ހަޒާޑުގެ ގޯލުން ޗެލްސީ ބަލިނުވެ ސަލާމަތް ވެއްޖެ

ޗެލްސީގެ އެޑެން ހަޒާޑު ރޯމާ ކޮޅަށް ލަނޑު ޖެހުމަށް ފަހު-- ފޮޓޯ: އޭޕީ

އެޑެން ހަޒާޑު ކާމިޔާބުކޮށްދިން ގޯލުން، ރޯމާ އަތުން ބަލިނުވެ ޗެލްސީ ސަލާމަތް ވެއްޖެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕު 'ސީ'ގައި ރޭ ޗެލްސީ އާއި ރޯމާ ބައްދަލު ކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުން އެއްވަރުވި ނަމަވެސް ގްރޫޕުގެ އެއްވަނަ ހަތް ޕޮއިންޓާއެކު ލިބެނީ ޗެލްސީ އަށެވެ. ފަސް ޕޮއިންޓާއެކު ރޯމާއަށް ލިބެނީ ދެވަނައެވެ.

ރޯމާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ޑޭވިޑް ލުއިޒް އުފާފާޅު ކުރަނީ-- ފޮޓޯ: އޭޕީ

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފޯރި ގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޑޭވިޑް ލުއިޒްގެ ހިތްގައިމު ލަނޑުން މެޗުގެ ލީޑު 11 ވަނަ މިނެޓުގައި ނެގީ ޗެލްސީންނެވެ. ލަނޑާއެކު ރޯމާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ހަޒާޑު ވަނީ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު ފުޅާ ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލެކްސެންޑާ ކޮލަރޮވް ވަނީ ޗެލްސީގެ ގޯލު ފޫއަޅުވާލައި ލީޑު ހަނިކޮށްފައެވެ.

ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖެކޯ އުފާފާޅު ކުރަނީ-- ފޮޓޯ: އޭޕީ

ދެވަނަ ހާފު ރަނގަޅަށް ފެށީ ރޯމާ އިންނެވެ. އެގޮތުން އެޑިން ޖެކޯ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ލަނޑަށް ފަހު ވެސް ރޯމާ ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާ އަކަށް ވީ މާ ގިނަ އިރުތަކެއް ނުވެ ޖެކޯ އިތުރު ލަނޑެއް ޖަހައި ރޯމާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައި ދީފައެވެ.

ޖެހި ޖެހިގެން ތިން ވަނަ މެޗުން ބަލިވާން ދަނިކޮށް ޗެލްސީއަށް މެޗުން ޕޮއިންޓެއް ހޯދައިދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިން ހަޒާޑެވެ.

މި ގްރޫޕުގައި ރޭ އެތުލެޓިކޯ މެޑްރިޑް އާއި ގަރަބާގް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

comment ކޮމެންޓް