -- ފޮޓޯ: ގެޓީ

ތިމާވެށި ތަޣައްޔަރުވުމާ ގުޅިގެން ޖެހޭ ބަލިތަކުގައި 2015 ވަނަ އަހަރު މުޅި ދުނިޔެއިން ނުވަ މިލިއަން މީހުން މަރުވެފައިވާ ކަމަށް މެޑިކަލް ޖާނަލްއެއް ކަމަށްވާ ދި ލާންސެޓްގައި ރިޕޯޓުކޮށްފި އެވެ.

ފާއިތުވި ދެ އަހަރު ތެރޭ ތަފާތު ގައުމުތަކުގެ ތަފާސްހިސާބު ބޭނުން ކޮށްގެން އެކުލަވާލި އެ ރިޕޯޓުގައިވާ ގޮތުން ތިމާވެށި ތަޣައްޔަރުވުމާ ގުޅިގެން ޖެހޭ ބަލިތަކާ ހެދި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ ބަންގުލަދޭޝް އާއި ސޯމާލިއާފަދަ އާމްދަނީ ލިބޭ މިންވަރު މަދު ގައުމުތަކުންނެވެ. އަދި އެފަދަ ބަލިތަކާ ހެދި އެންމެ މަދު މީހުން މަރުވެފައި ވަނީ ބުރުނާއީ އާއި ސުވިޑެންއިންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ތިމާވެށި ތަޣައްޔަރުވުމާ ގުޅުން ހުރި އެންމެ ގިނަ ބަލިތައް ޖެހިފައި ވަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުންނެވެ. އެގޮތުން އެފަދަ ބަލިތަކުގައި މަރުވި ނުވަ މިލިއަން މީހުންގެ ތެރެއިން 6.5 މިލިއަން މީހުން މަރުވީ ވައި ތަޣައްޔަރުވުމާ ގުޅިފައިވާ ބަލިތަކާ ހެދި އެވެ.

ވައި ތަޣައްޔަރުވުމާ ގުޅިގެން ޖެހޭ ބަލިތަކުގައި 2015 ވަނަ އަހަރު އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމުތައް -- ފޮޓޯ: ދި ލާންސެޓް

އަދި ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފެން ތަޣައްޔަރުވުމާ ގުޅިގެންނެވެ. އެގޮތުން ފެން ތަޣައްޔަރުވުމުގެ ސަބަބުން 1.8 މިލިއަން މީހުން މަރުވެ، މަސައްކަތް ކުރާ މާހައުލާ ގުޅިގެން 800،000 މީހުން މަރުވެފައިވެ އެވެ.

ފެން ތަޣައްޔަރުވުމާއި މަސައްކަތް ކުރާ މާހައުލާ ގުޅިގެން މަރުވި މީހުންގެ މީހުންގެ ތެރެއިން 92 ޕަސެންޓް މީހުން މަރުވެފައި ވަނީ އިންޑިއާ ފަދަ ހަލުވި ކަމާއެކު އިގުތިސާދު ކުރިއަރަމުން އަންނަ ގައުމުތަކުގަ އެވެ. އެގޮތުން އިންޑިއާއަކީ ތިމާވެށި ތަޣައްޔަރުވުމާ ގުޅުން ހުރި ބަލިތަކުގައި ފަސް ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެއާ އަޅާ ބަލާއިރު ޗައިނާ އޮތީ އެ ލިސްޓުގެ 16 ވަނައިގަ އެވެ.

އެ ރިޕޯޓު ލިޔުނު ފަރާތްތަކުން ބުނި ގޮތުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން ހުރިހާ ގައުމެއްގައި ވެސް ފަގީރު މީހުންނަށް މާ ބޮޑަށް އަސަރުކޮށްފައިވެ އެވެ. އެގޮތުން ތިމާވެށި ތަޣައްޔަރުވުމާއި، ފަގީރުކަމާއި، ސިއްހަތާ ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް ރިޕޯޓުގެ ލިޔުންތެރިއެއް ކަމަށްވާ ކާޓީ ސަންޑިލްޔާ ވިދާޅުވި އެވެ. (ބީބީސީ)

comment ކޮމެންޓް