ކެންދޫ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދައިފި

ކެންދޫ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވުމުން އެ ބޯޓު ފަޅުން ނެރިފަ ---

ބ. ކެންދޫ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް 'ސަން' އަށް ވިދާޅުވީ އެ ހާދިސާގައި ބިދޭސީއެއް ފިހިފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވެފައިވާ ތެޔޮ ބޯޓަކީ މިއަދު ހެނދުނު އެ ރަށަށް ޕެޓްރޯލް ހިފައިގެން ދިޔަ ބޯޓެއްގައި ކަމަށާއި ރޯވި އިރު ބޯޓު އަޅާފައި އޮތީ ފަޅު ތެރޭގައި ކަމަށެވެ.

"ފަޅު ތެރޭގައި އޮއްވާ [ބޯޓުގައި] ރޯވުމުން ރައްޔިތުން ނުކުމެ ވަލެއް ޖަހައިގެން ފަޅުން ނެރިފަ. އެކަމަކު އެ އަލިފާނުގެ ސަބަބުން [ބޯޓުގައި] ޖެހި ވާ ވެސް ވަނީ އަނދައިގެން ގޮސްފައި،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ބޯޓުގައި ޖެހި ވާ އަދައިގެން ގޮސް ފަރު މައްޗަށް ބޯޓު އަރަން ފެށުމުން އަނެއްކާ ވެސް ރައްޔިތުން ނުކުމެ ކައިރީގައި އޮތް ގިރިއަކަށް ބޯޓް ގެންދިއުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

"މުޅި ބޯޓުގައި އޮތީ އަލިފާން ހިފާފައި. ބައްލަވާ ފުރާ ތެޔޮ އޮތް ބޯޓެއްވީމަ ދެން ވާނެ ގޮތް. އަދިވެސް އެއްކޮށް އަލިފާން ގަނޑު ނިއްވާ ނުލެވޭ،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އަލިފާން ގަނޑު ނިއްވާލުމަށް ރަށުގެ ރައްޔިތުން މަސަތްކަތް ކުރަމުން އަންނަ ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ސިފައިން އެ ސަރަހައްދަށް އައުމަށް ފުރާފައިވާ ކަމަށެވެ.

comment ކޮމެންޓް