ހަނީފު މަރުވީ ބިރުވެރި ތަނަކަށް، އެއީ އެތަނަށް މަރުވި ހަތަރު ވަނަ މީހާ

ގއ. ވިލިނގިލީ ކައިރި އޮންނަ ފަޅު ރަށެއް ކަމަށްވާ ރާވަށްރެހާ: އެރަށް ދަތުރު ދިޔަ ފުލުހަކު ވަނީ ގެނބިގެން މަރުވެފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް

ފުލުހުންގެ ކޮންސްޓަބަލް މުހައްމަދު ހަނީފު، 32، ގެނބިގެން މަރުވި ރަށް، ގއ. ރައިވެއްރެހާއަކީ "އެކެފަރު" ކިޔާ ފަރެއްގެ މަތީގައި އުފެދިފައިވާ ރަށެކެވެ. އެ ރަށަކީ އެކަހެރިކޮށް އޮންނަ ރަށެއް ނޫނެވެ. ގއ. ވިލިނގިލީ ކައިރީގައި، އެއް ފަޅެއްގައި އޮންނަ ރަށެކެވެ.

އެ ރަށާ ގުޅިފައިވާ އެ ފަރަކީ ހުވަދޫ އަތޮޅުގެ އެންމެ ބޮޑު ފަރެވެ. ހުވަދޫ ކަނޑުގެ އިރުމަތީ ފަރާތުން ނަގާ ބިޔަ ރާޅުތައް ބިންދަނީ އެ ފަރުގެ މައްޗަށެވެ. ފަރާ ގުޅިފައިވާ ދިމަ ދިމާލުގައި ތިލަ ފަޅުތަކާއި ފުން ވިލުތަކެއް ހުރެ އެވެ. ދިޔަވަރު ބޮޑުވާ ވަގުތުގައި ހުވަދު އަތޮޅު ތެރެއަށް، އޮއިވަރު ދަމަނީ އެ ފަރު މަތިންލައިފަ އެވެ.

ފުލުހުންގެ ކޮންސްޓަބަލް ހަނީފު ގެނބިގެން މަރުވީ އެ ސަރަހައްދުގެ ދިޔަވަރު ބޮޑުވެ، ގަދަވަޔާ އެކު ބާނިތައް އުފެދިފައި ވަނިކޮށެވެ. އެ ހާދިސާ ހިނގީ ހަނީފާއި އޭނާގެ އަންހެނުން ރައިވެއްރެހާ ދިމާލުން މޫދަށް އެރި އުޅެނިކޮށް، ކުއްލިއަކަށް ކަމަށް ވިލިނގިލީ މީހުން ބުނެ އެވެ.

ވިލިގިއްޔާއި މާވައްރަހާ ދެރަށުގެ ދެމެދުގައި އޮންނަ ފުންގަނޑު ---

ހަނީފު ގެނބުނު ސަރަހައްދަކީ "ބިރުވެރި" ސަރަހައްދެކޭ ވިލިނގިލީ މީހުން ކިޔައި އުޅެ އެވެ. އެ ވާހަކައަށް ބާރު ލިބޭ ހާދިސާތަކެއް އެތަނުގައި ހިނގާފައި އެބަހުއްޓެވެ. މަރުތަކެއް ހިނގާފައިވެ އެވެ.

އެގޮތުން 2003 ވަނަ އަހަރު ވިލިނގިލީ އަތޮޅު ތައުލީމީ މަރުކަޒުގެ 30 ވަރަކަށް ދަރިވަރުން ރައިވެއްރެހާއަށް ދަތުރު ގޮސް އުޅެނިކޮށް، އޮޔާ ގެންގޮސް، ދަރިވަރަކު ގެނބިގެން މަރުވެފައިވެ އެވެ.

"ހަމަ ކުއްލިއަކަށް އެފަހަރު ވެސް އެކަން ދިމާވީ. ދަރިވަރުންތަކެއް އޮޔާ ދަމައިގަތީ. ބައެއް ކުދިން ސަލާމަތްވީ ހަމަ ކިރިޔާ. ޓީޗަރުންނާއި ފަތަން އެނގޭ ދަރިވަރުންގެ ހުޝިޔާރުކަމުން ގިނަ ކުދިން އެފަހަރު ސަލާމަތްވީ،" މީގެ 14 އަހަރު ކުރިން ހިނގި އެ ހާދިސާ ތަޖުރިބާ ކުރަންޖެހުނު ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުސްކުޅި ދަރިވަރަކު ބުންޏެވެ.

ރައިވެއްރެހާއަކީ މިހާރު ވެސް ވިލިގިލީ މީހުން ދަތުރުގޮސް މޫދަށް އެރި އުޅޭ ރަށެކެވެ. ރަށުގެ ދުވަސްވީ މީހުންގެ ވާހަކަތަކަށް ބަލާއިރު އިހު ޒަމާނުގައި ވެސް އެތަނުގައި މީހަކު ގެނބިގެން މަރުވެފައިވެ އެވެ.

"އަޅުގަނޑުމެން މަންމަމެން އިރުގައި މީހަކު އެތަނަށް މަރުވި. އޭގެ ފަހުން އަޅުގަނޑު ހަނދާން ހުންނަ ގޮތުން ވެސް މީހަކު އެތަނުގައި މަރުވި. އޭގެ ފަހުން ސްކޫލު ދަރިވަރަކު ގެނބިގެން މަރުވީ. އެންމެ ފަހުން އެތަނަށް އެ މަރުވީ ހަނީފު،" ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން ބުންޏެވެ.

ނުވަދިހައިގެ އަހަރުތަކުގައި ހިކި ދިޔާގައި، ކޮންމެ ވެސް ވަރަކަށް ތެމިގެން ވިލިނގިލިން އެ ރަށަށް ހިނގާފައި ދެވޭ ކަމަށްވެ އެވެ. ނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި ފަތާފައި ވެސް އެ ދުވަސްވަރު އެ ރަށަށް ދިޔުމަކީ ދަތިކަމެއް ކަމަށް ވިލިނގިލީ މީހުން ބުނެ އެވެ.

ވިލިނގިލީ ބިން ހިއްކުމަށް ހިންގި މަޝްރޫގައި ވިލިނގިލިން ރާވެއްރެހާއަށް ހިނގާފައި ދެވޭނެ މަގެއް ވަނީ ހަދައިފަ އެވެ. ނަމަވެސް މިހާރު އެތަނުގެ ބޮޑު ބައި ވަނީ ގިރާލައިފަ އެވެ. އެ މަގު ގިރާލާފައި ވަނީ ރައިވެއްރެހާ ދިމާލުންނެވެ.

ކައުންސިލަރު ހަބީބު ވިދާޅުވި ގޮތުގައި އެ މަގު ގިރާލާފައިވުމުން، ވިލިނގިން ރައިވެއްރެހަށް މިހާރު ހިނގާފައި ނުދެވޭނެ އެވެ. އެ ރަށް ދެމެދުގައި އޮއި ގަދަވެ މޫދަށް އެރުނަސް އޮޔާ ދަމައިގަންނަ ގޮތްވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ވިލިނގިލީ މަގުތައް ހެދުމަށް އެ ރަށަށް ދިޔަ ކުންފުނިން ރައިވެއްރެހާ ދިމާލުން ވެލި ނެގުމުން އެތަން ވަރަށް ފުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަމަލުގެ ސަބަބުން އޮއި އުފެދި، ރަށުގެ ފަޅާއި ފުންގަނޑާ ދެމެދު ފަސްގަނޑު ދަމާ ކަމަށް ހަބީބު ފާހަގަކުރި އެވެ.

ހަނީފާއި އޭނާގެ އަންހެނުން ---

ހަނީފާއި އޭނާގެ އަންހެނުން މޫދަށް އެރިލަން ރައިވެއްރެހާއަށް ގޮސް އެނބުރި ފަތާފައި ވިލިގިއްޔަށް އައި މަގުމަތީގައި ހަނީފު "ގަނބައިގަތް" ގޮތް ހަބީބު "ސަން"އަށް ތަފްސީލުކޮށްދިނެވެ.

"އަންހެނުން ކައިރީ ހަނީފު ބުނި ކަމަށް ވަނީ ތިމަންނައަށް ގޮތެއް އެބަވެޔޭ. އިރުކޮޅަކުން ހަނީފު އަޑިއަށް ދިޔައިޔޭ އޭނަ ބުނީ. އަތު ވެސް ނުޖެހުނޭ،" ހަނީފު އަންހެނުންނާ ހަވާލާދީ ހަބީބު ކިޔައިދިނެވެ.

ހަނީފަކީ ފަތަން އެނގޭ ފުލުހެކެވެ. ހަށިހެޔޮ ހަނީފު މަރުވީ އެވަގުތު ދިމާވި ސިއްހީ މައްސަލައަކުން ކަމަށް ވެސް ވެދާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަނީފުގެ އަންހެނުންނަށް ފަތަން ނޭނގޭތީ ފުރަތަމަ ބަކަތަޅި ކަމަށާއި އޭގެ ފަހުން ގައިން ވާގި ދޫކޮށްލައިގެން އުއްޑުން މޫދުގައި އޮތީ ކަމަށް ހަބީބު ވިދާޅުވި އެވެ. އެހެން އޮއްވައި އޮޔާ ދަމަމުން ތިލަ ހިސާބަކަށް ލެއްގީ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުން ހަނީފުގެ މަރުވެފައިވާ ހަށިގަނޑު މޫދު އަޑިން ނެގި އިރު ވެސް އޭނާ ދުއްވަން ގެންގުޅުނު ސައިކަލުގެ ތަޅުދަނޑި އަތު ތެރޭގައި އޮތެވެ. އަދި އަތް ވެސް އޮތީ މުއްކެވިފަ އެވެ.

ހަބީބު ވިދާޅުވީ ގެނބޭތީ ސަލާމަތްވާން ހަނީފު އުޅުނު ނަމަ އަތް މުއްކެވިފައި އޮންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ސިއްހީ ކުއްލި މައްސަލައެއް ކުރިމަތިވީ ކަމަށް ބެލެވޭ ކަމަށް ހަބީބު ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ޑޮކްޓަރަކު ވިދާޅުވީ މޫދުގައި އޮއްވައި މީހަކު އަކުނިވަޔަށް ދަމައިގަތުން ފަދަ ކަމެއް ވުމުން އަތް މުއްކެވި އަތަށް ބާރު ކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވާން ދިމާވަނީ މީހާގެ ހަށިގަނޑޫގެ މަސްތަކަށް ބާރުވާ ފެށުމުން އެތަދުން ސަލާމަތްވުމަށް މަސައްކަތް ކުރާއިރު ކަމަށެވެ.

މޫދަށް އެރޭ ސަރަހައްދުގައި އެފަދަ ހާދިސާތަކެއް ހިނގާފައި ހުރުމަކީ އެތަނަށް މޫދަށް އެރެން ދާ މީހުން ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. އަދި އެތަނުގެ އޮއި އެއަށް ވުރެ މަޑުވާނެ ގޮތަކަށް ބަދަލުތަކެއް ވެސް ގެންނަން ޖެހެ އެވެ.

comment ކޮމެންޓް