ޓިލާސަންގެ ތައުރީފު އިންޑިއާ އަށް އަދި ފާޑުކިޔުން ޗައިނާ އަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮކްޓޯބަރު 19): އޭޝިއާގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒު ކުޑަ ކުރުމަށް ޓަކައި އިންޑިއާއާ އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން ޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގައި ހުންނަ ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސްގައި ވާހަކަ ދައްކަވަމުން ޓިލާސަން ވަނީ އިންޑިއާ އަކީ އެމެރިކާގެ ޕާޓްނަރެއްގެ ގޮތުގަ އާއި ކުރިމަގަށްޓަކައި އެމެރިކާއާ އެއްގޮތް އަމާޒުތަކެއް ގެންގުޅޭ ގައުމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ނަމަވެސް ޗައިނާ ސިފަ ކުރައްވަމުން ޓިލާސަން ވަނީ އެއީ ޑިމޮކްރެޓިކް ގައުމެއް ނޫން ކަަމަށާއި އެގައުމާއި އެމެރިކާއާ ދެމެދު، އިންޑިއާއާ އެކު އޮތް ފަދަ ގުޅުންތަކެއް ދުވަހަކުވެސް ނުބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެކުނު ޗައިނާ ކަނޑުގެ މައްސަލަތައް ފަދަ ބައެއް މައްސަލަތަކާ ގުޅިގެން ޗައިނާއިން ބައިނަލްއަގުވާމީ ގަރާރުތަކާ ހިލާފަށް މަސައްކަތްކޮށްފައިވާ ކަން ޓިލާސަން ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން އޭޝިއާ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި އިންޑިއާއިން މިހާރަށް ވުރެ ބޮޑު ދައުރެއް އަދާ ކުރަން ޖެހޭ ކަމަށް ޓިލާސަން ވިދާޅުވި އެވެ. އެގޮތުން އޭޝިއާގެ ގައުމުތަކުގެ ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި އެގައުމުތަކަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވާން ޖެހޭނީ އިންޑިއާ އާއި އެމެރިކާ ކަމަށް ޓިލާސަން ވިދާޅުވި އެވެ.

ޓިލާސަން އެފަދައިން ވިދާޅުވީ އަންނަ ހަފްތާ ތެރޭގައި އޭނާ އިންޑިއާއަށް ދަތުރުކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފައި ވަނިކޮށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ނޮވެމްބަރު މަހު އޭޝިއާގެ ބައެއް ގައުމުތަކަށް ވަޑައިގަންނަވަން ހަމަޖައްސާފައި ވަނިކޮށެވެ. އެދަތުރުފުޅުގައި ޓްރަމްޕް ޗައިނާއަށް ވެސް ވަޑައިގަންނަވާނެ އެވެ. (ބީބީސީ)

comment ކޮމެންޓް