ބަނޑުގައި ގަރުބަ ގަތުމާއެކު ތެލެސީމިއާ ޓެސްޓު ކުރެވޭ ގޮތް އަންނަ އަހަރު ހަދަނީ

ތެލެސީމިއާ ކުއްޖެއްގެ ގަޔަށް ލޭ އަޅަނީ-- ސަން ފޮޓޯ

ވިހެއުމުގެ ކުރިން ބަނޑުގައި އޮންނަ ދަރިފުޅަކީ ތެލަސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ ޓެސްޓު ނުވަތަ ޕްރީނޭޓަލް ޑައިގްނޯސްޓިކް ޓެސްޓު އަންނަ އަހަރު ހެދޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތެލެސީމިއާގެ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ތަމްރީނު ހޯދުމަށް ސައިޕްރަސްއަށް ފޮނުވާ ފަސް ބޭފުޅުންނަށް ލިޔުން ހަވާލު ކުރުމަށް އިއްޔެ ބޭއްވި

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު އެ މަސައްކަތް ފެށިގެން ދާނެ ކަމަށާއި ތެލެސީމިއާގެ ފަރުވާގެ އެންމެ މުހިންމު އެއް ކަމަކީ ކުއްޖާ އުފަންވުމުގެ ކުރިން ތެލެސީމިއާ ހުރިތޯ ބެލުމަށް ހަދާ ޓެސްޓް ކަމަށެވެ.

"އަވަސް މުސްތަގުބަލެއްގައި ރާއްޖޭގައި ޕްރީނަޓަލް ޑައިލިސިސް ހެދޭނެ. އަދި ކުޅުދުއްފުށީގައި އެޅިގެންދާ ޓާޝަރީ ހޮޮސްޕިޓަލްގައި އަންނަ އަހަރުގެ ކުރީކޮޅު ހަމަޔަގީނުން ވެސް އެ ހިދުމަތް ލިބިގެންދާނެ. އެ ޔަގީންކަން އަޅުގަނޑު ދެން،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެގެ އިތުރުން މިދިޔަ އަހަރު އަށް އަތޮޅެއްގެ 32 ރަށެއްގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމު ހިންގާފައިވާ ކަމަށާއި މިއަހަރު ވެސް އެފަދަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖޭގައި ދެމުންދާ ތެލެސީމިއާ ބަލީގެ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ސިއްހީ ފަސް ހިދުމަތްތެރިޔަކު ސައިޕްރަސްއަށް ތަމްރީނު ހާސިލް ކުރުމަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓަރު ނާޒިމާ ވިދާޅުވީ ސިއްހީ ފަސް ހިދުމަތްތެރިޔަކު ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް ސައިޕްރަސްއަށް ފޮނުވަނީ އިންޓްނޭޝަނަލް ފެޑަރޭޝަނާއި ސައިޕްރަސް އާއި ދިވެހި ސަރުކާރު ގުޅިގެން ކަމަށެވެ.

"ސައިޕްރަސް އަކީ ތެލެސީމިއާގެ ފަރުވާ ވަރަށް ރަނގަޅަށް ދެވެމުން އަންނަ ގައުމެއް. އަޅުގަނޑުގެ އުންމީދަކީ ޕޮލިސީ ލެވެލްގައި އަޅުގަނޑުމެން ކުރަން ހުރި ކަންތައްތަކާއި، ޓެކްނިކަލް ގޮތުން އަޅުގަނޑުމެން މި އާއިލާތަކަށް ފޯރުކޮށް ދޭންޖެހޭ ހިދުމަތް ފޯރުކޮށްދިނުމުގައި ބަލަން ޖެހޭ ކަންކަން އަޅުގަނޑުމެންގެ މޭޒުތަކާ ހަމައަށް މިބޭފުޅުން ގެނެސްދެއްވުން،" މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ނާޒިމް --- ސަން ފޮޓޯ/ އަފްރާހް

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީނު ހާސިލް ކުރުމަށް ސައިޕްރަސް އަށް ފޮނުވަން ނިންމާފައިވާ ފަސް ބޭފުޅުންނަށް ލިޔުން ވަނީ ހަވާލު ކޮށްފައެވެ.

ތެލެސީމިއާ ފަރުވާއާ ގުޅޭ ތަމްރީނުތަކަށް ސައިޕްރަސްއަށް ދިއުމަށް ފުރުސަތު ލިބުނީ އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް އިން މެޑިސިން ޑރ. މަރިޔަމް ނިޔާޒާއި ޑރ. އަބްދުލް އަޒީޒް ހަމީދާއި މޯލްޑިވިއަން ބްލަޑް ސާވިސެސްގެ ސީނިއާ ލެބޯރިޓަރީ ޓެކްނޮލޮޖިސްޓް ޝިޔާމާ ނަޒީމާއި އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް އިން ޕީޑިއެޓްރިކްސް ޑރ. އަހްމަދު ފައިސަލްގެ އިތުރުން މޯލްޑިވްސް ބްލަޑްސާވިސެސްގެ ޑރ. އަހްމަދު އުމަރުއެވެ.

އެ ބޭފުޅުން ސައިޕްރަސްގައި ދިހަ ދުވަހުގެެ މުއްދަތަކަށް މަޑުކުރާއިރު ސައިޕްރަސްއަށް ދިޔުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް