އައްްޑޫއަށް މި ސަރުކާރުން 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފިން: ރައީސް

ތައްޔާރު ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި ޒުވާނަކާ ރައީސް ޔާމީން ސަލާމް ކުރައްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕިއެމް ސަރުކާރުގައި އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ހިނގާ ކަމަށާއި، އައްޑޫގެ ރައްޔިތުން އިތުރު މަޝްރޫއުތައް ބޭނުންވާނަމަ އެކަން ވެސް މި ސަރުކާރުން ފުއްދައިދޭނެ ކަމަށެވެ.

"އައްޑު އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކެއް އެބަ ހިނގާ. އެ މަޝްރޫއުތައް ހިނގާތީ އަދި އިތުރު މަޝްރޫއުއަށް ފެން ބޮވައިގެންފައި ތިބެއްޖެ ކަމުގައި ވަންޏާ ކުރަންޖެހޭ ސުވާލަކީ ނާނާ ދެން ހުރި ކަންތައް މި ރައީސް ޔާމީނަށް ކުރެވޭނެ ބާއޭ. ޝައްކެއް ވެސް ނެތް. އެކަންވެސް ފުއްދާނީ ހަމަ މި ސަރުކާރުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، އިދިކޮޅުން ކުރާ ސުވާލަކީ، އައްޑޫ ތަރައްގީ ކުރެވޭނެތޯ ކުރާ ސުވާލު ކަމަށެވެ. އަދި އެ ސުވާލު ކުރުމުން އެނގިގެން ދަނީ ކުރީގެ ސަރުކާރުން އައްޑޫ ތަރައްގީ ނުކުރެވުނު ކަމަށާއި އެކަމަށް އިއުތިރާފުވާކަން ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ތެރޭގައި އިއުތިރާފުވެ ވަޑައިގަންނަވަނީ، އެ ބޭފުޅުން ވެރިކަން ކުރައްވައި އަދި އެ ބޭފުޅުން ބަސް ހިނގަމުން ދިޔަ އިރު، ރާއްޖޭގައި އެ ބޭފުޅުންގެ އަމުރު މައުރޫފް މުޅި ތަނަށް އާއްމުވެފަ އޮތް އިރު، އެ ބޭފުޅުންނަށް އެ އަތޮޅު ތަރައްގީ ނުކުރެވުނުކަން. އެހެންވީމަ އެކަން ފުރަތަމަ ގަބޫލު ކުރައްވައިފި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އައްޑޫ ތަރައްގީ ކުރެވޭނެތޯ އިދިކޮޅު ފަރާތްތަކުން ސުވާލު ކުރަނީ، ތަރައްގީ ކުރުމުގެ ގާބުލުކަން އެ މަނިކުފާނުގެ ކިބައިގައި ހުރުމުން ކަމަށް އިދިކޮޅުން ގަބޫލު ކުރައްވާތީ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫގައި ސާކް ސަމިޓު ބޭއްވުމަށް ގާއިމް ކުރި ކޮންވެންޝަން ސެންޓަރަކީ ކުރެއްވި ބޭކާރު ހަރަދެއްކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮންވެންޝަން ސެންޓަރު ހެދުމަށް ކުރި ހޭދައިގެ ބަދަލުގައި، އެ ފައިސާއަކީ ފެނާ ކަރަންޓާއި ނަރުދަމާ ގާއިމް ކުރުމަށް ބޭނުން ކުރެވޭނެހާ ފައިސާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ސާކް ސަމިޓު ނިމުނު ފަހުން އަޅުގަނޑު އައްޑު އަތޮޅު ރައްޔިތުންނާ އަދި އެމްޑީޕީގެ ބޭފުޅުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ، އެ ކޮންވެންޝަން ސެންޓަރުގެ އެއްވެސް ބޭނުމެއް ހިފުނުތޯ. އެތަކެއް ސަތޭކަ މިލިއަން ތަޅާލެވުނު، އުކާލެވުނު ޖަލްސާއެއް ބޭއްވުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި 24 ގަޑިއިރުގެ ކަރަންޓު ޔަގީންކޮށްދިނީ މިއަދުގެ ސަރުކާރުން ކަމަށް ވިދާޅުވިި އެވެ.

ރައީސް ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ދުވަހަކީ މިއަދުގެ ސަރުކާރަށް ހަތަރު އަހަރު ފުރޭ ދުވަސް ކަމަށާއި، އެ ދުވަހު ބައްދަލު ކުރާނީ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކަމަށެވެ. އަދި މިރޭ ބައްދަލު ކުރެއްވީ ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ދުވަހު ބައްދަލު ކުރާނީ އުފާވެރި ހަބަރުތަކަކާ އެކުގައި ކަަމަށެވެ.

"ކުރިއަށް އޮތް އަހަރުގެ އުފާވެރި ހަބަރުތަކާއެކު އަޅުގަނޑު ތިޔަ ބޭފުޅުންނާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބައްދަލުކުރާނަން، އަދި އަންނަ ދައުރުގެ މެނިފެސްޓޯގައި ކުރިއަށް އޮތް ފަސް އަހަރުގައި ކުރާނެ ކަންކަން ބަޔާން ކުރާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް