ކިއުބެކްގައި މޫނު ބުރުގާ އަޅާ މީހުންނަށް ސަރުކާރުގެ ހިދުމަތްތައް ނުދޭ ގޮތަށް ނިންމައިފި

ކިއުބެކްގައި މޫނު ބުރުގާ އަޅާ މީހުންނަށް ސަރުކާރުގެ ވަޒީފާ އާއި ހިދުމަތް ދިނުން ވަނީ މަނާކޮށްފައި -- ފޮޓޯ: އީޕީއޭ

ކިއުބެކް ސިޓީ (އޮކްޓޯބަރު 19): ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ކިއުބެކްގައި މޫނު ބުރުގާ އަޅާ މީހުންނަށް ސަރުކާރު ވަޒީފާ ދިނުމާއި އެމީހުންނަށް ހިދުމަތް ދިނުން މަނާކުރާ ގާނޫނެއް ފާސްކޮށްފި އެވެ.

އެގާނޫނުގެ ދަށުން ފުލުހުންނާއި ޓީޗަރުންނާއި ބަސް ޑްރައިވަރުންނާއި ސަރުކާރުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ފޫޅުމައިންނާއި ޑެންޓިސްޓުންނަށް މޫނު ބުރުގާ ނޭޅޭނެ އެވެ. އަދި ސްކޫލަކަށް ނުވަތަ ހޮސްޕިޓަލަކަށް ދާ މީހުންނާއި ސަރުކާރުގެ ބަހަކަށް އަރާ މީހުން މޫނު ބުރުގާ ނަގަން ޖެހޭނެ އެވެ.

އެގާނޫނަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭގެ ސަބަބުން މުސްލިމް އަންހެނުން އެކަހެރިވެ، ސަރުކާރުގެ ވަޒީފާތަކާއި ހިދުމަތްތަކުން މަހުރޫމު ވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ކިއުބެކްގެ ސަރުކާރުން ވަނީ އެއީ މުސްލިމުންނަށް އަމާޒުކޮށް ފާސްކުރި ގާނޫނެއް ނޫން ކަމަށް ބުނެފަ އެވެ.

އަދި ސަރުކާރުން ހިދުމަތެއް ހޯދާ އިރު މޫނު ބުރުގާ އަޅައިގެން ހުރުމުގެ ހުއްދައަކަށް އެދެވިދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް "ސަލާމަތީ ސަބަބަތުތަކާ ހެދި ނުވަތަ އަންހެން މީހާއަކީ ކާކުކަން ޔަގީން ކުރުމަށް ޓަކައި، ނުވަތަ ދޭ ހިދުމަތެއްގެ ގޮތުން" އެފަދަ ހުއްދައެއް ނުދީފާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ކިއުބެކްގައި މޫނު ބުރުގާ އަޅާ މީހުންގެ އާބާދީ އެޕްރޮވިންސުން ހާމަކޮށްފައި ނުވި ނަމަވެސް 2016 ވަނަ އަހަރު ކެނެޑާގައި ހެދި ސާވޭއަކުން ދައްކާ ގޮތުގައި އެގައުމުގެ ތިން ޕަސެންޓް މުސްލިމް އަންހެނުން މޫނު ބުރުގާ އަޅަ އެވެ.

ޔޫރަޕްގެ ގައުމުތަައް ކަމަށްވާ ފްރާންސް އާއި ބެލްޖިއަމް އިން ވަނީ އެގައުމުތަކުގައި މޫނު ބުރުގާ އެޅުން މަނާކޮށްފަ އެވެ. (ބީބީީސީ)

ގުޅޭ ޓެގު
comment ކޮމެންޓް