މިއީ ކުރިން އަޅުގަނޑު ލިޔެފައި އޮންނަ ވާހަކަ އެކެވެ. އަލުން ކުދި ބަދަލުތައް ގެނެސްފައިވާ މި ވާހަކައިގެ ހިޔާލު އަޅުގަނޑު އުފައްދާފައި ވަނީ އަޅުގަނޑުގެ މައިފުށުގެ ކާފަ، އަޅުގަނޑު ކުޑައިރު ތާރައެއް ހިފައިގެން އިނދެ ކިޔައިދޭ ރާގަކަށް ނުފެތޭ، ރައިވަރު ފާޑުގެ ބަސްތަކެއްގެ ތެރެއިން އަޅުގަނޑު ހަނދާން ހުރި ބައި ބޭނުންކޮށްގެނެވެ. ވާހަކައިގެ ފޮޓޯގެ ގޮތުގައި ބޭނުންކޮށްފައި އެވަނީ ކާފަގެ، ގެއާ ޖެހިގެން ހުންނަ ގެ އެވެ. ކާފާ އާ މާމަ ދިރިއުޅުނީ ވެސް ހަމަ އޭގެ ގެއެއްގަ އެވެ. އަހަރެމެން ކުދިން ކިޔައި އުޅެނީ "އަތިރީ ކާފަޔާ މާމަގެ ގަނޑުވަރޭ" އެވެ.
------------------------------------------------------------------------------------
ބޮޑުއަށީގެ ކޮޅަށްވާ ގޮތަށް ހައިވަކަރު ފޮށި ހުޅުވައިލައިގެން އިނދެ ކާފަ މަޑު ރާގަކަށް ކިޔަމުންދާނެ އެވެ. އަހަންނާ އައްޔާ ދެ ކުދިން ތިބެނީ ފިސާރިވެފައި އަޑު އަހާށެވެ؛ ކާފަ ފަށަނީ މިހެނެވެ:
ބަޕާން ބުން، ބަޕާން ބުން... އައިސާ ފާނު ބުނިޔޯ!
ބަޕާން ބުން... މަދަރާސީގައި މަގޭ ވާހަކައެއް ނުއެއްސޯ!
ވާހަކައެއް ފާޑުގެ އެ ޅެން ބުރިތައް ކާފަ ކިޔައިދޭއިރު މަ ވަރަށް ފިކުރާވެގެން އިންނަމެވެ. އަހަންނަށް އެ ބަސްތައް ސިފަވަނީ މިގޮތަށެވެ. ކިޔައިލާށެވެ:

އާގޭގެ ދެކުނުން ފަތި ދަމާލާފައިވާ ކޮށާރުތައް ކައިރިން، އައިސާ ފާނު ކަނޑިކިން ބަޑި ތަޅަމުން، ހުރަސްކުރީ އިރާދަމަށް ވުރެ ބޮޑުވީ ފަހުންނެވެ. އައިސާ ފާނު މަޑުމަޑުން ގޮސް، ކަޅުވަކަރުން ހަދާފައިވާ ބޮލާކީނު ކުލައިގެ މުސްކުޅި ދޮރާށި ހުޅުވައިލި އެވެ.

އާގޭ ފެންޑާގައި އެލުވާލާފައި އޮތް ހަތް ފުށް ލީ ކަނދިލިން ފަތުރާފައި ވަނީ މަޑުމަޑު ރަތް އައްޔެކެވެ. ފެންޑާގެ އެއް ފާރަތުގައި ކަރައިން ގެނެސްފައިވާ ހެޔޮވަރުގެ ކުޑަ ރުނބަޔަކާ، ހިމަ ރޯނުން ވެހުން ޖަހާފައިވާ މާސިންގާ ޖަހަލާއެއް ހުއްޓެވެ. އެއަށް ވުރެ ބޮޑަށް އެގޮލާ ވައްތަރީ ބޮޑު ޖާޑިއަކާ އެވެ.

އުވަ ހުނި އުނގުޅައި ހުދު ބޯކިރުކޮޅަކަށް ހަދާލާފައިވާ ފާރުގެ އެތަން މިތަނުން ފެންނަނީ އެންދެރި ގަސްތަކާއި މަސްދަތް ފިޔޮހިތައް އެލުވާލާފައިވާތަނެވެ. އެއިން ފިޔޮއްސެއްގެ މިޔަ ރަހަފޮދެއް ފަދަ އެވެ. ފެންޑާ އިން އެތެރެ އަށް ވަންނަން ހުރީ ބާވެފައިވާ ލަކުޑި ދޮރެކެވެ.

ހަސްނެތެމުން ދިޔައަސް އެއިން ތަނެއްގައި ހިރަފުސްކޮޅެއް ނުހައްދަވަ އެވެ. ދޮރުފަތުގެ ތިރީގައި ފެނުކައްކާ ބޮއްޔެއް އޭގެ އިއްޒަތުގައި ބާއްވާފައި އޮތް އިރު، ވައިރޯޅިއާ ދޮރުފަތް ހަލުވައިލުމުން ބޮޑު ލޯ ތަންޑުން ނުކުންނަ ތޫލި އަޑު ހީވަނީ ހަމަ ގަސްދުގައި ނެރޭ އަޑެއް ހެނެވެ.

ދަމާލެވިފައިވާ ސަނދުވާގެ ތަންކޮޅެއް އެތެރެ އިން ފެންނާން ހުރި ލަކުޑި ބިތުގައި ވަނީ ހުދާއި ކަޅުގެ ތަސްވީރު ލޯތަކެވެ. އޭގެ ތިރީގައި ފޮތް އަލަމާރިތަކެވެ. ބޭރުގޭގެ މެދުގައި ވަނީ މަދަރާސީ އެއްތޮޔޮ ފުރާފައިވާ ގޮނޑިތަކެވެ. ހައިވަކަރު މޭޒު ކައިރީގައި ގޮނޑިތައް އަތުރާފައި ވަނީ ފިސާރި ތަރުތީބުންނެވެ. އައިސާފާނު ބޯދީ ބަލައިލި އެވެ. ހަމަ އެކަކު ވެސް ފެންނާކަށް ނެތެވެ. ލިބުނު ހައިރާންކަމުން ސަލާން ގޮވައިލީ އިރުކޮޅަކު ބަލަން ހުރެފަ އެވެ.

ރަން ކަސަބު ބޮނޑިއަކާއި ގަތާފައެއް އަރުވާފައިވާ އުނދޯލި ދާންކޮޅާ ދިމާ އަށް ހުރި، އެތެރެގޭގެ ދޮރު ހުޅުވައިލި އަޑާއެކު ވަޅުފެހި ކުލައިގެ ސަނދުވާ ހިއްލާލި އެވެ. ހިރާއި ބޮޑު ގޮށް އެޅި ގިރުއާނު ހެޔޮވަރު ކުރައްވަމުން ނުކުންނެވީ އާގޭ މެއްދީ އެވެ. އައިސާ ފާނު ފެނުމުން މެއްދީގެ ދިގު ބުރަށް ހުރި މޫނުމައްޗަށް ހިނިތުންވުމެއް ފެތުރުނެވެ.

"އައިސާފުޅާ އެތެރެ އަށް ވަދޭ. އިށީނދޭ. މި އުޅެނީ ހަމަ އަވައްޖެއް ނުވެ،" އިސްތަށިފުޅުގައި ކެހެރި ތާކިހާކޮޅު ތުރުކުރައްވަމުން މެއްދީ އަނެއްކާ ވެސް ވަޑައިގަތީ މެދުގޭ ތެރޭ ދިމާއަށް ހުރި މަސާރީ ކޮޅާ ކައިރިއަށެވެ.

ވާތް ފަރާތަށް ބޮނޑިކޮށްފައިވާ ހުޅިމައްޗަށް އަދާރަސަމުކޮޅުން ބައެއް ވައްޓާލާފައި އޮތް ނަމަވެސް އައިސާފާނުގެ ބޯ މަތިން ބޮޑަށް ފަޅުވާން އޮތީ އެއް ނަރަށް ގަތާލާފައިވާ ފަހަނޑަ މަލުގެ ފައްޗެކެވެ. އެއިން، ހިސާބެއްގެ ލުއި ވަހެއް ދުވަ އެވެ.

ރޮނގެއް ނެތް، ރަތް ފަށުއި ފޮތީގެ ލިބާހެއް ލައިގެން އިން އައިސާފާނު މަޑުމަޑުން ދޮރު ލައްޕާލާފައި އެއްތެޔޮ ގޮނޑިއެއްގައި އިށީނެވެ. ތުން ރީނދޫ ވެނެއް ހަރަށް ދެމިގަތް ހެނެވެ. ނަޒަރު ހިންގައިލި އެވެ. ލޯ ހުއްޓުނީ ބިތުގައި ހުރި ފޮޓޯތަކަށެވެ.

އެއް ގަނޑުގައި ވަނީ މެއްދީގެ މަންމާފުޅެވެ. އިސްދޫ ދަރިކޮޅުގެ ވަންތަ ކަމާއި ޗާލާކީ ގޮތެއް ހުރެ އެވެ. މެއްދީގެ ބައްޕާފުޅުގެ ތަސްވީރު ހުރީ މައި ދޮރާށިކޮޅާ ދިމާއަށެވެ. އެ ދީދީގެ މޫނުފުޅާއި އެ ވަރުގަދަ މަތިމަހާއި ހެޔޮވަރު އިސްކޮޅުން ކޯފާ ގަދަކަމާއި ކިބުރުވެރިކަން ބުނެދެ އެވެ. ފޮށާކޮޅެއް ތުރުކުރައްވާފައި ވިޔަސް ބައިމަތި ފުޅާކަމުން އަޑު އަރާފައި އޮންނަ ފަދަ އެއްކަށި ވީރެއްގެ ސިފަ ހަމަ ރަނގަޅަށް ފާޅުވެ އެވެ. އަދި މާދުރެއްގައި ހުރި ކުޑަކުޑަ ލޯގަނޑުގައި މެއްދީ ކުޑައިރުގެ ތަސްވީރެއް ވެސް ހުއްޓެވެ. ފިސާރި ހުޅިގަނޑު ބޮޑު އަހެއްގެ މަތީގަ އެވެ. އެވާނީ މަދަރާސީގައި ނަންގާފައިވާ ފޮޓިގިރާފަކަށެވެ.

އައިސާފާނު އިނީ ހައިރާންވެފަ އެވެ. މިއަށް ވުރެ ހައިބަތު ބޮޑު ރީތި ގަނޑުވަރެއް މުޅި ހައްދުންމަތީގައި ވެސް، މުންޑޫގައި ވެސް ނުވެ އެވެ. ގަމު މަހަބަދި ކަލޯގެ ޒަމާނުގައި މިފާޑުގެ ދެ ގަނޑުވަރެއް ހުކުރު މިސްކިތާ އިންވެގެން ހުރި ކަމަށް ވެ އެވެ.

މެއްދީ ނުކުންނެވުން މާލަހެއް ނޫނެވެ. ވަޑައިގެން އިށީންނެވީ އައިސާފާނުގެ މޫނަށް ބައްލަވަމުން ހިނިތުންވަމުންނެވެ. ރަތް ދޮންކުލައިގެ މެއްދީގައި އެއް ގޮތަކަށް ވެސް މުންޑޫ މީހެއްގެ ފާޑެއް ނެތެވެ. ބޮޑަށް ވައްތަރީ މަދަރާސީގެ ޝާހީ ބޭފުޅަކާ އެވެ.

މެއްދީ، ގޮނޑީގައި އޮތް މަޚުމަލުގެ ކުޑަ ބާލީސްކޮޅު އުނގުގައި ބާއްވާލެއްވި އެވެ. ލޯފުޅު އަމާޒުކުރައްވާފައި ވަނީ އައިސާފާނުގެ އޮޅަލި މޫނަށެވެ.
"ހާދަ ލަދުންނޭ ތި އިނީ،"
"އަޅުގަނޑު، ލަދަކުން ނޫން،" އައިސާފާނު ހީނލި އެވެ. ހީނލުމުން ހުދު، ކުދިކުދި ދަތްތައް ފާޅުވެގެން ދިޔަ އެވެ.
"އަހަރެން ރަށަށް އައިމަ އެނގޭ ކަމަކަށް ވެސް ނުހެދި. މިސްކިތް ދޮށުން ފެނިގެން ދަލު ބޭރުން ވާހަކަ ދައްކަން ވެސް ޖެހުނީ."
"އަޅުގަނޑަށް ހަމަ ނުކެރުނީ،" މެއްދީގެ ލޯފުޅު އައިސާފާނާ ދިމާ އަށް ގެންދަވާ ވަރުން އައިސާފާނު ލަދުން ގޮސް އަމިއްލަ ދެ އަތް ޖޯޑުކޮށްލި އެވެ.
"އަދިވެސް ހަމަ އިހުގެ ލަދުވެތިކަން ދެއްތޯ؟ މަދަރާސީގައި ވެސް އަހަރެން އައިސާ ފާނާ މެދު ވަރަށް ވިސްނިން. އުޅޭނީ ކިހިނެއްބާވައޭ؟ މީހަކާ އިނދެފާނޭ، ކުދިން ވެސް ތިބޭނޭ... މިހާރު ވެސް ބުއްދައްގެ އާއި ބަތްކޭ މަގަށް ގޮސް އުޅެމުތަ؟"

އައިސާފާނު އެއްވެސް ޖަވާބެއް ނުދެ އެވެ. އިރުކޮޅަކުން މެއްދީގެ އިޝާރާތަކަށް، އާގޭގައި އުޅޭ ދޮން މަރިޔަނބު ދެ ތަށި ނާރިނގު ސަރުބަތު ހިފައިގެން އައެވެ. އެ މަރިޔަނބަކީ މެއްދީގެ ދައިތާފުޅުގެ ތުއްޕުޅު ރައިހާނާ އުރުވަޑުވާ އާޔާ އެވެ.

މަރިޔަނބު އެއް ތަށި ފޯރުކޮށްލީ އައިސާ ފާނަށެވެ. އާގެ ތެރެއިން އައިސާފާނު ފެނުމުން މަރިޔަނބު ހިތާ ނުވީތޯއްޗެކެވެ. އައިސާފާނަށް ބަލަމުން ދިޔައީ ދެ ބުމަ ގޮށް ޖައްސަމުން ދެ ލޯ އަވަރުކުރަމުންނެވެ.
އައިސާފާނު މެއްދީގެ މޫނުފުޅަށް ބަލާލާފައި ސަރުބަތު އަޅާފައިވާ ކަރު ދިގު ބިއްލޫރި ދޯރުގެ ފުލުގައި މަޑުމަޑުން އިނގިލި ކާއްތަމުންދިޔަ އެވެ.

"އަދިވެސް ކަރަ އަށް ވަޑައިގަންނަވަމުތޯ؟"
"ދާ ގޮތަކަށް ނޫން އައީ. ބައްޕާފުޅު އަވާހަރަވުމުން އެކަން ވާން ނެތީ."
"އަޑު އެހިން ވެލާނާ މަނިކުފާނު ކަމަށް ކޮލިލައްވައި މާލެ ގެންދަވާ ވާހަކަ. އެއީ ތެދުފުޅެއްތޯ؟" އައިސާފާނު ހީނލި އެވެ.
"މިހާރު މި ހުންނެވި ރަދުން ބޭނުންފުޅުވޭ އަޅުގަނޑަށް ވެލާނާކަން ދެއްވަން. އެކަމަކު އަހަރެން ބޭނުމީ ބައްޕާފުޅުގެ ފަތުހުއް ސަބާހުގައި ކޮޅުނބަށާއި ކޮއްޗޭ އަށް، ދަތުރު އަޅަން. މި ހުރިހާ އެއްޗެއް ދޫކޮށްލާފައި ކޯފާ ގަދަ ރަސްކަލެއްގެ ދަރުބާރަށް ދިއުމަކީ މޮޔައަކު ކުރާނެ ކަމެއްނު!"
"އެ ވާހަކަ ވިދާޅުވާންތޯ އަޅުގަނޑު ގެންނެވީ؟" އައިސާފާނު ބަލައިލި އެވެ.
"ހުރިހާ ވާހަކައެއް ކިޔައިދޭން،" މެއްދީ އިންނެވީ ވަރަށް ބޮޑަށް ހާސްވެލައްވާފައި ހެން ހީވެ އެވެ. ދޯރުގައި ހުރި ސަރުބަތު ފޮދު އެއް ކޯވަރުން ހިއްޕެވުމަށް ފަހު މޭޒު މަތީގައި ބެހެއްޓެވި އެވެ.
"ހިނގާ ބަލަ ވެޔޮ ދަށަށް... މަދަރާސީ ކުއްޖަކާ އަހަރެން ކައިވެނިކުރީ ބައްޕާފުޅުގެ އެދިވަޑައިގަތުމަކަށް. ކައިވެނިކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ބަދަލުވެއްޖެ. ކައިވެނި ރޫޅުނީ އެ ހިސާބުން. ދެން ރަށަށް އައީ. އައިސާފާނު މަތިން ހަނދާން ހުރި." މެއްދީ ފެއްޓެވި ވާހަކަ އިން އައިސާފާނު ހުރީ އިސްޖަހާލައިގެންނެވެ.
"އަހަންނަށް އައިސާފާނާ ދުރަށް ދެވުނީ ބައްޕާފުޅުގެ ވެސް ކޯފާ ގަދަކަމުން. މިހާރު އެ ކައިވެންޏެއް ވެސް، ބައްޕާފުޅެއް ވެސް ނެތެއްނު... ކީއްވެ މާ މަޑުން ތި އީނީ؟" ވެވާ ކައިރީގައިވާ ކީރަންމާ ގަސް ދޮށަށް މެއްދީ ހުއްޓިވަޑައިގަތެވެ.
"އަޑުއަހަނީ،"
"އަހަރެން ދެކެ ރުޅި އާދޭތަ؟" އައިސާފާނުގެ އަތުގައި މެއްދީ ހިއްޕެވި އެވެ.
"ނާދޭ. އެކަމަކު އަޅުގަނޑު ހިއެއް ނުކުރަން މެއްދީ ވަޑައިގަންނަވާނެ ކަމަކަށް. އަޅުގަނޑު ހީކުރީ އަޅުގަނޑާ މެއްދީ އަރާއަރަފޯދިގެން ނުވާ ކަމަށް."

އައިސާފާނުގެ ސާފު ދެ ލޮލަށް ބައްލަވަން ހުންނަވާކަށް މެއްދީ އަށް ކެތް ނުވެގެން އިސްދަށް ޖެއްސެވީ އެވެ. އައިސާފާނުގެ ފުރިހަމަކަން މެއްދީ އަށް އެނގިވަޑައިގަތީ އަދި ކިރިޔާ އެވެ. ތުއްޕުޅު އިރު އައިސާފާނަކީ މެއްދީގެ ސިންދިތާ އެވެ. އެ ގުޅުން ދަމަހައްޓަން މެއްދީ އަށް އެނގިވަޑައި ނުގަތީކީ ނޫނެވެ. ބައްޕާފުޅުގެ ބަހަށް ފަސްޖެހިވަޑައިގަތީ އެވެ. އެކަމަކު މަދަރާސީން ރަށަށް ވަޑައިގެން މެއްދީ އެންމެ ބޭނުންވީ އައިސާފާނެވެ.

"ލޯބި ބަދަލުކުރުން އެއީ އަހަރެން ކުރި ކުށެއް. އަހަރެން އަލުން ކައިވެންޏަށް އެދިއްޖެއްޔާ..." މެއްދީގެ ދޫފުޅު ކާޅު ގެންދިޔަ އެވެ. އައިސާފާނުގެ މޫނަށް ވެސް ވެރިވީ ހިމޭންކަމެކެވެ. ސިއްރުން މެއްދީ އަށް ބަލައިލި އެވެ.
"އެކަމަކު އަޅުގަނޑު މިއުޅެނީ ހަނދު ބަލައިގެން ކައިވެނިކުރަން... ރުއްކޮއްޓުގޭ އާދަނާ!" ފެން ހިނގަހިނގާ އޮތް ބޮޑު ވެވުގެ ތެރެއަށް އައިސާފާނު ބަލައިލި އެވެ. ހިސާބަކަށް ހަނދު އަރާފައި ހުރުމުން ފެންގަނޑު މަތީގައި ރަން ކުލައިގެ ވައި ހިޔަނި ދުވަމުން ދެ އެވެ.
"ކުރިން އުންމީދު ކުރީ އަޅުގަނޑުގެ ހަޔާތް އޮންނާނީ މި ގަނޑުވަރުގައި ކަމަށް. ބަތްކޭ މަގުގައި މެއްދީ މިރިހި މަލެއް ދެއްވި ދުވަހު އުފެދުނު ލޯބި ބަދަލު ނުވާނެ ކަމަށް. އެކަމަކު މެއްދީ އަޅުގަނޑަށް ފުރަގަސް ދެއްވީ."

މެއްދީ އައިސާފާނުގެ މޫނަށް ބައްލައްވައިލެއްވީ މާޔޫސްވެ ހުންނަވަ އެވެ. އެކަމަކު އޭރު އައިސާ ފާނު މެއްދީ އަށް ފުރަގަސް ދީ ހިނގައިގަންނަނީ އެވެ. މެއްދީ ހުންނެވީ ބައްލަވާށެވެ. އެކަމަކު އެ ދީދީ އަށް އިވި ވަޑައިގަތީ ގަނޑުވަރުގެ ބޭރު ދޮރު ހުޅުވި އަޑާއި، ލެއްޕުމުން ނުކުތް ތޫލި އަޑުފަށްގަނޑެވެ.

---

ނޯޓް: ކާފަ އެހެން ކިޔައިދޭ އެއްޗެއްސަށް އަހަރެން ސުވާލުތައް އޮއްސަމެވެ. އެހެންވެ ބައެއް ދުވަސް ދުވަހު އަހަރެމެންގެ ގެއަށް އައިސް މަންމަ ގާތުގައި ބުނެ އެވެ. "މަންޖޭ މަރިޔަން ދީދީ އެވެ! އަހަރެމެން އާދަނަކީ ހާދަހާ ގަރަހިތަ ގޮލައެކެވެ. ބައްޕާ ކިޔައިދޭ އެއްޗެއް ނަގައިގަންނާކަށް ނޭނގެ އެވެ." ވިދިގެން މަންމާ ބުނާނެ އެވެ. "ބައްޕާ އަޅައި ނުލާށެވެ. އެއީ އަދި ކުޑަކުއްޖަކެވެ. ބައްޕަ ތިޔަ ކިޔާ ރައިވަރުތަކެއް މަގޭ އާދަނަކަށް ނޭނގޭނެ އެވެ"
މިހާރު ހިތަށް އަރައެވެ. ކާފަ ދުނިޔޭގައި ހުރި ނަމައެވެ. މަށާހެދި ވަރުފަށެއް ހުރީހެވެ. އަތިރީ ކާފައަށް ކާފަޔަށް ރަހުމަތާއި ފުއްސެވުން ދެއްވާށި އެވެ!
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު