ޗައިނާގައި އޮތީ މާ ކާމިޔާބު ނިޒާމެއް، ހުޅަނގުގެ ނިޒާމް ކޮޕީކުރާކަށް ނުޖެހޭ!

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ނަވާރަވަނަ ކޮންގްރެސްގައި ޝީޖިންޕިން ތަގްރީރު ކުރައްވަނީ

ޗައިނާގެ އިގްތިސާދީ އަދި ސިޔާސީ ނިޒާމަށް ދުނިޔޭގެ ގައުމުތަކުން އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔައެވެ. ޚާއްސަކޮށް، ޗައިނާގެ ކޮމިއުނިސްޓް އިންގިލާބަށްފަހު އެގައުމުގައި، ސޯޝަލިޒަމްއާއި ކެޕިޓަލިޒަމް މަސްހުނި ކޮށްލައިގެން އުފެއްދި މުޅިން އައު ނިޒާމަށް ފާޑުކިޔުންތައް އިތުރުވިއެވެ. އެހެން ނަމަވެސް އެގައުމުގެ އިގްތިސާދީ އަދި ސިޔާސީ ނިޒާމަކީ ވަރަށް ކާމިޔާބު ނިޒާމެއް ކަމަށާ އެއީ ޗައިނާ ރައްޔިތުންގެ އިޖްތިމާއީ ހުރިހާ ހައްގުތަކެއް ރައްކާތެރިކޮށް ދިނުމަށް މިހާތަނަށް ތަޖްރިބާކުރެވުނު އެންމެ ރަނގަޅު ނިޒާމު ކަމަށް ޗައިނާގެ ރައީސް ޝިޖިންޕިން ވަނީ ވިދާޅުވެފައެވެ.

ބެއިޖިންގްގައި އިއްޔެ ފެށި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ނަވާރަވަނަ ކޮންގްރެސްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝީޖިންޕިން ވިދާޅުވީ، ޗައިނާގެ ނިޒާމަށްވުރެ ރަނގަޅު ނިޒާމެއް ދުނިޔޭގެ އެހެން ގައުމަކުން އަދި ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން އެހެންގައުމުތަކުގެ ނިޒާމުތައް ޗައިނާ ކޮޕީކުރަން ނުޖެހޭ ކަމަށެވެ. ޗައިނާގެ އިގްތިސާދީ އިޖްތިމާއީ ސިނާއީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަކީ ތާރީޚީ ކުރިއެރުމެއްކަމަށާއި ކުރުމުއްދަތެއްގެ ތެރޭގައި ޗައިނާ ކުރިއަރައިގެންދިޔަ ބާރުމިނުގައި މިހުރިހާ ދާއިރާތަކަކުން ކުރިއެރި ގައުމެއް ފެންނަންނެތް ކަމަށްވެސް ޝީޖިންޕިން ވިދާޅުވިއެވެ.

ޗައިނާއަކީ 1959ގައި އެގައުމަށް ކޮމިއުނިސްޓް އިންގިލާބު އައިއިރު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ފަގީރުކަން ކުޑަކުރުމަށް ޗައިނާ ގެންގުޅުނު ސިޔާސަތުތަކާއި ސްޓްރެޓެޖީގެ ސަބަބުން އެގައުމުގެ ފަގީރުންގެ ތެރޭގައި ހިމެނުނު ފަސް ސަތޭކަ ވަރަކަށް މިލިޔަން މީހުން ފަގިރުކަމުން ސަލާމަތްކޮށް އިގްތިސާދީ ގޮތުން ފުދުންތެރި، މެދުފަންތީގެ މީހުންގެ ލެވެލްއަށް ގެނައުމުގައި ކާމިޔާބު ހޯދިއެވެ. މިއީ ޗައިނާގެ ފަގީރުންގެ ނިސްބަތް ހަތްދިހަ އިންސައްތައިން ވިހި އިންސައްތައަށް ދަށްކުރުމެކެވެ.

ޗައިނާއިން މިމަގްސަދު ހާސިލްކޮށްފައިވަނީ ގާތްގަނޑަކަށް ސާޅީސް އަހަރު ތެރޭގައެވެ. މިއަދު ޗައިނާގެ އަށްޑިހަ އިންސައްތަ މީހުންނަކީ ފުދުންތެރި ބައެކެވެ. އަދި އިންޑިޔާގައި އުޅޭ ލެވެލްގެ ފަގީރުން ޗައިނާގައި ނުވެސް އުޅެއެވެ. ނަމަވެސް ކުރިން ޗައިނާއަކީ އިންޑިޔާއަށްވުރެވެސް ފަގީރުން ގިނަ އަދި ފަގީރުންގެ ފަގީރުކަންވެސް އިންޑިޔާއަށްވުރެ ބޮޑު ގައުމެކެވެ. މިހާރުވެސް ޗައިނާއަށްވުރެ ގުދްރަތީ ވަސީލަތްތައް ގިނައީ އިންޑިޔާގައެވެ. ނަމަވެސް ޗައިނާއާ އަޅާބަލާއިރު އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އިންޑިޔާ އުޅެނީ ވަރަށް ބޮޑަށް ފަހަތުގައެވެ. ކުރިޔަށްއޮތް ފަންސާހަކަށް އަހަރު ތެރޭގައިވެސް އިޖްތިމާއީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ޗައިނާ އޮތް ހިސާބަށް އިންޑިޔާއަށް ނުދެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ފަގީރުކަން ކުޑަކުރުމަށް ޗައިނާ ހިންގި ޕްރޮގްރާމްތަކަށް ޔޫރަޕްގެ ގައުމުތަކުންނާއި އެމެރިކާވެސްވަނީ ވަރަށް ބޮޑަށް ތާރީފުކޮށްފައެވެ. އެއީ އަޖައިބު ކުރަނިވި ކާމިޔާބެއްކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި އެއީ ދުނިޔެއަށްވެސް ނަމޫނާ ދެއްކި ޕްރޮގްރާމް ތަކެއްކަމަށް ހުޅަނގުގެ ތަޖްރިބާކާރުންވެސް ސިފަކޮށްފައިވެއެވެ. މީގެ ބަދަލުގައި ހުޅަނގުގެ ޑިމޮކްރަސީގެ ނިޒާމު ޕްރެކްޓިސް ކުރަމުން ގެންދާ އިންޑިޔާ ފަދަ ގައުމުތަކުގައި ފަގީރުން އިތުރަށް ފަގީރުވެ، މުއްސަނދިންވަނީ އިތުރަށް މުއްސަނދި ވެފައެވެ. އަދި ފަގީރުކަން ކުޑަކުރުމަށް، ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި އިންޑިޔާއާއި އެނޫން ގައުމުތަކުގައި ހިންގި ޕްރޮގްރާމްތައްވަނީ މުޅިން ނާކާމިޔާބު ވެފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ގެންގުޅުނީ ސޯޝަލިޒަމްއާއި ކެޕިޓަލިޒަމް މަސްހުނި ކޮށްލައިގެން ޗައިނާ އަމިއްލައަށް އުފެއްދި ނިޒާމެކެވެ. މިއީ ހުޅަނގުގެ ކެޕިޓަލިސްޓް ނިޒާމަށްވުރެ މާ ކާމިޔާބު ނިޒާމެކެވެ. ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ވިއެޓްނާމުންވެސް މިހާރު ގެންދަނީ މި ނިޒާމު ތަންފިޒު ކުރަމުންނެވެ. ނަތީޖާއަކީ ބާރު ސްޕީޑެއްގައި ވިއެޓްނާމް ކުރިއަރަން ފެށުމެވެ.

ކުރީގެ ސޮވިއެޓް ޔުނިޔަން އިން ގެންގުޅުނު ކޮމިއުނިސްޓް ސޯޝަލިސްޓް ނިޒާމުވެސްވަނީ ނާކާމިޔާބުވެފައެވެ. ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔައީވެސް އެނިޒާމު ނާކާމިޔާބުވުމުގެ ސަބަބުންނެވެ. އަނެއްކޮޅުން އެމެރިކާ ގެންގުޅޭ ކެޕިޓަލިސްޓް ނިޒާމު ވެސް ވަނީ ޗައިނާގެ ނިޒާމުގެ ކުރިމަތީގައި ނާކާމިޔާބު ވެފައެވެ. އެމެރިކާ އަށްވުރެ އެތަށް ސަތޭކަ ގުނައެއް އިގްތިސާދީ ގޮތުން ފަހަތުގައި އޮތް ޗައިނާ، ފަސްދޮޅަހަކަށް އަހަރު ތެރޭގައި ވަނީ އިގްތިސާދީ ގޮތުން އެމެރިކާއާ ފައިހަމަކޮށް އެމެރިކާއަށްވުރެ ކުރިޔަށްވެސް ޖެހިލާފައެވެ.

މިއަދު ޗައިނާވަނީ އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުގެ މަގާމު ހޯދާފައެވެ. އެމެރިކާވެސް ޓްރެޜަރީ ބޮންޑް ވިއްކައިގެން ލޯންތައް ހޯދާ ގައުމަކަށްވަނީ ޗައިނާ ވެފައެވެ. މީގެބަދަލުގައި އެމެރިކާ ވަނީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ޣަރަގުވެ އިގްތިސާދީ ކުރިއެރުން ދަށަށްދާން ފަށައިފައެވެ. އަދި އެމެރިކާގެ މެދުފަންތީގެ މީހުން ފަގީރުވަމުންދާއިރު މުއްސަނދިން ދަނީ އިންތިހާއަށް މުއްސަނދި ވަމުންނެވެ. ނަތީޖާއަކީ އެމެރިކާގައި ފަގީރުކަން އިތުރުވަމުން ދިޔުމާއެކު އިޖްތިމާއީ މައްސަލަތައް ފުނިޖެހެމުން ދިޔުމެވެ. މިއާއެކު ޖަރީމާތައް އިންތިހާއަށް މައްޗަށް ދާން ފެށުމެވެ.

ޗައިނާގެ ކޮމިއުނިސްޓް އިންގިލާބަށްފަހު އެގައުމަށް އިގްތިސާދީ އިސްލާޙްތައް ގެނެސް ސޯޝަލިޒަމްއާއި ކެޕިޓަލިޒަމް މަސްހުނި ކޮށްލައިގެން މުޅިން އައު ނިޒާމެއް އުފެއްދި ޗައިނާގެ އިގްތިސާދީ އިސްލާހުގެ އިސް މޭސްތިރިއަކީ އެގައުމުގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ޒައީމް ޑެންގްޝާއޮޕިން އެވެ. ދުނިޔެއަށް ޗައިނާ ހުޅުވާލީ ޑެންގްޝާއޮޕިން އެވެ.

ޗައިނާގެ މިހާރުގެ ރައީސް އަދި ކޮމިއުނިސްޓް ޕާޓީގެ ވެސް ޒައީމް ޝީޖިންޕިން އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މުއައްސިސް މާއޮޒެޑޮންގް އާއި އެގައުމުގެ އިގްތިސާދީ އިސްލާޙްތަކުގެ މޭސްތިރި ޑެންގްޝާއޮޕިން އަށްފަހު ޗައިނާގެ ޒަޢާމަތާ ހަވާލުވެވަޑައިގެންނެވި އެންމެ ވަރުގަދަ ލީޑަރެވެ. ޝީޖިންޕިން ދެހާސް ބާރަވަނަ އަހަރު ޗައިނާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިޢުލާންކުރެއްވި ކޮރަޕްޝަނާ އިދިކޮޅު ސިޔާސަތަކީވެސް ވަރަށް ކާމިޔާބު ސިޔާސަތެކެވެ.

އެ ސިޔާސަތުގެ ދަށުން ޗައިނާގެ އެކެއް ޕޮއިންޓް ތިނެއް މިލިޔަން މަސްއޫލުވެރިންނަށް އެކިވަރުގެ އަދަބުތައް ދީފައިވެއެވެ. މީގެތެރޭގައި އުމުރަށް ޖަލަށްލުމާއި ދިގުމުއްދަތުތަކަށް ޖަލަށް ލުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި ވަޒީފާއިން ވަކިކުރުންފަދަ އަދަބުތައް ހިމެނެއެވެ. މި ސިޔާސަތުގެ ސަބަބުން ޗައިނާގައި ހިނގާ ކޮރަޕްޝަންގެ މުއާމަލާތްތަކުގެ ނިސްބަތް ކުރިއާއަޅައިކިޔާއިރު ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. މިއީވެސް ޗައިނާގެ ކުރިއެރުން އިތުރަށް ހަލުއިވެގެން ދިޔަކަމެކެވެ.

ބެއިޖިންގްގައި އިއްޔެ ފެށި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ނަވާރަ ވަނަ ކޮންގްރެސްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝީޖިންޕިން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކުރިޔަށް ގެންދާނެކަން ކަށަވަރު ކޮށްދެއްވައިފައެވެ. ޝީޖިންޕިން ވިދާޅުވީ މީގެ ފަސްއަހަރު ކުރިން ޗައިނާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ އިސްކަން ދެއްވި ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅުން ހިމެނޭކަމަށާއި އަދިވެސް އެސިޔާސަތު ދަމަހައްޓަން ބޭނުންވާކަމުގައެވެ.

ކޮމިއުނިސްޓް ޗައިނާ އަކީ މިއަދު ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރެވެ. އެމެރިކާއާއި ހުޅަނގު ފަހަތަށް ޖައްސާލުމަށްފަހުގައެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓަރެވެ. އެންމެ ގިނަ އިލްމީ ރީސާޗްތައްވެސް ހަދާ ގައުމެވެ. އެންމެ ވަރުގަދަ އުމްރާނީ އިންފްރަސްޓްރަކްޗަރވެސް އޮތް ގައުމެވެ.

ޗައިނާގެ މި ކާމިޔާބީގެ ސަބަބުން އެމެރިކާގެ ބާރާއި ނުފޫޒުވެސް ދުނިޔޭގައިވަނީ ކުޑަވާން ފަށާފައެވެ. ޗައިނާ އުފައްދާފައިވާ މާލީ މުއައްސަސާތަކުގެ ސަބަބުން އެމެރިކާގެ ކޮންޓްރޯލް އޮންނަ ވޯލްޑް ބޭންކާއި އައިއެމްއެފްގެ މޮނޮޕޮލީވެސް ދަނީ ދުނިޔޭގައި ކުޑަވަމުންނެވެ. މިގޮތުން ވޯލްޑް ބޭންކާއި އައިއެމްއެފް އިން ލޯން ނުދިން ނަމަވެސް ޗައިނާގެ މާލީ މުއައްސަސާތަކުން، ކުރިއަރަމުން އަންނަ ގައުމުތަކަށް ބޮޑެތި އަދަދުތަކުން ލޯންތައް ދަނީ ލިބެމުންނެވެ.

އަނެއްކޮޅުން ރަޝިޔާއާއި ޗައިނާ ގުޅިގެން ވަނީ އެމެރިކާ ޑޮލަރުގެ ނިޒާމުގެ ބޭރުން ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ނިޒާމެއް ވެސް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިނިޒާމުގެ ދަށުން ރަޝިޔާގެ ރޫބެލް އާއި ޗައިނާގެ ޔުވާން މެދުވެރިކޮށް މިހާރު ވެސް ބްރިކްސްގެ ގައުމުތަކާއި ގަލްފުގެ މުއްސަނދި ގައުމުތައް ގެންދަނީ ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެއް ހިންގަމުންނެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ޑޮލަރުގެ ބާރު ކުރިޔަށްއޮތް ހައެއްކަ އަހަރު ތެރޭގައި ވަރަށްބޮޑަށް ކުޑަވެގެންދާނެއެވެ.

މި ނިޒާމުގެ ސަބަބުން ދުނިޔޭގައި އެމެރިކާ ގާއިމްކޮށްފައިވާ ބޭންކިން ނިޒާމުގެ ބާރާއި އާރުވެސް ކުޑަވެ އެމެރިކާގެ ބަސްނާހާ އީރާންފަދަ ގައުމުތަކާ ދެކޮޅަށް ބޭންކިންގެ ދާއިރާގައި އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރުވެސް ދަނީ ކުޑަވަމުންނެވެ.

comment ކޮމެންޓް