މަންމައާ އަންހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުން މުހިއްމު

އަންހެން ދަރިފުޅު ބޮޑުވެ ފުރާވަރަށް އަރަމުން އަންނަ އިރު އެކުއްޖާގެ އެންމެ ގާތް އެކުވެރިއެއްގެ މަގާމުގައި ހުންނަން ވާނީ މަންމަ ނުވަތަ މަންމަގެ މަގާމުގައި ހުންނަ މީހެކެވެ. މި ދުވަސްވަރަކީ ކުއްޖާއަށް ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުންވެސް ބޮޑު ބަދަލެއް އަންނަ ދުވަސްވަރަކަށްވެފައި މި ބަދަލުތަކާ ބެހޭ ގޮތުން ކުއްޖާއަށް އޮޅުންފިލުވައިދީ، ކަންކުރަންވީ ގޮތް ބުނެދިނުމަކީ މަންމަގެ ޒިންމާއަކަށް ވާތީއެވެ.

އަންހެން ދަރިފުޅު ފުރާވަރަށް އަޅާއިރު، ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތައް ބުނެދީ، ކުއްޖާއަށް ހެޔޮނުބައި ދަސްކޮށްދިނުމަކީ އެދުވަސްވަރު މުހިއްމުކަމެކެވެ. މި ވާހަކަތައް ދައްކަން ފަސޭހަވާނީ ކުރީއްސުގެ ދެމައިންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްގެންނެވެ.

މަންމައާއި އަންހެންދަރިފުޅަކީ ގާތް އެކުވެރިންނަށްވެސް ވާންޖެހެއެވެ. އަންހެން ދަރިފުޅަށް ދިރިއުޅުމުގައި ދިމާވާ ކަންތަކާ ބެހޭގޮތުން މަޝްވަރާކޮށް ވާހަކަދައްކައިލުމުގެ ފުރުސަތު ދިނުމަކީ މަންމައިން ކުރަންޖެހޭނެ ކަމެކެވެ. މަންމައެއްގެ ހައިސިއްޔަތުންނާއި އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ދަރިން ދައްކާވާހަކަ ރަނގަޅަށް އަޑުއަހަންވާނެއެވެ. ފުރާވަރުގެ ކުދިން ދައްކާނެ ލައްކަ ވާހަކަ ހުންނާނެއެވެ. ދަރިފުޅަށްޓަކައި ދުވަހުގެ ކޮންމެވެސް އެއް ވަގުތެއް ހުސްކޮށް ދެމައިން އެކުގައި ވާހަކަ ދައްކާލުމަކީ ގުޅުން ވަރުގަދަވާނެކަމެކެވެ. ދިރިއުޅުމާ ގުޅޭ ނަސޭހަތްދީ، ކަންކުރާނެ ގޮތުގެ ލަފާ ދޭންވާނެއެވެ.

އަންހެން ދަރިފުޅު ކުރަންބޭނުންވާ ކަންތަކާއި، ކުރަން ބޭނުން ނުވާ ކަންތައް އަދި ކުރާ ހިތްވާ ކަންތަކާއި ކުރާހިތް ނުވާކަންތައްތައް ދެނެގަނެ ކުއްޖާ ކުރިއަށްދާން ބޭނުންވާ ގޮތަކީ ކޮބައިތޯ ބެލުން މުހިއްމެވެ. ކުއްޖާ ހިޔާރު ކޮށްފައިވާ ގޮތަކީ އެކުއްޖާއަށް ގެއްލުމެއް ނެތް ކަމެއް ކަމަށް ވަނީނަަމަ، އެއީ މަންމަ އަދި ބައްޕަވެސް ރުހޭ ކަމެއް ކަމުގައި ކުއްޖާއަށް ބުނެދޭށެވެ. އަދި ކުރިއަށްދާން ކުއްޖާއަށް ސަޕޯޓުދޭށެވެ.

އަންހެނުންނަކީ "ޑްރާމާ"ގެ ބައި ބޮޑު ބައެކެވެ. ހާޢްސަކޮށް ފުރާވަރުގެ ކުދިންނެވެ. މިކަން އެންމެ ރަނގަޅަށް ގަބޫލުކުރެވޭނެ ބަޔަކީ މައިންނެވެ. އެއީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެމީހުންވެސް އެދުވަސް ދެކެފައި ތިބޭނެތީއެވެ. މަންމައާއި އަންހެން ދަރިފުޅުގެ ގުޅުމުގައި، ކުއްޖާގެ ޑްރާމާ އަޑުއަހާ، އެއަށް ޕޮޒިޓިވް ރިއެކްޓެއް ކުރުން މުހިއްމެވެ. ކުއްޖާގެ ޑްރާމާއަށް މަންމަގެ ފަރާތުން ނެގެޓިވް ރިއެކްޝަނެއް އަންނަ ނަމަ، ކުއްޖާގެ އިހުސާސްތައް މަންމަގެ ކުރިމަތީ ބަންޑުންކޮށްލަން ފަސްޖެހޭތަން އަތުވެދާނެއެވެ.

ހަޔާތުގައި ދިމާވި ކަންތަކުގެ ވާހަކަ ދަރިފުޅަށް ކިޔައިދީ، އެއިން އިބުރަތް ހާސިލްކުރަންވީގޮތްވެސް އޮޅުން ފިލުވައިދިނުމަކީ މަންމަ އަކު އަންހެން ްދަރިއަކަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. މީގެ އިތުރުން ދިރިއުޅުމުގައި ކޮންމެހެން އެނގެންޖެހޭނެ ހުނަރުތައް ކުއްޖާ ބޮޑުވަމުން އަންނަ އިރު ދަސްކޮށްދެންވާނެއެވެ.

ސްކޫލުގައި އަދި ސްކޫލުން ބޭރުގައިވެސް ކުއްޖާގެ ރަހުމަތްތެރިންނާ އޮންނަ ގުޅުމުގެ ވާހަކަ ދައްކާ، އެކުވެރިކަން ބަދަހި ކުރާނެ ގޮތުގެ މަޝްވަރާ ދޭށެވެ. އެކުވެރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަށްވެސް ފުރުސަތު ދޭންވާނެއެވެ. ދަރިފުޅަށް އިތުބާރު ކުރާކަން ވިސްނައިދޭށެވެ. އަދި އުޅެންވީ ގޮތާއި ނޫޅެންވީ ގޮތްވެސް ބުނެދީ ހެދުމަކީ މަންމަ ކުރަންވާނެ ކަމެކެވެ.

comment ކޮމެންޓް