ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު

ތަރްބިޔަތުގެ މަޤްޞަދަކީ ޞާލިޙު އިންސާނަކު އުފެއްދުމެވެ. ހަމައެކަނި ވަކި ދައުލަތެއްގެ ރަނގަޅު ރަށްވެއްސަކު އުފެއްދުމެއްނޫނެވެ. ވަކި ޚާއްޞަ ޤައުމެއްގެ ބޭނުންތެރި ފަރުދަކު ބިނާކުރުމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ތަރްބިޔަތަކީ މުޅި އިންސާނިއްޔަތަށް ލާބައާއި މަންފާ ކުރާ ފަދަ އިންސާނަކު ތައްޔާރުކުރުމެވެ. ވަޒަނާއި، ދިރިއުޅޭތަނާއި، ކުލައާއި، ނަސްލާއި، ބަހުގެ ޢަޞަބިއްޔަތުން ސަލާމަތްވެފައިވާ ހަރުދަނާ ޝަޚްޞިއްޔަތެއް ލިބިހުރި އިންސާނަކު އުފެއްދުމެވެ. ފުރިހަމަ ޚަޞީލަތްތަކެއްގެ ވެރިޔަކު ތައްޔާރުކުމެވެ. މާތް ﷲގެ ތެދުވެރި އަޅެއްކަމުގައްޔާއި، އިންސާނިއްޔަތުގެ ޙަޤީޤީ ޚާދިމަކު ކަމުގައިވާ ފަދަ މީހަކު އުފެއްދުމެވެ. ތިމާގެވެރި ﷲގެ ޙައްޤުތައް އަދާކުރުމާއެކު މުޅި އިންސާނިއްޔަތަށް ހެޔޮއެދޭ އާދަމުގެ ދަރިޔަކު ތައްޔާރުކުމެވެ.

މިދެންނެވިފަދަ އިންސާނަކު ބިނާކުރުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ޖިސްމާނީ ތަރްބިޔަތެއްނޫނެވެ. ރޫޙާނީ ތަރްބިޔަތު އެކަންޏެއްވެސް ނޫނެވެ. ހަމައެކަނި ފިކުރީ، ފަލްސަފީ އަދި ނަޒަރީ ތަރްބިޔަތެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ބޭނުންވަނީ ވިސްނުމާއި، ފިކުރާއި، ޖިސްމާއި، ރޫޙާއި ނަޒަރިއްޔާ އާ މިހުރިހާ ކަމެއް އެކުލެވޭ ޢަމަލީ ތަރްބިޔަތެކެވެ.

ތަރްބިޔަތުގެ ބޭނުން

އިންސާނާއަކީ ޤުދުރަތުގެ ވަރަށް މޮޅު އުފެއްދެވުމެކެވެ. އެއްސިފަ އަނެއް ސިފަޔަކާ މުޅީން ތަފާތު ދެސިފައެއްވެސް އިންސާނެއްގެ ކިބައިގައި އުފެއްދިދާނެއެވެ. އެއްކަމެއްގެ އިދިކޮޅު އަނެއްކަމެއް އަށަގަނެ އާލާވުމުގެ އެކަށޭނަކަންވެސް އިންސާނާގެ ކިބައިގައި ވަނީ ލައްވައިފައެވެ. އެދެވޭ ސިފަތަކާއި ނެދެވޭ ސިފަތައްވެސް އޭނާގެ ކިބައިގައި އުފެދިދާނެއެވެ. އާދެ، ހެޔޮކަމާއި ނުބައިކަމެވެ. ބިނާކުރުމާއި މުގުރުމެވެ. މަޑުމައިތިރިކަމާއި، ހަރުކަށިކަމެވެ. ލޯތްބާއި ނަފްރަތެވެ. ރަޙްމަތްތެރިކަމާއި، ޢަދާވާތްތެރިކަމެވެ. ހަނގުރާމައާއި ސުލްޙައެވެ. މިފަދަ ތަފާތު ސިފަތައް އިންސާނާގެ ކިބައިގައި އުފެއްދިދާނެއެވެ. އެހެންކަމުން ހެޔޮކަމަށް އެނާގެ ހިތްޖައްސައި ނުބައިކަންކަމަށް އޭނާ ނަފުރަތު ނުކުރުވިއްޖެނަމަ އިންސާނީ މުޖްތަމަޢުގެ އަމަންއަމާންކަން ނެތިގެން ހިނގައިދާނެއެވެ. އެހެނީ އިންސާނާއަކީ އިސްވެދެންނެވި އިދިކޮޅު ސިފަތައް އަށަގަނެ އާލާވުމުގެ އެކަށޭނަކަން ލައްވައިފައިވާ މީހެކެވެ. ނަފުސުގެ އެދުންތަކަށް ތަބާވުމުގެ ބަލިކަށިކަންވެސް އޭނާގެ ޠަބީޢަތުގައި ވަނީ ލައްވައިފައެވެ. ހަމައެފަދައިން މަސްއޫލިއްޔަތުން ރެކުމަކީވެސް އިންސާނާގެ ކިބައިގައި ހުންނަ އުނިސިފައެކެވެ. އިންސާނާ އޭނާއަށް ލިބެންޖެހޭ ޙައްޤުތައް ހޯދަން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ވާޖިބުތައް ބޮލުން ނައްޓައިލައެވެ. އެހެންކަމުން އިސްވެދެންނެވި ހަމަތަކުގެ މަތީން އިސްނާނާ ތަރްބިޔަތު ނުކުރެވިއްޖެނަމަ އޭނާ ދުވަމުންދާނީ ލަގަނެއްނެތް ޖަނަވާރެއް ފަދައިންނެވެ. އޭނާގެ ނަފްސާނީ އެދުންތަކުގެ ފަހަތުންނެވެ. އޭނާ ޚިޔާރުކުރާނީ މަސްއޫލިއްޔަތަށް ފިލުމުގެ މަގެވެ. އޭނާގެ ކިބަޔަކު ޖަވާބުދާރީވުމުގެ އިޙްސާސެއް ނުހުންނާނެއެވެ. އެނާގެ ޝަޚްޞިއްޔަތުގައި ހުންނާނީ އެއްފަރާތަކަށް ޖެހުމެވެ. ކޮންމެވެސް އެއް އިންތިހާޔަކަށް ދިޔުމެވެ. އޭނާގެ ޝަޚްޞިއްޔަތު ވާނީ މެދުމިންކަމާއި ވަޒަންހަމަކަމުން މަޙްރޫމުވެގެންނެވެ. ނަތީޖާއަކަށްވާނީ އަނިޔާއާއި ފަސާދައިން ބިންފުރުމެވެ. އެހެންކަމުން އިންސާނާއަށް ރަނގަޅު ތަރްބިޔަތުދިނުން ލާޒިމެވެ. އޭނާ ހަމަ އާއި އިންސާފުގެ މަގުގައި ސާބިތުކޮށް ދެމެހެއްޓުމަށްޓަކައެވެ. މުޖްތަމަޢުގައި ޞުލްޙައާއި، ހަމަޖެހުމާއި އަމަންއަމާންކަން ޤާއިމުކުރުމަށްޓަކައެވެ.

މިސާލެއްގެ ގޮތުން ބަލަމާ ހިންގަވާށެވެ. އަޅުގަނޑުމެން ދަނޑަކަށް ގޮވާންލައިފިނަމަ ގޮވާން ގަސްތައް ފަޅައިގެން އަންނައިރު އެގަސްތަކާއެކު ތޮނަވެސް ފަޅައެވެ. އެހެންކަމުން އަޅުގަނޑުމެން ބޭނުންވާ ގޮވާން ހެއްދުމަށްޓަކައި ދަނޑުން ތޮނަނަގައި ފަރުވާތެރިކަމާއެކު ބަލަހައްޓަންޖެހެއެވެ. އަޅުގަނޑުމެން ހައްދަން ބޭނުންވާ ގޮވާންގަސްތަކަށް ބާރުލިބި އާރޯކަމާއެކު ހެދެމުންދާނީ އޭރުންނެވެ.

އަރަހުށި މާތްﷲ އިންސާނާ ހެއްދެވީ ބިން ޢިމާރާތްކުރުމަށްޓަކައެވެ. ބިންމަތީގައި ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައެވެ. ވަޒަންހަމަ އިންސާފުވެރި ދިރިއުޅުމެއް ހޭދަކުރުމަށްޓަކައެވެ. އެހެންކަމުން ނަފްސާނީ އެދުންތަކާއި، އަމިއްލަ ދަހިވެތިކަމުގެ "ތޮނަތަކާއި ކަށިގަސްތަކުން" އޭނާގެ ޝަޚްޞިއްޔަތު ސާފުކުރާން ޖެހެއެވެ. އޭނާ ނުބައިމަގަށް އެޅުނަނުދީ ބަލަހައްޓަން ޖެހެއެވެ. ބިނާކުރަނިވި ގޮތެއްގައި އޭނާގެ ޝަޚްޞިއްޔަތު ބައްޓަންވާނީ އޭރުންނެވެ. މިކަމަށް ކީރިތި ޤުރުއާނުގައި ދެއްވައިފައިވާ އެއްނަމަކީ އިންސާނުންގެ ނަފުސު ޠާހިރުކުރުމެވެ. ނަބީބޭކަލުން ފޮނުއްވީ އެކަމަށްޓަކައެވެ.

މައިންބަފައިންގެ ޒިންމާ

އުންމަތްތަކާއި، މިއްލަތުތައް ތަރްބިޔަތު ކުރެއްވުމުގެ މަސްއޫލިއްޔަތު ނަބީބޭކަލުންނާއި، ރަސޫލުބޭކަލުންނާ މަތިކުރެއްވިފަދައިން ޢާއިލާގެ މެމްބަރުންގެ ތަރްބިޔަތު ޙަވާލުކުރައްވައިފައިވަނީ ޢާއިލާތަކުގެ އިސްމީހުންނާއެވެ. ޚާއްޞަކޮށް ދަރިން ތަރުބިޔަތުކުރުމުގެ ޒިންމާ އަޅުއްވައިފައިވަނީ މައިންބަފައިންގެ ކޮނޑުގައެވެ. އަރަހުށި މާތްﷲ އިރްޝާދު ދެއްވައިފައިވަނީ މިދަންނަވާ މޭރުމުންނެވެ.

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި ތިޔަބައިމީހުންގެ އަހްލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ." (އައްތަޙްރީމު : 6)

ސައްޔިދު ޤުޠުބު ޝަހީދު މިއާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވާ ގޮތުގައި އިންސާނާ އޭނާގެ އަމިއްލަ ނަފުސު އިސްލާޙުކޮށް ހިތް ޠާހިރު ކުރަން މަސައްކަތްކުރުން ވާޖިބު ފަދައިން ތިމާގެ ގޭގެ އަހްލުވެރީން އިސްލާޙުކޮށް ތަރްބިޔަތުކުރުން ވާޖިބެވެ. އެ މައްސަލައިގައި އޭނާ ޖަވާބުދާރީވާންޖެހެއެވެ. ދަރީންގެ ތަރްބިޔަތާ ބެހޭގޮތުން އަރަހުށި މާތްﷲ ޤިޔާމަތް ދުވަހުން މައިންބަފައިންގެ ކިބައިން ހިސާބު ހިއްޕަވާނެއެވެ. ޢައްލާމާ އިބުނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވާގޮތުގައި އަރަހުށި މާތްﷲ ޤިޔާމަތްދުވަހުން ދަރިފުޅު ބައްޕަގެ ހައްޤު އަދާކުރި ގޮތާމެދު ސުވާލުކުރެއްވުމުގެ ކުރީން ސުވާލުކުރައްވާނީ ބައްޕަ ދަރިފުޅުގެ ތަޢުލީމާއި ތަރްބިޔަތާއި އެހެނިހެން ޙައްޤުތައް އަދާކުރި ގޮތަކާމެދުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވާގޮތުންވެސް ކޮންމެ ބެލެހެއްޓުންތެރިޔަކާވެސް އެމީހެއްގެ ބެލުމުގައި ދަށުގައި ތިބި ބަޔެއްގެ ކަންތައް ބެލެހެއްޓި ގޮތަކާމެދު ސުވާލުކުރެއްވޭނެއެވެ.

ތަރްބިޔަތުގައި މަންމަގެ ދައުރު

ދަރިފުޅުގެ ތަރްބިޔަތު ފެށުން ރައްދުވަނީ މަންމަގެ ރަޙިމުގައި އޭނާ ގަރުބަގަތުމުގެވެސް ކުރިޔަށެވެ. ކާވެނިކުރާއިރު ޚުލުޤު ރަނގަޅު، ދީންވެރި އަންހެނުން ޚިޔާރުކުރުމަށް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވަނީ އެގޮތުންނެވެ. އަޚްލާޤީ އަގުތަކާއި، ރީތިޚުލުޤާއި، ދީންވެރިކަމުގެ ގޮތުން ދަރީންނަށް ރަނގަޅު ޞާލިޙު ބިންގަލެއް އަޅުއްވައިދެއްވުމުގެ ގޮތުންނެވެ. ކުދީންގެ ޙަޔާތަށް އެކަމުން ފޯރާ އެދެވޭ އަސަރުތަކަށް ބައްލަވައިގެންނެވެ.

މިޒަމާނުގެ ހޯދުންތަކުން އެނގޭގޮތުގައި މަންމަގެ ތަރްބިޔަތާއި، ކަންކަމާމެދު މަންމަ ވިސްނާގޮތާއި މަންމަގެ ޖަޒުބާތު ބަނޑުގައި އޮންނަ ދަރިފުޅުގެ ޝަޚްޞިއްޔަތަށް އަސަރުފޯރުވައެވެ. ނަފްސިއްޔާތުގެ މާހިރުން ދެކޭގޮތުގައި ކުއްޖާ މަންމަގެ ރަޙިމުގައި އުފެދި ފުރިހަމަވަމުން އަންނައިރު އޭނާގެ ތަރްބިޔަތަށްވެސް ފެށެއެވެ. ބަލިވެއިންނައިރު މަންމަ ކާއެއްޗެހީގެ އަސަރު ކުއްޖާގެ ޖިސްމާނީ ޞިއްޙަތަށް ފޯރާ ފަދައިން މަންމަގެ އިޙްސާސުތަކާއި، ޚިޔާލުތަކާއި، މަންމަގެ ޙަރަކާތްތަކުގެ އަސަރު ކުއްޖާގެ ދިރިއުޅުމަށާއި، އޭނާގެ ނަފްސިއްޔާތަށް ކުރެއެވެ. އެހެންކަމުން މާބަނޑުމީހުން ފިކުރުތަކުން އެއްކިބާވެ އުފާވެރި މިޒާޖެއްގައި ތިބުމަށް ލަފާދެވެއެވެ.

މަންމަގެ އުނގަކީ ކުއްޖާގެ އެންމެ ފުރަތަމަ މަދަރުސާއެވެ. އަރަހުށި މާތްﷲ ވަނީ އެޝަރަފު މަންމަޔަށް ދެއްވައިފައެވެ. އިންސާނީ ހުރިހާ ގުޅުންތަކެއްގައި މަންމަގެ މަޤާމު އެންމެ މަތިވެރިވަނީ އެސަބަބަށްޓަކައެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް ބޭކަލަކު ވަޑައިގެން ވިދާޅުވިއެވެ.

" އޭ މާތްﷲ ގެ ރަސޫލާއެވެ! މީސްތަކުން ކުރެ އެމީހަކަށް އަޅުގަނޑު ކަމޭހިތުން އެންމެ ޙައްޤުކަން ބޮޑު މީހަކީ ކޮބައިތޯއެވެ؟" ޙަދީޡުކުރެއްވިއެވެ. (އެއީ) ތިބާގެ މަންމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ކާކުތޯއެވެ؟ ޙަދީޡުކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ކާކުތޯއެވެ؟ ޙަދީޡުކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ކާކުތޯއެވެ؟ ޙަދީޡުކުރެއްވިއެވެ. ތިބާގެ ބައްޕައެވެ. (މުއްތަފަޤުން ޢަލައިހި)

ޝައްކެއްނެތެވެ. ހެޔޮލަފާ ޞާލިޙު ދަރީން ތަރުބިޔަތު ކުރެވޭނީ ހެޔޮލަފާ މަންމަޔަކަށެވެ. ޢަރަބީންގެ މަޝްހޫރު ޝާއިރު އަޙްމަދު ޝައުޤީގެ ޅެމެއްގައިވެއެވެ.

"މަންމަޔަކީ މަދަރުސާއެކެވެ. އެމަދަރުސާ ތައްޔާރުކޮށް ރަނގަޅު ތަރުބިޔަތެއް ދޭނަމަ އެއީ ރަނގަޅު ނަސްލެއް އުފެއްދުމެވެ."

ފެންކޮށީގައި ދެވޭ ތަރްބިޔަތުގެ އަސަރު

ޝައްކެއްނެތްގޮތުގައި އެންމެ ފައިދާ ހުރި ތަރްބިޔަތަކީ ޅަފަތުގައި ދެވޭ ތަރްބިޔަތެވެ. ފެންކޮށީގައިދެވޭ ތަރްބިޔަތުގެ އަސަރު އަބަދަށް ދެމިހުރެއެވެ. އެންމެ ފުރަތަމަ ހިތުގައި ނެގޭ ބިންވަޅަކީ ދާއިމަށް ފިލައިގެން ނުގޮސް ހުންނަ އެއްޗެކެވެ. އެކަމާ ގުޅޭގޮތުން ޢަރަބި ބަހުގައި އުފެދިފައި އޮންނަ މިސާލުބަހެއްގައި ބުނާގޮތުން ޅައުމުރުގައި ދެވޭ ތަޢުލީމަކީ ހިލައިގައި ބިންވަޅުނަގައި ކުރަހާ ކުރެހުމެއްފަދައެވެ. އެހެންކަމުން ޅަޢުމުރަކީ ކުއްޖާއަށް ތަޢުލީމާއި ތަރުބިޔަތު ދިނުމަށް އެންމެ ފަހި ޢުމުރެވެ. އެންމެ މުނާސަބު ޢުމުރެވެ. އެޢުމުރުގައި ކުއްޖާގެ ހިތުގެ ބިއްލޫރިގަނޑުގައި އެއްވެސް ފުސްކަމެއް ނުހުރެއެވެ. އެއްވެސް ވަރަކަށް ކޫރުއެޅިފައެއް ނުހުރެއެވެ. އެކުދީންގެ މަޢުޞޫމު ހިތްތަކަކީ ސާފު ހުދު ކަރުދާހެއްފަދައެވެ. މައިންބަފައިން ބޭނުން ކޮންމެ ކުލަޔަކުން ބޭނުން ކޮންމެ އެއްޗެއް އެކަރުދާހުގައި ލިޔެވިދާނެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަރަށް މަޝްޙޫރު ހަދީޘުފުޅެއްގައިވެސް ހަމަ މިވާހަކަ ވަނީ ބަޔާންކޮށްދެއްވައިފައެވެ. އާދެ، އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވައިފައިވެއެވެ.

" ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ. (މުސްލިމު)

އަލް އިމާމު ޣަޒާލީ ރަޙިމަހުﷲ އަށް ޙަވާލާދެއްވައި އަލްއުސްތާޒު އަޙްމަދު ޝަލަބީ އޭނާގެ "އައްތަރުބިޔަތު ވައްތަޢުލީމު ފިލްފިކުރިލް އިސްލާމީ " ގައި ލިޔުއްވައިފައިވެއެވެ.

" ތުއްތުކުއްޖާގެ ޟަމީރުވާނީ މުޅީންސާފުކޮށެވެ. އޭނާގެ ފުރާނަވާނީ އެއްވެސް ކަހަލަ ލަކެއްނެތިއެވެ. އޭނާގެ ހިތް މޫނު ބަލާ ލޯގަނޑެއްފަދައެވެ. އޭނާގެ ކުރިމަތީން ފެންނަ ކޮންމެ ކަމެއްގެ އަސަރު ޤަބޫލުކުރަން އޭނާ ހުންނަނީ ތައްޔާރަށެވެ. އޭނާ ރަނގަޅަށް ތަރްބިޔަތުކޮށް ހެޔޮގޮތުގައި އުނގަންނައިދެވިއްޖެނަމަ ރަނގަޅު އިންސާނަކަށްވެއެވެ. ކުށްގޮތެއްގައި ތަރްބިޔަތުކުރެއްވިއްޖެނަމަ ނުވަތަ ތަރްބިޔަތުކުރުމުގައި ޣާފިލުވެވިއްޖެނަމަ ނުބައި އިންސާނަކަށްވެއެވެ."

ޢަރަބީންގެ މަޝްހޫރު ޝާއިރު އަލްޙަޠިއްޔާގެ ޅެމެއްގައިވެއެވެ.

" ޅަފަތުގައި ކުދީން ތަރްބިޔަތުކުރަން ފަސޭހައެވެ. އެއުމުރުގައި ދެވޭ ތަރްބިޔަތުގެ ފައިދާބޮޑެވެ. އެއުމުރު ފަހަނެޅުމަށްފަހު ދެވޭ ތަރްބިޔަތުގެ ނަތީޖާ ފެންނަލެއް މަދެވެ. ޅަނދޮޅު ޅަބާޅަ ގޮތްޕެއް ބޭނުންގޮތަކަށް ހާނައިލެވިދާނެއެވެ. ނަމަވެސް ގޮފިގަނޑެއް ފަލަވެ އާރުލުމަށްފަހު ލަންބައެއްނުލެވޭނެއެވެ."

ޅަފަތުގައި ކުދީންނަށް ރަނގަޅު ތަރްބިޔަތެއް ދިނުމުގައި އިހްމާލުވެވިއްޖެނަމަ ނިކުންނާނީ ވަރަށް ހިތި ނަތީޖާއެކެވެ. ބައެއްފަހަރު މުޅި އުމުރަށް އެކަމާ ކަރުނަ އަޅާންޖެހެއެވެ. ޝައިޚް ސަޢުދީވަނީ ވަރަށް ޙިކުމަތްތެރި ބަސްފުޅަކުން އެވާހަކަ ވިދާޅުވެދެއްވައިފައެވެ. ސަޢުދީ ފާރިސީބަހުން ވިދާޅުވެފައިވަނީ "އެންމެ ފުރަތަމަ ގާބުރި ކައްޗަށް ބާއްވައިފިނަމަ ފާރު ކިތަންމެ އުސްކުރިޔަސް ހުންނާނީ ކައްޗަށޭ "މިފަދައިންނެވެ. ސައުދީގެ ބަސްފުޅު ކޮންމެވެސް ޒަމާނެއްގައި ދިވެހިވެފައިވަނީ "ކައްޗަށް އެޅި ބިންގަލެއްގެ މަތީގައި ކެއްޗާ ހަމައަށް ނެންގަސް ހުންނާނީ ކައްޗަށެވެ. " މިފަދައިންނެވެ. އާދެ، ސައުދީގެ ބަސްފުޅަށްވުރެވެސް ފުރިހަމަކޮށެވެ.

(ނުނިމޭ)

comment ކޮމެންޓް