ނިއުއަށް ސޮބާގެ ރައްދު: ކާމިޔާބީތަކަށް ބަލަންޏާ، ތިބޭނީ ހުސް ރަސްގެފާނުން

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ: ނިއު އަތުން ޕޮއިންޓެއް ނަމަވެސް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯޅައިގައި ކުރީގައި ހޯދާފައިވާ ކާމިޔާބީތަކެއްގެ ވާހަކަ ދައްކާ ކަމަށް ވަންޏާ، ތިބޭނީ ހުސް ރަސްގެފާނުން ކަމަށް ބުނެ، ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު)އަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ނިއު އާއި ގްރީން މިރޭ 9:00ގައި ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސަމްޕަތު ބުނީ، ނިއުއަކީ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާއި އެ ރަސްކަން ދެމެހެއްޓުމަށް އެ ކްލަބު އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އޭގެ އިތުރަށް ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ސަމްޕަތު ޖަވާބެއް ދީފައެއް ނުވެއެވެ.

ސަމްޕަތަށް ރައްދު ދެމުން ސޮބާ ބުނީ، ރަސްގެފާނު ނުވަތަ ރާނީއަކީ ކޮބައިކަން ބުނަން އެނގޭނީ އަހަރު ނިމޭއިރު ހޯދާ ކާމިޔާބީތަކަށް ބަލާފައި ކަމަށާއި ކުރީގެ ނަތީޖާތަކަށް ބަލަންޏާ ތިބީ ހުސް ރަސްގެންފާނުން ކަމަށެވެ. އަދި ނިއުއާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ކުޅުންތެރިން ވެސް ނިއު ރޭޑިއަންޓް ވީމަ އިތުރު ހިތްވަރެއް ލާނެ ކަންނޭނގެ. އަޅުގަނޑު އެއްގޮތަކަށް ވެސް މި ބުނަނީ މެޗު ފަސޭހަވާނެއެކޭ ނޫން. މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް. މެޗުގެ ފެށުން އަޅުގަނޑުމެންނަށް ރަނގަޅު ކަމުގައި ވެއްޖެއްޔާ، އުންމީދު އެބައޮތް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް. ކުރީގައި ހޯދާފައި އޮތް ކާމިޔާބީތަކެއްގެ ވާހަކަ ދައްކާކަމަށް ވަންޏާ، ތިބޭނީ ހުސް ރަސްގެފާނުން. އަޅުގަނޑަށް ހީވަނީ އަހަރު ނިމޭއިރު ކަންނޭނގެ ރަސްގެފާނަކީ ނުވަތަ ރާނީއަކީ ކޮބައިކަން ނިންމާނީ،" ގްރީންގެ ކޯޗު ބުންޏެވެ.

ގްރީނުން މިރޭގެ މެޗާ ކުރިމަތިލާ އިރު، ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އއ. މާޅޮސް އަތުން 2-1 ލަނޑުގެ ނަތީޖާއަކުން ވަނީ ބަލިވެފަ އެވެ. ސޮބާ ބުނީ، މާޅޮހާ ދެކޮޅަށް ކުޅުނު މެޗުން ގެއްލުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި އެކަމަކު މިހާރު ހުރިހާ ވެސް ވިސްނުމެއް ހުރީ ނިއުއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ. އަދި ނިއު އަތުން ޕޮއިންޓެއް ނަމަވެސް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަކަށް ނެތް އެ ނިމިގެންދިޔަ ވާހަކަ ދެއްކޭކަށް. ކޮންމެ ގޮތެއް ވިޔަސް، އަމިއްލަ ބާރު އެބައޮތް. ދެ ވަނަ ބުރުގައި އަދި އެންމެ މެޗެއް މި ކުޅުނީ. އެހެންވީމާ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނަ އިރު، ވަރަށް މަސައްކަތް އެއީ. ވަރަށް އުނދަގުލުން ނޫނިއްޔާ ޕޮއިންޓެއް ނުހޯދޭނެ. އެކަމަކު މިހާރު ހުރިހާ ފޯކަސްއެއް މިހުރީ ނިއު ރޭޑިއަންޓް މެޗަށް. ނިއު ރޭޑިއަންޓް މެޗުން ޕޮއިންޓެއް ނެގޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަދި ބައިވަރު މެޗުތައް އެބައޮތް،" އޭނާ ބުންޏެވެ.

ލީގު ތާވަލަށް ބަލައިލާ އިރު، އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތީ ތާވަލުގެ އެއް ވަނާގައެވެ. ދެ ވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ތިން ވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް އަށް މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ. އަދި ހަތަރު ވަނާގައި އޮތް ގްރީނަށް މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ.

comment ކޮމެންޓް