ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފުރަތަމަ ބުރުގެ ކުޅުން ފަށައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދަކުރާ މ. ރަތްމަންދޫގެ ޓީމު --

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފުރަތަމަ ބުރުގެ ކުޅުން ފަށައިފި އެވެ.

މާފަންނު ވެލިދަނޑުގައި ފެށި އެ މުބާރާތުގެ ފުރަތަމަ ބުރު ކަމަށްވާ އަތޮޅު ބުރުގެ އަށް މެޗު ރޭ ވަނީ ކުޅެފަ އެވެ. އަތޮޅު ބުރަށްފަހު ދެން ކުޅެވޭނީ ޒޯން ބުރުގެ މެޗުތަކެވެ.

ރޭ ކުޅުނު ފުރަތަމަ މެޗު މ. މަޑުއްވަރީ އާއި އެ އަތޮޅު ރަތްމަންދޫ ވާދަކޮށް 1-3ގެ ނަތިޖާ އަކުން މެޗު ކާމިޔާބު ކުރީ މަޑުއްވަރީއެވެ. އެ މެޗުގައި މަޑުއްވަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން އަލީ އާއި އިސްމާއިލް ނާޝިދުގެ އިތުރުން ހުސެއިން ޒަހުވާން އެވެ. ރަތްމަންދޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކައްމިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މަޑުއްވަރީ ޓީމުގެ އިސްމާއިލް ނާޝިދުއެވެ.

މ. އަތޮޅުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްގަރާއި ކޮޅުފުށްޓެވެ. އެ މެޗު 1-2 ގެ ހަނި ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ދިއްގަރެވެ. އެ މެޗުގައި ދިއްގަރުގެ ދެ ލަނޑު ވެސް ޖަހައިދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ މާޖިދުއެވެ. އަދި ކޮޅުފުށީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު އަސްނާދުއެވެ.

ރޭ ކުޅުނު ކ. އަތޮޅުގެ ފުރަތަމަ މެޗުގައި ހިންމަފުށްޓާއި ގުޅި ބައްދަލު ކުރި މެޗު 3-6 އިން ކާމިޔާބުކޮށް ފެށުން ރަނގަޅު ކުރީ ހިންމަފުށިންނެވެ. އެ މެޗުގައި ހިންމަފުށިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން އަހުމަދު ޖައިލަމް އާއި މުހައްމަދު ހުސައިން، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޔާސިރު ރަގީބު އާއި އަލީ ސާޖިދު އެވެ. ގުޅި ޓީމުގެ ލަނޑުތައް ޖަހައިދިނީ އާދަމް ނަސީރާއި އަސްރާރު އިބްރާހިމްގެ އިތުރުން އަހުމަދު ރިމާހު އެވެ.

ކ. އަތޮޅުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގުރައިދޫ އާއި ގާފަރެވެ. އެ މެޗު 2-5 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވަނީ ގާފަރެވެ. އެ މެޗުގައި ގާފަރުގެ ލަނޑުތައް ޖަހައިދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަލީ މާއިސް އާއި ޝަމާންގެ އިތުރުން ރިމާހު އެވެ. އޭގެ ތެރެއިން ރިމާހުގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ އެވެ.

ރޭ ގއ. އަތޮޅުގެ ދެ މެޗެއް ވެސް ވަނީ ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދާންދޫ އާއި ކޮނޑޭ އެވެ. އެ މެޗު 0-4 އިން ކަމިޔާބު ކޮށްފައި ވަނީ ދާންދޫއެވެ. ދާންދޫގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަސަން ސައީދު އެވެ. އޭގެ އިތުރުން މުހައްމަދު އަބްދުލް ސައްތާރާއި އަސްލަމް ސައީދު ވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނެވެ.

ގއ. އަތޮޅު ގްރޫޕުގައި ރޭ ކުޅުނު ދެވަނަ މެޗު ކަނޑުހުޅުދޫއާ ބައްދަލުކޮށް 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިލަންދޫ އެވެ. މެޗުގެ ނިލަންދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސޮފްވާން ރަމްޒީ އާއި އިބްރާހިމް ރަޝީދު އެވެ. އަދި ކަނޑުހުޅުދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސުޖާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިލަންދޫގެ ހުސެއިން މައުރޫފެވެ.

ރޭ ކުޅުނު ރ. އަތޮޅުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ އަލިފުށްޓާއި އިނގުރައިދޫ އެވެ. އެ މެޗު 1-2 އިން ކާމިޔާބު ކޮށްފައި ވަނީ އިނގުރައިދޫ އެވެ. އިނގުރައިދޫގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހުމަދު އައިހަމް އެވެ. އަލިފުށީގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް ފުރުގާން އެވެ.

ރޭ ކުޅުނު އެންމެ ފަހު މެޗުގައި ރ. ދުވާފަރު ވަނީ ރ. މަޑުއްވަރީ ކޮޅަށް ފަސް ލަނޑު ޖަހައިފަ އެވެ. އެ މެޗުގައި ދުވާފަރުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހުނައިފާއި މޫސާ އަފްރާހް، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އޭގެ އިތުރުން އެ ޓީމަށް ނާއިފް އާއި ސަހައުސް ވެސް ލަނޑެއް ކާމިޔާބު ކޮށްދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދުވާފަރު ޓީމުގެ މޫސާ އަފްރާހު އެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް